އިނގިރޭސި ޕްރިމިއަރ ލީގުގައި މެންޗެސްޓާ ސިޓީއަށް މި ސީޒަނުގައި ބާކީ އޮތީ 10 ފައިނަލް މެޗު ކަމަށް އެ ޓީމުގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފިއެވެ.
ގާޑިއޯލާ މިހެން ބުނެފައިވަނީ ޕްރިމިއާ ލީގުގައި ރޭ ނޮޓިންހަމް ފޮރެސްޓް އާއި ދެކޮޅަށް ކުޅުނު މެޗުން ސިޓީ 1-0 ގެ ނަތީޖާއަކުން ބަލިވި މެޗަށްފަހުގަ އެވެ. މިއީ މި ސީޒަނުގައި މެންޗެސްޓަރ ސިޓީ ލީގުގައި ބަލިވި 9 ވަނަ މެޗެވެ.
ސިޓީގެ ކޯޗު ކަމާއި ގާޑިއޯލާ ހަވާލުވި ފަހުން ޔުއެފާ ޗެމްޕިއަންސް ލީގުގެ ޖާގައެއް ކަށަވަރު ކުރުމަށް މީގެ ކުރިން ސިޓީއަށް މިހާ އުނދަގޫ ހާލަތެއް މެދުވެރިވެފައެއް ނުވެއެވެ. އަދި ފާއިތުވެދިޔަ ހަތަރު ސީޒަނުގައި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހޯދާފައިވާ ސިޓީއަށް މިއީ ގަބޫލުކުރެވުނު ނަތީޖާތަކެއް ނުވަތަ ހާލަތެއް ނޫނެވެ.
ގާޑިއޯލާ ބުނެފައިވަނީ ބްރައިޓަން އާއި ދެކޮޅަށް އަންނަ ހާފްތާގައި ކުޅޭ މެޗުން ފެށިގެން އެ ޓީމަށް ލީގުގައި އޮތީ 10 ފައިނަލް މެޗު ކަމަށެވެ.
"އަހަރުމެންނަށް ކުރިއަށް އޮތީ 10 ފައިނަލް މެޗު. އަދި ކުރިއަށް ދެވޭނީ މެޗުތައް ކާމިޔާބުކޮށްގެން. އެހެންކަމުން މެޗަކަށް ފަހު މެޗަކާއިމެދު ވިސްނާ ކުރިއަށް އޮތް ދިހަ މެޗުވެސް ކާމިޔާބުކުރަން ޖެހޭ." ގާޑިއޯލާ ބުންޏެވެ.
"އަހަރުމެންނަށް ޖެހިޖެހިގެން ގިނަ މެޗުތަކަކުން މޮޅުވެވިފައެއް ނެތް. އެއީ މަތިން އަންނަ ކަމެއް ނޫން. އަހަރެމެން އެކަމަށް މަސައްކަތް ކުރަންޖެހޭ." ގާޑިއޯލާ އިތުރަށް ބުންޏެވެ.
މި ސީޒަނުގައި ސިޓީއަށް ކުރިމަތިވި އަނިޔާގެ މައްސަލަތަކުގެ ސަބަބުން ނިމިދިޔަ ޖެނުއަރީ ޓްރާންސްފާރ ގައި އެ ޓީމުން ވަނީ 180 މިލިއަން ޕައުންޑު ޚަރަދުކޮށް ކުޅުންތެރިންތަކެއް ހޯދާފަ އެވެ. އޭގެ ތެރޭގައި މިސްރުގެ އުމަރު މަރްމޫޝް އާއި ނިކޯ ގޮންޒާލޭޒް ފަދަ ކުޅުންތެރިން ހިމެނެ އެވެ.
ކުރިއަށް އޮތް ސީޒަނުގައި ސިޓީ ބަދަލުތަކެއް ގެނެސް އައު ކުޅުންތެރިން ހޯދަންޖެހިފައިވާއިރު ގިނަ ކުޅުންތެރިންނަކީ ޗެމްޕިއަންސް ލީގުގައި ކުޅޭ ޓީމުތަކަށް ބަދަލުވާން ބޭނުންވާ ކުޅުންތެރިންނެވެ. އެހެންކަމުން ކުރިއަށް އޮތް ސީޒަނުގައި ޗެމްޕިއަންސް ލީގުގެ ޖާގައެއް ހޯދުމަކީ ސިޓީއަށް ވަރަށް މުހިންމު ކަމެކެވެ.