ޚަބަރު

ފެޔަނޫޑް އަތުން އިންޓަރ މިލާން މޮޅުވެއްޖެ


ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގައި ރޭ ފެޔަނޫޑާ ދެކޮޅަށް ކުޅުނު މެޗު 2-0 ގެ ނަތީޖާއަކުން އިންޓަރ މިލާނުން ކާމިޔާބުކޮށްފިއެވެ.

ފެޔަނޫޑްގެ ދަނޑުގައި ކުޅުނު މި މެޗުގައި އިންޓަރ މިލާނަށް ވަނީ ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ލިބިފަ އެވެ. އަދި ގިނައިރު މެޗު ކޮންޓްރޯލްކޮށްގެން ކުޅެފައިވަނީވެސް އިންޓަރ މިލާނެވެ.

މި މެޗުގައި އިންޓަރ މިލާނުން ޖެހި ފުރަތަމަ ލަނޑު މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމެން އަށް މިނިޓަށް ވެފައިވަނިކޮށް އެ ޓީމަށް ކާމިޔާބުކޮށްދީފައިވަނީ ނިކޯލޯ ބަރެއްލާގެ ބޯޅަ އަކުން މާކަސް ތުރާމް އެވެ.

އަދި ފުރަތަމަ ހާފުގެ ފަހު މިނިޓުގައި އިންޓަރ މިލާނަށް ވަނީ ލީޑު ފުޅާކުރަން ރަނގަޅު ފުރުސަތެއް ލިބިފަ އެވެ. ނަމަވެސް ކްރިސްޓިއަން އަސްލާނީ ހިލޭ ޖެހުމަކުން ފޮނުވާލި ނުރައްކާތެރި ބޯޅަ ފެނޫޑްގެ ކީޕަރު ވަނީ ދިފާއުކޮށްފަ އެވެ.

މި މެޗުގައި އިންޓަރ މިލާނުން ޖެހި ދެވަނަ ލަނޑު ދެވަނަ ހާފުގެ ކުޅުން ފެށުނުތާ ފަސްވަނަ މިނިޓުގައި އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ ކެޕްޓަން ލައުޓާރޯ މާޓިނޭޒް އެވެ. މިއީ މި ސީޒަނުގެ ޗެމްޕިއަންސް ލީގުގައި އޭނާ ޖެހި ހަވަނަ ލަނޑެވެ. އަދި މިއީ ޔޫރަޕްގެ މުބާރާތްތަކުގައި އޭނާ ޖެހި 18 ވަނަ ލަނޑެވެ. މި ލަނޑާއެކު އޭނާ ވެފައިވަނީ އިންޓަރ މިލާނަށް ޔޫރަޕްގެ މުބާރާތްތަކުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ޝަރަފު ލިބިފަ އެވެ.

މި މެޗުގައި އިންޓަރ މިލާނަށް ލިބުނު ޕެނަލްޓީ އެއް މިޑްފީލްޑަރ ޒިއެލިންސްކީ ފޮނުވާލި ނަމަވެސް ކީޕަރު ވަނީ ޕެނަލްޓީ ދިފާއުކޮށްފަ އެވެ.

މި ދެ ޓީމުގެ ދެވަނަ ކުރިމަތިލުން އޮންނާނީ އަންނަ އަންގާރަ ދުވަހު މިލާނުގެ ސެންސީރޯ ސްޓޭޑިއަމްގަ އެވެ.