ޚަބަރު

އުސްގެކޮޅު ދާރުލްއާސާރަށް ބަދަލުކުރުމަށް ކުރެހުން ނިމިއްޖެ، ވަރަށް އަވަހަށް އަމަލީ މަސައްކަތް ފެށޭނެ: ވަޒީރު


  • އުސްގެކޮޅު ދާރުލްއާސާރަށް ބަދަލުކުރާއިރު މުޅި ސަރަހައްދަށް ބޮޑު ބަދަލެއް އަންނާނެ

  • ޤައުމިއްޔަތު އިއާދަކުރުމަށް ޚައްޞަ މަޝްރޫޢެއް ވަނީ ފަށްޓަވާފައި

ސަލްޓަންޕާކުގައި ހުންނަ ތާރީޚީގެ، އުސްގެކޮޅުގައި އިންޓަރެކްޓިވް މިއުޒިއަމަކަށް ނުވަތަ ދާރުލްއާސާރަކަށް ބަދަލުކުރުމަށް ބޭނުންވާ ކުރެހުމުގެ މަސައްކަތް މިހާރު ނިމިފައިވާކަމަށާއި ވަރަށް އަވަހަށް ޢަމަލީ މަސައްކަތް ފަށްޓަވާނެކަމަށް ދިވެހިބަހާއި ސަގާފަތާއި ތަރިކައާބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމް ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަރވިއުއެއްގައެވެ.

ދިވެހިބަހާއި ސަގާފަތާއި ތަރިކައާބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމް ވިދާޅުވީ ރާއްޖޭގެ ސަގާފީ ކަންކަމާއި ތަރިކަ ރައްކާތެރިކުރުމަށް މުހިންމު މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމަށެވެ. އެގޮތުން އުތީމާއި، ތަކަންދޫ އަދި ބާރަށުގައި ހުރި ތަރިކައިގެ ތަންތަން ޒަމާނީ ގޮތައް ތަރައްޤީ ކުރުމަށް ނިންމާފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.

އެއީ ރައީސުލްޖުމްހޫރިއްޔާ އިއުލާންކުރައްވާފައިވާ ތަރިކައިގެ މުހިންމު މަޝްރޫއެއްގެ ގޮތުގައި ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ ސަލްޓަންޕާކުގައި ހުންނަ ތާރީހީގެ، އުސްގެކޮޅުގައި ދާރުލްއާސާރެއް ތަރައްޤީކުރުމަށްވެސް ނިންމާ އެކަމުގެ މަސައްކަތްތައް ކުރިއަށްދާކަމަށެވެ. އުސްގެކޮޅު ތަރައްޤީކުރާނީވެސް ތަރިކައިގެ މުހިންމު ތަނެއްގެ ގޮތުގައި ކަމަށާއި، އެގޮތުން އުސްގެކޮޅު ތަރައްގީކުރުމަށް ބޭނުންވާ ކުރެހުން މިހާރު ނިމިފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.

"ފާހަގަކޮށްލަން ބޭނުން ރައީސްގެ ތަރިކައިގެ އެހެން މަޝްރޫއެއް އެބައޮތް. އެއީ އުސްގެކޮޅު އިންޓްރެކްޓިވް މިއުޒިއަމްއަކަށް ބަދަލުކުރުން. އުސްގެކޮޅު އިޔާދަވެ އެތަން ބަދަލުވެގެން ދާ ގޮތްވެސް އެއީ ޒަމާނީ ވަރަށް ތަފާތު ގޮތެއް. މިހާރު އޭގެ ކުރެހުން ވަނީ ނިމިފައި. ދެން ކުރަން ހުރި މަސައްކަތް މިހާރު ކުރިއަތް ދަނީ. ލަހެއް ނޫން ވަރަށް ހަލުވިކަމާއެކު މަސައްކަތް ކުރިއަށް ދާނެ. ނަތީޖާ ފެންނާނެ" ވަޒީރު ވިދާޅުވިއެވެ.

ދިވެހިބަހާއި ސަގާފަތާއި ތަރިކައާބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހީމް ވިދާޅުވީ އުސްގެކޮޅު މިއުޒިއަމްއަކަށް ބަދަލުކުރާއިރު ސަލްޓަން ޕާކުގެ ބައެއްވެސް މިއުޒިއަމްގެ ބައެއްގެ ގޮތުގައި ތަރައްޤީކުރާނެކަމަށެވެ. އެގޮތުން ކަޅުވަކަރު މިސްކިތާއި ކަޅުއޮށްފުންމި ނަކަލު ބާއްވާފައިވާ ސަރަހައްދުވެސް މިއުޒިއަމްގެ ބައެއްގެ ގޮތުގައި ހިމެނޭނެކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

އުސްގެކޮޅަކީ 1903 ވަނަ އަހަރު ރާއްޖޭގެ ރަސްކަން ކުރެއްވި އަލްސުލްތާނު މުހައްމަދު އިމާދުއްދީން ހަވަނަ މިސްރުން ކައިވެނި ބައްލަވައިގެންނެވި އަނބިކަނބަލުންނަށް ހެއްދެވި ތަނެކެވެ. ނަމަވެސް ގިނަ ދުވަސްނުވެ އެ ރަސްކަން ނިމުމަކަށް އައީއެވެ. ފަހުން އެ ގެކޮޅު ބޭނުންކުރީ ރަސްކަލުންގެ އެކިއެކި ބޭނުންތަކަށެވެ. އެންމެ ފަހުން ވެސް އެތަނުގައި ހިންގީ ގައުމީ ދާރުލްއާސާރެވެ.