އެފްއޭއެމް ވެޓެރަންސް ލީގު 2025 ގައި ޒެލޮޓްއާ ދެކޮޅަށް ކުޅުނު މެޗު ތަފާތު ބޮޑު ނަތީޖާއަކުން ދިވެހި ސިފައިންގެ ކުލަބު (ޑީއެސްސީ) އިން ކާމިޔާބުކޮށްފިއެވެ.
މިއީ ގްރޫޕް އޭގައި މި ދެ ޓީމުވެސް ކުޅުނު ފުރަތަމަ މެޗެވެ. މާފަންނު ޓާފް ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗު ދިވެހި ސިފައިންގެ ކްލަބުން ކާމިޔާބުކުރީ 5-0 ގެ ނަތީޖާއަކުންނެވެ.
މިމެޗުގެ ފުރަތަމް ހާފްގެ ކުޅުން ނިމުނީ ދެ ޓީމުންކުރެ އެއް ޓީމަކަށްވެސް ލަނޑެއް ކާމިޔާބުނުކުރެވި އެއްވަރު ވެގެންނެވެ. ދެވަނަ ހާފް ފަށައިގެން ސިފައިންގެ ކްލަބްގެ ފުރަތަމަ ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މޫސާ މަޒުހަރައްދީނެވެ. މި ލަނޑަކީ އަހުމަދު ފަޒާލް ހުސްކޮށް އޭރިއާތެރެއަށް ވަދެ ހުރަސްކޮށްދިން ބޯޅައަކުން މޫސަ ކާމިޔާބުކުރި ލަނޑެކެވެ.
ސިފައިންގެ ކުލަބުގެ ދެވަނަ ލަނޑާއި ތިންވަނަ ލަނޑުވެސް އެޓީމަށް ޖަހައިދިނީ އަހުމަދު ރަޝާދެވެ. އަދި ހަތަރު ވަނަ ލަނޑު ޖަހައިދިނީ އަލީ ހިޝާމެވެ. އަދި ފަސްވަނަ ލަނޑު ޖަހައިދިނީ މުޅި މެޗުގައިވެސް މޮޅަށް ކުޅުނު އަހުމަދު ފަޒާލްއެވެ. މި މެޗުގެ މޮޅު ކުޅުންތެރިއާގެ މަގާމު ހޯދީ ސިފައިންގެ ކްލަބަށް ފުރަތަމަ ލަނޑު ޖަހައިދިން މޫސާ މަޒުހަރައްދީނެވެ.
މިމުބާރާތުގައި މާދަމާ ކުޅުމަށް ހަމަޖެހިފައިވާ މެޗުގައި ބައްދަލުކުރާނީ ސްޓެލްކޯ އާއި ކްލަބް އީގަލްސްއެވެ. ޖުމްލަ 10 ޓީމާއެކު ކުރިއަށްދާ އެފްއޭއެމް ވެޓަރަންސް ލީގު ކުޅެނީ ދެ ގްރޫޕަކަށް ބަހާލައިގެން ކޮންމެ ގްރޫޕެއްގެވެސް އެންމެ މޮޅު ދެ ޓީމް މުބާރާތުގެ ސެމީފައިނަލަށް ދަތުރުކުރާ ގޮތަށެވެ.