ކުރިއަށް އޮތް ފުޓުބޯޅަ ސީޒަނަށް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ނުކުންނާނީ ހުރިހާ މުބާރާތަކުންވެސް ތަށި ހޯދަން ކަމަށް އެ ޓީމުގެ ކޯޗު ސްޕެއިންގެ ލުއިސްމާ ހެނާންޑޭޒް ބުނެފިއެވެ.
"ޕީއެސްއެމް ނިއުސް" އަށް ދިން އިންޓަވިއުއެއްގައި މާޒިޔާގެ ކޯޗު ބުނެފައިވަނީ ކުރިއަށް އޮތް ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ޖެނުއަރީ މަހުގެ މެދެއްހާ ހިސާބުން ފެށިގެން ފަރިތަކުރުންތައް ފަށައިގެން ފޯރީގައި ކުރިއަށްދާ ކަމަށެވެ. އަދި މިހާތަނަށް ފަރިތަކުރުންތައް ކުރިއަށްދާ ގޮތާ މެދު ހިްތަހަމެޖެހޭ ކަމަށްވެސް ކޯޗު ބުންޏެވެ.
ފަރިތަކުރުންތައް ރޭވިފައިވާ ގޮތާއި ގުޅޭގޮތުން ކޯޗު ބުނީ ރަމަޟާން މަހާ ގުޅިގެން ފަރިތަކުރުންތަކަށް ކޮންމެވެސް ވަރެއްގެ ބަދަލުތަކެއް ގެނެސްފައިވާ ކަމަށެވެ. އެގޮތުން ކުޅުންތެރިންގެ ހަކަތަ އާއި ބުންވަރަށް ލޮޅުން ނާރާނެފަދަ ގޮތަކަށް ތަމްރީނުތައް ލުއިކޮށްފައިވާނެކަންވެސް ކޯޗު ފާހަގަކުރިއެވެ. ތަމްރީނުތައް ފެށިގެން މިވީ ހަތް ވަރަކަށް ހަފުތާގެ ތެރޭގައި ކުރެވުނު މަސައްކަތްތައް ރަނގަޅުކަން ފާހަގަކުރަމުން ކޯޗު ބުނީ އެންމެ ބޮޑަށް ފޯކަސްކުރާނީ ކުޅުންތެރިން ރަނގަޅު ފޯމެއްގައި ސީޒަނަށް ނެރުމަށެވެ. އެގޮތުން ކުޅުންތެރިން ރަނގަޅު ކާނާ ކެއުމަށާއި، އަރާމުކޮށް ރިކަވަރީއަށް ވަގުތު ހޯދުމަށް ކޯޗު އިރުޝާދުދީފައިވެއެވެ.
މާޒިޔާއިން ބޮޑަށް ފޯކަސްކުރާނީ ޑިފެންސަށާއި އެޓޭކިން ރަނގަޅުކުރުމަށް ކަމަށާއި، މިހާރު ލިބެންހުރި ވަސީލަތްތަކާއެކު ތަމްރީނުތައް ދަނީ ވަރަށް ރަނގަޅަށް ކަމަށް ކޯޗު ބުންޏެވެ. އަދި އުއްމީދަކީ މުސްތަގުބަލުގައި މިއަށްވުރެ ރަނގަޅު ވަސީލަތްތައް މިކުޅިވަރުގައި ލިބުންކަމަށްވެސް ވަނީ ބުނެފައެވެ.
"އަހަރުމެން މިހާރު އިންތިޒާރުކުރަމުން މިދަނީ ޓީމާއި އަލަށް ގުޅޭ ކުޅުންތެރިޔާއަށް. މި މަހުގެ ތެރޭގައި އޭނާ ޓީމާއި ގުޅޭނެ ކަމަށް ބެލެވެނީ. އޭރަށް ޓީމު އިތުރަށް ވަރުގަދަވެގެންދާނެ" ޓީމު ވަރުގަދަ ކުރުމަށް ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން ކޯޗު ބުންޏެވެ.
މީގެ އިތުރުން މާޒިޔާގެ 19 އަހަރުން ދަށުގެ ޓީމުން ހޮވާލެވޭ ހުނަރުވެރި ކުޅުންތެރިން ޓީމަށް ނަގާނެ ކަމަށާއި، އަމާޒަކީ ޒުވާން އައު ކުޅުންތެރިންނަށް ފުރުސަތު ހޯދައިދީ، މިކުޅިވަރުން އައު ތަރިންތަކެއް އުފެއްދުންކަމަށްވެސް ކޯޗު ބުންޏެވެ. އަދި އުއްމީދަކީ އެކުދިންގެ ތެރެއިން ބައެއް ކުދިން މާޒިޔާގެ ސީނިއަރ ޓީމުން މި ސީޒަނުގައި ފެނުންކަމަށްވެސް ވަނީ ބުނެފައެވެ.
"އަހަރުމެންނަކީ މާޒިޔާ! އެހެންވީމަ ޗެމްޕިއަންކަން ހޯދުން ނޫން އެހެން އަޒުމެއްގައި އަހަރުމެން ސީޒަނަކަށް ނުނިކުންނާނަން" ކުރިއަށްހުރި މުބާރާތްތަކަށް ކުރާ އުއްމީދާ ގުޅޭގޮތުން ކޯޗު ބުންޏެވެ. އެ އުއްމީދަށް ވާސިލްވުމަށް ބުރަ މަސައްކަތް ކެނޑިނޭޅި ކުޅުންތެރިން ކުރާ ކަމަށާއި، ކޮންމެ މުބާރާތަކަށްވެސް ނުކުންނާނީ ވާދަކޮށް މޮޅުވުމަށްޓަކައި ކަމަށްވެސް ކޯޗު ބުންޏެވެ.
"ޓީމަށް ހިތްވަރުދޭން ދަނޑަށް އަންނާތި. ފާއިތުވެ ދިޔަ އަހަރަކީ އުނދަގޫ އަހަރެއްކަން ގަބޫލުކުރަން. އެހެން ނަމަވެސް ފެޑެރޭޝަނުންނާއި ކުލަބުން މަސައްކަތް މިކުރަނީ ޓީމު ވަރުގަދަކުރަން. އައު ކުޅުންތެރިންވެސް އެބަ ހޯދަން. އެހެންވީމަ އަހަރެން ގަބޫލުކުރަނީ މިއަހަރަކީ ރަނގަޅު އަހަރަކަށް ވެގެންދާނެކަމަށް" މާޒިޔާގެ ސަޕޯޓަރުންނަށް ކޯޗު ބުންޏެވެ.
ކުރިއަށް އޮތް ފުޓްބޯޅަ ސީޒަން ފަށަން ތާވަލުކޮށްފައިވަނީ އަންނަ އޭޕްރީލް މަހުގެ އަށްވަނަ ދުވަހުއެވެ. ޗެރިޓީ ޝީލްޑް މެޗުން ސީޒަން ފަށާއިރު، ދިވެހި ޕްރިމިއަރ ލީގު ފަށަނީ އެ މަހުގެ 10 ވަނަ ދުވަހުއެވެ.