ކުޅިވަރު

ޑޮކްޓަރު މަރުވުމުން ބާސެލޯނާގެ މެޗު ފަސްކޮށްފި


ބާސެލޯނާގެ ޑޮކްޓަރު ކާލްސް މިނަރޯ ގާސިއާ ކުއްލި ގޮތަކަށް މަރުވުމާ ގުޅިގެން ސްޕެނިޝް ލީގުގައި އޮސަސޫނާއާ ދެކޮޅަށް ކުޅެން އޮތް މެޗު ފަސްކޮށްފިއެވެ.

ބާސެލޯނާއިން ސްޕޭނުގެ އޮލިމްޕިކް ސްޓޭޑިއަމުގައި ކުޅެން އޮތް މެޗުގެ ގަޑިއެއްހާއިރު ކުރިން މެޗު ފަސްކުރަން ނިންމީ ބާސެލޯނާއިން އެދުމުންނެވެ. މިކަމަށް އެއްބަސްވެ، ސްޕެނިޝް ލީގާއި އޮސަސޫނާއިންވެސް ވަނީ ބާސެލޯނާއަށް ތައުޒިޔާ ކިޔާފައެވެ.

ޑޮކްޓަރު މިނަރޯ މަރުވީ ކުޅުންތެރިންނާއެކު ހޮޓަލުގައި އުޅެ، އެކީގައި ކައި، ނިދާފައި އޮއްވައި ކަމަށްވެ އެވެ. ނަމަވެސް އޭނާގެ މަރާ ގުޅޭ މާގިނަ މައުލޫމާތުތަކެއް އަދި ނުލިބެ އެވެ.

ޑޮކްޓަރުގެ މަރާ ގުޅިގެން ބާސެލޯނާއިން ވަނީ ވަރަށް ބޮޑަށް ހިތާމަ ފާޅުކޮށްފަ އެވެ. ބާސެލޯނާގެ ރައީސް ޖޯން ލަޕޯޓާ ވިދާޅުވީ ވަރަށް ވަގުތު ކުޑަވެފައިވަނިކޮށް ބާސެލޯނާއިން މެޗު ފަސްކޮށްދޭން އެދުމުން އޮސަސޫނާއިން ދިން އެއްބާރުލުމަށް ވަރަށް ބޮޑު ޝުކުރު އަދާކުރާ ކަމަށެވެ.

"އޭނާ މަރުވީ ޓްރޭނިން ނިންމާފައި ކުޑަވަގުތު ކޮޅެއް ފަހުން. މި ވަގުތަކީ ކުލަބަށް ވަރަށް ދަތި ވަގުތެއް. އަދި މިއީ އާއިލާ އާއި އޭނާގެ މަންމަ އާއި ބައްޕަ އަދި އަންހެނުންނަށް ވެސް އެހީތެރިވާންވީ ވަގުތު. އޮސަސޫނާ އާއި ސްޕެނިޝް ލީގަށް ވަރަށް ބޮޑަށް ޝުކުރު އަދާ ކުރަން އަހަރުމެންގެ ހުށަހެޅުން ގަބޫލުކޮށް މެޗު ފަސްކޮށްދިނީތީވެ،" ލަޕޯޓާ ވިދާޅުވިއެވެ.

ލީގުގައި އޮސަސޫނާ އާއި ބާސެލޯނާގެ މެޗު އަލުން ކުޅޭނެ ތާރީހެއް އަދި ނުނިންމަ އެވެ. މި މެޗު ފަސްކުރި ނަމަވެސް އަންނަ އަންގާރަ ދުވަހު ޔުއެފާ ޗެމްޕިއަންސް ލީގުގައި ޕޯޗުގަލްގެ ބެންފީކާއާއެކު ބާސެލޯނާ ކުޅެން އޮތް މެޗު ފަސްކުރުމުގެ ވާހަކަތަކެއް އަދި ނުދެކެވެއެވެ. މި ދެ ޓީމު ފުރަތަމަ ލެގުގައި ބެންފީގާގެ ދަނޑުގައި ކުޅުނު މެޗު 1-0 ގެ ނަތީޖާއަކުން ކާމިޔާބު ކުރީ ބާސެލޯނާ އެވެ. މުބާރާތުގެ ކުއާޓާ ފައިނަލަށް ދެވޭނީ މި މެޗު ކާމިޔާބު ކުރާ ބަޔަކަށެވެ.