ކޮންމެ ދިވެއްސަކުވެސް ޢަޒުމަކަށް ހަދަންވީ، އިސްލާމްދީނުގެ ރިވެތި އުސޫލުތަކަށް އަމަލުކުރާ، ދިވެހީންގެ ހަރުދަނާ ސިފަތަކަށް ޤަދަރުކުރާ މީހަކަށްވުމަށް ކަމަށާއި އޭރުން ރޫޙާނީ ގޮތުންނާއި ނަފުސާނީ ގޮތުން ތާހިރުކަން ލިބުމާއެކު މަސައްކަތްތެރި މުރާލި ހުނަރުވެރި ތަހުޒީބު މީހަކަށް ވެވޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ދިވެހި ޤައުމިއްޔަތު ދިރުވައި އާލާކުރާ ދުވަހުގެ މުނާސަބަތުގައި ދެއްވި ޚާއްޞަ ޚިޠާބުގައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ދިވެހީންގެ ތެރޭގައި މިއަދު ދިވެހި ޤައުމިއްޔަތުގެ މާނަތައް އަލުން ހަރުލައްވަން މަސައްކަތްތަކެއް ކުރަން ޖެހިފައިވާ ކަމަށާއި، އެކަމަށްޓަކައި މި ޒަމާނުގައި ބޭނުންވަނީ ޢިލްމީ ހަމަތަކެއް ކަމަށެވެ. އަދި، މާތް ﷲ ގެ އިރާދަފުޅާއެކު، ޢިލްމީ ހަމަތަކުގެ މަތިން ދިވެހި ޤައުމިއްޔަތު އުނގަންނައިދެވި، ދިވެހީންގެ ތަޖުރިބާތަކާއި ހުނަރުތައް ފަހަށް ރައްކާކުރެވެމުންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އަދި ޒަމާނީ ޓެކްނޮލޮޖީއާއި އިޤުތިޞާދީ ވިސްނުން ޝާމިލުކޮށްގެން ދިވެހީންގެ ތަރިކަތައް ދެމެހެއްޓެމުން، ބެލެހެއްޓެމުންދާނެކަމަށާއި، މާތްވެގެންވާ އިސްލާމްދީން މެދުވެރިކޮށް ދިވެހީންގެ ސަގާފަތް އަބަދުވެސް އިސްލާހުކުރެވެމުން، ނުރަނގަޅު ދޮރުތައް ބަންދުކުރެވެމުން، ރަނގަޅު ކަންކަމަށް ތަރުޙީބު ދެމުން ކުރިޔަށް ދާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ޤައުމެއްގެ ގޮތުގައި ބަޔަކު ދިރިއުޅޭ އިރު، އެ ބަޔަކު ހެޔޮނުބައި ކަނޑައަޅަން ބޭނުންކުރާ މިންގަނޑެއް އޮންނަކަން ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އެ މުޖުތަމަޢެއްގެ ސަގާފަތާއި އާދަކާދަތައް ބައްޓަންވެގެންދާނީ އެ ބަޔަކު ގަބޫލުކުރާ ހަމަތަކެއްގެ މަތީން، ނުވަތަ އެ ބަޔަކު ދުނިޔެދެކޭ ގޮތެއްގެ މަތީން ކަމަށެވެ. އަދި ހެޔޮނުބައި ކަނޑައެޅުމަށް ދިވެހީން ބޭނުންކުރާ މިންގަނޑަކީ މާތްވެގެންވާ އިސްލާމްދީންކަމަށާއި ދިވެހީން އިސްލާމްދީން ބަލައިގަތުމަކީ ދިވެހި ޤައުމިއްޔަތަށް އައި އެންމެ ހެޔޮ އިންޤިލާބު ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ޤައުމިއްޔަތު ދިރުވައި އާލާކުރާ ދުވަސް މި ފަހަރު ބައްދަލުކުރީ ރަމަޟާން މަހުގެ ތެރޭގައިވުމުން މި ހެޔޮ އިއްތިފާޤާ މެދު ވިސްނާލުމުގެ ބޭނުން ވަރަށް މުހިންމު ކަމަށެވެ. އަދި ދިވެހި ޤައުމިއްޔަތުގައި އިސްލާމްދީނުގެ ދައުރަކީ، ދިވެހީން ދިރިއުޅޭ ގޮތްތަކާއި އާދަކާދަތައް، ނުވަތަ ދިވެހި ސަގާފަތް އިސްލާމްދީނުގެ އިންތަކަށް ފެތޭހެން އިސްލާހުކުރުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ޢަޤީދާގެ ގޮތުން އެއްކައުވަންތަ މާތް ﷲއަށް ވަކީލުކުރަންފެށުމާއި އިންސާނިއްޔަތުކަމުގެ ގޮތުން އެކިއެކި ނަންނަމުގައި އިންސާނުން ޤުރުބާންކުރުން ނިމުމަކަށް ގެނެސް، އިންސާނީ ކަރާމާތް ދިފާޢުކޮށް މަތިވެރިކޮށް، މިސްކިތްތައް ބިނާކޮށް، ފަސްވަގުތު ނަމާދަށް ދިއުމާއި ވެރީންނަށް އިޙްތިރާމުކުރުމާއި އަމާނާތްތެރިކަން އާންމުވުން އޭގެތެރޭގައި ހިމެނޭ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ދިވެހީންނަކީ އަޚުންތަކެއްކަމަށް ގަބޫލުކުރެވި، އެކަކު އަނެކަކަށް އަޅާލައި، ހަމްދަރުދީވުމުގެ ރީތި މިސާލުތަކަށް ބޭރުގެ ލިޔުންތެރީންގެ ތައުރީފުތައް އޮހެން ފެށިކަމާއި، މުޅި ރާއްޖޭގައި އަމާންކަން ގާއިމުވެ، ބޭރުން ބަޔަކު ރާއްޖެއަށް ހަމަލާދިނަސް، މާތްވެގެންވާ އިސްލާމްދީނުގެ ދިފާޢުގައި، ޙައްޤު ގޮތުގައި ޖިހާދުކޮށް ޤައުމު މިނިވަންކުރެވިދިޔަކަންވެސް ރައީސްގެ ޚިތާބުގައި ފާހަގަކުރެއްވިއެވެ.
ދިވެހި ޤައުމިއްޔަތަކީ އެތައް ހާސް އަހަރެއްވީ ދިވެހީންގެ އެކުވިވިސްނުމުގައި ބިންވަޅުނެގިފައިވާ ޙަޤީޤަތްތަކެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ރާއްޖޭގައި ބަޔަކު ވަޒަންވެރިވި ތާރީޚެއް ދުވަސްވަރެއް އެނގެން ނެތް ކަމަށްވާއިރު އެކަމުން އަންގައިދެނީ، ދިވެހީންގެ ދޮށިކަމާއި، ދިވެހީންގެ އަސްލުވެހިކަމާއި، ދިވެހި ދައުލަތުގެ އެވޭލާކަމާއެކު ހައިބަތާއި ހަރުދަނާކަން ކަމުގައިވެސް ރައީސް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ޤައުމިއްޔަތަކީ ބަޔަކު ތަނެއްގައި ދިރިއުޅެން ފެށުމުން އެބައެއްގެ ދަރިކޮޅު އިތުރުވެ ފެތުރިގެންދާ ދިޔުމުގައި، އެ ބަޔަކު އެ ތަނެއްގައި ކުރާ ތަޖުރިބާތައްކަމަށާއި އެ ތަޖުރިބާތަކުގެ ތެރެއިން އެ ބަޔަކު އެ ތަނެއްގައި މާދަމާއަށް ދެމި ތިބޭން ކުރާ ފިކުރެއް ކަމަށެވެ. އަދި މިއަދަކީ ދިވެހިރާއްޖޭގެ ޤައުމީ ތާރީޚުގައި ޚާއްސަ ދުވަހެއް ކަމަށާއި، އެއީ ދިވެހި ޤައުމިއްޔަތު ދިރުވައި އާލާކުރާ ދުވަހުގެ ގޮތުގައި މި ދުވަސް ފާހަގަކުރެވޭތީއާއި، ދިވެހި ޤައުމިއްޔަތަކީ ދިވެހީން މި ރާއްޖޭގައި ދެމި ތިބުމުގެ މައިގަނޑު އަސްލުކަމުގައިވާތީކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ދިވެހި ޤައުމިއްޔަތު ދިރުވައި އާލާކުރާ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވި ޚާއްސަ ޚިޠާބުގައި އިސްލާމްދީނުގެ ރިވެތި އުސޫލުތަކަށް އަމަލުކުރާ، ދިވެހީންގެ ހަރުދަނާ ސިފަތަކަށް ޤަދަރުކުރާ މީހަކަށްވުމުގެ ޢަޒުމު ކަނޑައެޅުމަށް ގޮވާލެއްވިއެވެ. އަދި، ރާއްޖެއަކީ، ރޫޙާނީ ގޮތުންނާއި ނަފުސާނީ ގޮތުން ތާހިރުކަން ލިބުމާއެކު މަސައްކަތްތެރި މުރާލި ހުނަރުވެރި ތަހުޒީބު ރައްޔިތަކު ދިރިއުޅޭ، ބާއްޖަވެރި އުފާވެރި ޤައުމެއްގެ ގޮތުގައި ލެހެއްޓެވުން އެދި، މާތް ﷲ ގެ ޙަޟްރަތުގައި ދުޢާ ދަންނަވާ ކަމަށްވެސް ރައީސުލްޖުމްޙޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.