މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް، މިފްކޯގެ މެނޭޖިން ޑިރެކްޓަރ އަދި ޗީފް އެގްޒެކްޓިވް އޮފިސަރ ކަމުގެ މަޤާމަށް މއ. އަޅިވިލާގެ، ބްރިގޭޑިއަރ ޖެނެރަލް ރިޓަޔަރޑް ފަރުޙަތު ޝަޙީރު އައްޔަންކޮށްފިއެވެ.
މިފްކޯގެ މެނޭޖިންގ ޑިރެކްޓަރ އަދި ސީއީއޯގެ މަގާމަށް ފަރުޙަތު ޝަޙީރު އައްޔަންކުރައްވާފައިވާކަން ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން ވަނީ ހާމަކުރައްވާފައެވެ. ބްރިގޭޑިއަރ ޖެނެރަލް ރިޓަޔަރޑް ފަރުޙަތު ޝަޙީރުވަނީ ކުރިން އައިޖީއެމްއެޗްގެ ސީއޯކަމުގެ މަޤާމުވެސް އަދާކުރައްވާފައެވެ.
މިފްކޯގެ ސީއީއޯކަމުގެ މަޤާމަށް ރިޓަޔަރޑް ފަރުޙަތު ޝަޙީރު އައްޔަންކުރައްވާފައި މިވަނީ މިފްކޯގެ މެނޭޖިން ޑިރެކްޓަރ އަދި ޗީފް އެގްޒެކްޓިވް އޮފިސަރ ކަމުގެ މަޤާމުގައި ކުރިން ހުންނެވި ޑރ. ވިޓާލީ ލިއުބިމޮވް މިހަފްތާގެ ހޯމަ ދުވަހު މަޤާމުން ވަކިކުރެއްވުމަށްފަހުގައެވެ.
މިފްކޯއަށް އައްޔަންކުރެއްވި ބޭރުގެ ފުރަތަމަ މެނޭޖިން ޑިރެކްޓަރ ޑރ. ވިޓާލީ އެމަގާމަށް އައްޔަންކޮށްފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 9 ވަނަ ދުވަހުއެވެ.
މިފްކޯއަކީ ރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތްކުރިއެރުވުމަށް 1993ވަނަ އަހަރު އުފައްދާފައިވާ ކުންފުންޏެކެވެ.