ފަލަސްޠީނުގެ ޣައްޒާ އަލުން އާރާސްތު ކުރުމަށް މިޞްރުން ހުށަހަޅާފައިވާ ހުށަހެޅުމަށް ދިވެހިރާއްޖެއިން މަރުޙަބާ ކިޔައިފިއެވެ. މިކަން ހާމަކުރައްވާ ވަޒީރު އެކްސްގައި ޕޯސްޓެއް ކުރައްވާފައިވަނީ ޣައްޒާ އަލުން އާރާސްތު ކުރުމަށް މިޞްރުން ހުށަހަޅާފައިވާ ހުށަހެޅުމަށް ޢަރަބި ޤައުމުތަކުން ރުހުން ދިނުމާ ގުޅިގެންނެވެ.
ޣައްޒާގެ މުސްލިމުން ވަޒަނުން ބޭރުކޮށް، އެ ބިން ފޭރިގަތުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގެންގުޅުއްވާ ތަސައްވުރުގެ ބަދަލުގައި އަމަލު ކުރާނެ ގޮތުގެ ހުށަހެޅުން ފާސްކޮށްފައި ވަނީ މިޞްރުގެ ވެރިރަށް ޤާހިރާގައި ބޭއްވި ޢަރަބި ޤައުމުތަކުގެ ސަމިޓުގައެވެ.
ރާއްޖޭގެ ޚާރިޖީ ވަޒީރު ކުރެއްވި ޕޯސްޓްގައި ވިދާޅުވީ މި ހުށައަޅާފައިވާ ޕްލޭނަކީ ޢައްޒާގެ ކަމާގުޅުންހުރި އިދާރާތަކުގެ ލަފާގެ މައްޗަށް ބިނާކޮށް، ކުރިއަށްގެންދާ މަސައްކަތަކަށްވާތީ، ޢައްޒާގެ ރައްޔިތުންނަށް އެމީހުންގެ އަމިއްލަ ބިމާއި ވަޒަނުގައި ރައްޔިތުން ބޭނުންވާފަދަ ދިރިއުޅުމެއް އާރާސްތުކުރުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅަކަށް ވާނެކަމަށެވެ.
މި ފިޔަވަޅުތަކާއެކު، 1967 ގެ ކުރިން ފަލަސްތީނުގެ ބޯޑަރުތަކާ އެއްގޮތްވާ ގޮތުގެމަތިން، އިރުމަތީ ޤުދުސް އަކީ އެ ޤައުމުގެ ވެރިކަންކުރާ ރަށް ކަމަށް ކަނޑައަޅާ، ފަލަސްތީންގައި މިނިވަން ދައުލަތެއް ގާއިމުކުރުން ބާރަކަށް ވެގެންދާނެކަމަށް އުއްމީދުކުރައްވާކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
މިސްރުގެ ހުށައެޅުމުގައި ވަނީ އިންތިގާލީ ފިޔަވަޅުތަކާއި ޣައްޒާ އަލުން އާރާސްތު ކުރުމާއި ޣައްޒާގައި ވެރިކަން ހިންގާނެ ގޮތެއް ކަނޑައެޅުމަށެވެ.
މިޞްރުގެ ހުށަހެޅުމުގެ ފުރަތަމަ މަރުޙަލާގެ ދަށުން ހަ މަސް ދުވަހުގެ މުއްދަތެއްގެ ތެރޭގައި ޣައްޒާގައި ވެރިކަން ކުރާނެ ކޮމިޓީއެއް އެކުލަވާލާނެއެވެ. އަދި، ޞަލާޙުއްދީން މަގު ސާފުކޮށް، ޣައްޒާ އާރާސްތު ކުރުމުގެ މަސައްކަތް ފަށައިގަނެވޭނެއެވެ. އެއާ އެކު، 200,000 ހައުސިންގ ޔުނިޓު އެޅުމުގެ މަސައްކަތް ފަަށައި، ގެއްލުން ލިބިފައިވާ ބައެއް އިމާރާތްތައް މަރާމާތު ކުރުމުގެ މަސައްކަތް ކުރެވޭނެއެވެ. އެ ތަންތަނުގައި 1.2 މިލިޔަން މީހުންނަށް ހިޔާވަހިކަން ފޯރުކޮށްދެވޭނެ ކަމަށް މިޞްރުން ޤަބޫލު ކުރެއެވެ.
އަދި ދެވަނަ އަދި ތިންވަނަ މަރުޚަލާފައި 400،000 ގެދޮރު ބިނާކުރުމަށް ވަނީ ހަމަޖެހިފައެވެ.
މިޞްރުން ބުނީ، ޣައްޒާ އަލުން އާރާސްތު ކުރުމަށް 53 ބިލިޔަން އެމެރިކާ ޑޮލަރު ހޭދަވާނެ ކަމަށް އަންދާޒާ ކުރެވޭ ކަމުގައެވެ.
ޣައްޒާ އާރާސްތު ކުރުުމާ ގުޅޭ މަޝްވަރާތައް ޢަރަބި ޤައުމުތަކުން ފަށާފައި މި ވަނީ، އެ ސަހަރުގެ މުސްލިމުންގެ ނަސްލުހޭދު ކުރުމަށް ޔަހޫދީން ހިންގި ޤަތުލުޢާންމުގައި އެ ސަހަރުގެ ރައްޔިތުންގެ ގެދޮރާއި ޢުމްރާނީ ވަސީލަތްތައް ސުންނާފަތި ކޮށް ބިމާ ހަމަކޮށްލާފައިވާ ދަނޑިވަޅެއްގައެވެ. ޔަހޫދީންގެ ލާއިންސާނީ ޢުދުވާނެއް ފަށާފައި ވަނީ 2023ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7ވަނަ ދުވަހުއެވެ.
އެ ޤަތުލުޢާންމުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު 61,700ށް އުފުލިފައިވާއިރު، އިތުރު 111,000 މީހުން ވަނީ ޒަޚަމު ކޮށްލާފައެވެ.