ރޯދަމަހަކީ އަބަދުވެސް ދިވެހީންގެ ތެރޭގައި ހުންނަ ރިވެތި އާދަތަކާއި ސިފަތައް އެންމެ ބޮޑަށް ފަޅުވެ ފެނިގެންދާ އެއް މަހެވެ. ރޯދަމަހު ރޯދަ ވީއްލާ ގަޑިއަށް ގޭގެ ސުފްރާތައް މަތި ފުރިހަމައަށް ތައްޔާރުކޮށްލައެވެ. ނަމަވެސް މި ސުފްރާތައް ތަޖުރިބާކޮށްލުމުގެ ފުރުސަތު ހުރިހާ އެންމެންނަކަށް ނުލިބެއެވެ. އެފަރާތްތަކަށް ރޯދަމަހު ރޯދަ ވީއްލުމުގެ ފުރުސަތު ލިބެނީ މިސްކިތުންނެވެ.
ރޯދަމަހުގެ ކޮންމެ ދުވަހަކުވެސް މާލެއާއި އަތޮޅުތަކުގެ ކަނޑައެޅޭ މިސްކިތްތަކުގައި ރޯދަ ވީއްލުން ތައްޔާރުކުރެއެވެ. މި ރޯދަ ވީއްލުންތަކުގައި އެންމެ ބޮޑަށް ބައިވެރިވަނީ، ރާއްޖެ އައިސް މަސައްކަތް ކުރަމުންދާ ބިދޭސީންނެވެ. މިގޮތަށް އައިސް އުޅޭ ހުރިހާ އެންމެންނަކީ ރޯދަ ވީއްލަން ބޮޑު ސުފްރާއެއް ތައްޔާރުކޮށްލުމުގެ ފުރުސަތު ލިބޭ ފަރާތްތަކެއް ނޫންނެވެ. ޢާއިލާއާއި ދުރުގައި ބުރަ މަސައްކަތުގައި އުޅުމަށް ފަހު، ރޯދަމަސްތައްވެސް ހަމަ އެގޮތުގައި ހޭދަކުރާ އެ މީހުން ބަރޯސާވަނީ މިސްކިތްތަކަށެވެ.
ރޯދަމަހުގެ މި ތަޖުރިބާތައް ކޮށްލުމަށް އަޅުގަނޑުމެން ނިއުސް ޓީމުން ޒިޔާރަތް ކުރި އެއް މިސްކިތަކީ، ސަލްމާން މިސްކިތެވެ. މިއީ މާލެގައި އެންމެ ގިނަ ބަޔަކު އެއްތަނަކަށް ރޯދަވީއްލުމަށް ދާ މިސްކިތެކެވެ. ކޮންމެ ދުވަހަކުވެސް އެތައް ބަޔަކަށް ރޯދަ ވީއްލުމުގެ އިންތިޒާމުތައް މިތަނުގައި ހަމަޖައްސާއިރު، ޖަމްޢިއްޔާތަކެއް ގުޅިގެންނެވެ.
އަމިއްލަ ފަރާތްތަކުގެ ދީލަތި އެހީތެރިކަމާއެކު ރޯދަ ވީއްލުން ހަމަޖައްސާއިރު، މިތަނުގައި ރަނގަޅު އިންތިޒާމުތަކެއް ހަމަޖެހިފައެވެ. އެގޮތުން ކޮންމެ މީހަކަށްވެސް ސުފްރާ ތައްޔާރުކޮށް އިޝީންނާނެ ތަންކޮޅެއް ހުރެއެވެ.
މިތަނުގައި ކާބޯތަކެއްޗަކީ އާންމުކޮށް، ރޯދަ ވީއްލުމަށް ދިވެހި ސުފްރާތައް މަތިން ފެންނަ ތަކެއްޗެވެ. މި ކަން ކުރަމުންދާ ފަރާތްތަކުން ވަނީ މި މަސައްކަތް ކުރިއަށްގެންދާ ގޮތް ނިއުސްޓީމާއި ހިއްސާކޮށްފައެވެ.
"މިކަން ކުރުމުގައި ޒުވާނުންނާއި ބިދޭސީން އަދި ކުޑަކުދިން އުޅޭ. 5:00 ޖަހާއިރު ސަތަރި އަޅައި ސުފްރާ ތައްޔާރުކޮށްލަނީ. މިކަން ކުރާ ގޮތުން އެއްވެސް މީހަކު ކިއުގައި ޖެހެން ނުޖެހޭނެ. ބަންގި ދީ ނިމުމުން ސުފްރާ މަތި ސާފުކޮށްފައި މައްޗަށް އަރާނެ." ސަލްމާން މިސްކިތުގައި ރޯއްދަވީއްލުން ތައްޔާރުކުރަން ހުރި ޒުވާނަކު ކިޔައިދިނެވެ.
ކޮންމެ ދުވަހަކުވެސް އެތަކެއް ބިދޭސީންނެއްގެ އިތުރުން، މަދުންނަމަވެސް، ދިވެހިންވެސް މި ރޯދަ ވީއްލުންތަކުގައި ބައިވެރިވެއެވެ. އެފަރާތްތަކަށް މިއީ ލިބިފައިވާ ވަރަށް ބޮޑު ލުޔެކެވެ. ޚާއްސަކޮށް ރޯދަމަހު ހޮޓަލަކުން ނުވަތަ ބޭރުން އަމިއްލަ ޖީބުން ޚަރަދުކޮށްގެން ރޯދަ ވީއްލަން ނުޖެހި އެ ފުރުސަތު މިސްކިތުން ލިބުމަކީ ގިނަ މީހުން އުފަލާއެކު ބަލައިގަންނަ ކަމަކެވެ.
"މިތަން ފެނުނީމަ އަހަންނަށް ހީވީ ސަޢުދީ ޢަރަބިއްޔާއަށް އާދެވުނުހެން. އާން އާން.. ހީވަނީ ސަޢުދީ، ޤަތަރުފަދަ ތަނެއްހެން. އަހަންނަށް ބުނާނެ އެއްޗެއްވެސް ނޭނގުނު. ވަރަށް އުފާވި އަސްލުގައި. އަހަރެން އުޅުނީ ހޮޓަލަކަށް ރޯދަވީއްލަން ދާން. މީހަކު ބުނި މިތަނަށް ބައިވަރު މީހުން ރޯދަވީއްލަން ދެޔޭ. ކިންގް ސަލްމާނު މިސްކިތޭބުނީމަވެސް އަހަރެން ވަރަށް ހިންހަމަ ޖެހުނު. މިސްކިތްވެސް ބަލާލާފައި ރޯދަވީއްލައިގެން ނަމާދުވެސް ކޮށްލާނީއޭ ހިތަން އެރީ. އަލްހަމްދުލިއްލާހި." މިސްކިތުގައި ރޯއްދަ ވީއްލަން ގޮސް ހުރި އިންޑިއާގެ ރައްޔިތަކު ބުންޏެވެ.
ކޮންމެ ރޯދަމަހެއްގައި އެކި މިސްކިތްތަކުގައި މި އިންތިޒާމު އެކި ގޮތްގޮތަށް ހަމައްސާފައި އޮތްނަމަވެސް، މިއީ އަޅުގަނޑުމެން ދިވެހިންގެ ރިވެތި އާދަތަކުން ރަނގަޅު އާދައެއްކަން ޔަޤީނެވެ. އެއީ ސަވާބުވެސް ލިބޭނެ ކަމެކެވެ. ބައެއްގެ ހެޔޮދުޢާ ލިބޭނެ ކަމެކެވެ.