ހިދާޔަތުގެ މަގުގައި ސާބިތުކޮށް ހިތަށް ސާބިތުކަންދެއްވާތޯ ތާއަބަދު ދުޢާކުރަންޖެހޭކަމަށް އައްޝައިޚް އަޙްމަދު ސަމީރު އިބްރާހިމް ޙުސައިން ވިދާޅުވެއްޖެއެވެ. ޝައިޚް މިހެން ވިދާޅުވީ، އިޙްޔާ ފޯރަމްގައި ވާހަކަދައްކަވަމުންނެވެ.
ރަމަޟާންމަހުގެ ރޭތައް އިޙްޔާކުރުމަށް ސިލްސިލާކޮށް ބާއްވަމުންދާ ފޯރަމްތަކުގެ ތެރެއިން މާލޭގައި ބޭއްވި 3 ވަނަ ފޯރަމް ޚާއްސަކޮށްފައިވަނީ "އިސްލާމްދީން މަތީ ޘާބިތުވާށެވެ!" މި މަޢުޟޫއަށެވެ. މި ފޯރަމްގައި ތަޤްރީރުކުރައްވާފައިވަނީ އައްޝައިޚް އަޙްމަދު ސަމީރު އިބްރާހިމް ޙުސައިންއެވެ.
ފޯރަމްގައި ވާހަކަދައްކަވަމުން އައްޝައިޚް އަޙްމަދު ސަމީރު އިބްރާހިމް ޙުސައިން ވިދާޅުވީ އިސްލާމްކަން މަތީގައި އަބަދުވެސް ދެމިތިބޭތޯ ދުޢާކުރަންޖެހޭކަމަށެވެ. އިސްލާމް ދީނާމެދު އެކިއެކި ޝުބުހާތައް ފަތުރާއިރު ގިނަގިނައިން ދުޢާކުރަންވީ މި ނިޢުމަތުގެ މަތީގައި ސާބިތުވެ ދެމިތިބޭތޯކަމަށް ވަނީ ވިދާޅުވެފައެވެ. ހިތަކީ ވަރަށް އަވަހަށް ފުރޮޅޭ އެއްޗެއްކަން ފާހަގަކުރައްވައި ޝައިޚް ވިދާޅުވީ، އަހަރެމެންގެ ހިތް އިސްލާމް ދީނުގެ މަތީގައި ދަމަހައްޓަވާ ސާބިތުކަން ދެއްވުމަށް އެދި ދުޢާކުރަންޖެހޭކަމަށެވެ.
ޝެއިޚް ވިދާޅުވީ، ހިތް އިސްލާހު ވެއްޖެނަމަ އިންސާނާގެ މުޅި ހަށިގަނޑު އިސްލާހުވެގެންދާކަމަށެވެ. އަދި ހިތް ފަސާދަވެއްޖެނަމަ އިންސާނާގެ މުޅި ހަށިގަނޑު ފަސާދަވެގެންދާކަމަށެވެ.
"ހިތަށް މި ނަން ދެވިފައިވަނީވެސް ހިތަކީ އެކިއެކި އޮއިވަރުތަކާއެކު ފުރޮޅޭ އެއްޗެއްކަމަށްވާތީ. ކިހާވަރަކަށް މި ހިތް ފުރޮޅޭތީދޯ ނަބިއްޔާ ސ.އ.ވ އެ ހިތް ސިފަކުރައްވާފައިވަނީ ސަހަރާއެއްގެ ތެރޭގައި ހުންނަ ގަހެއްގައި އެލުވިފައި އިންނަ ފަތެއްގެ ސިފައިގައި. ދޫނި ފަތެއް ފަދަ އެއްޗެއްގެ ގޮތެއްގައި. އެޖެހޭ ވަޔާއެކު އެފުށް މިފުށަށް އެނބުރޭ އެއްޗެއްގެ ގޮތުގައި. ކިހާ ނާޒުކު އެއްޗެއްތޯ މިއީ." ޝެއިޚް ވިދާޅުވިއެވެ.
ކެތްތެރިކަމުގެ މަގަކީ ދީނުގައި ސާބިތުވެ ދެމިތިބެވޭނެ މަގުކަމަށް ޝެއިޚް ވަނީ ވިދާޅުވެފައެވެ. ކެތްތެރިންގެ ވާހަކަތައް އަބަދާއި އަބަދު ކިޔައި އިބްރަތް ހާސިލްކުރަންޖެހޭކަން ޝެއިޚް ފާހަގަކުރެއްވިއެވެ.
ޤުރުއާނުގައި ހުރި ރަސޫލު ބޭކަލުންގެ ވާހަކަތައް ކިޔާލުމުން އެބޭކަލުންނަށް ޤައުމުން ކުރިމަތިވި ކަންތައްތައް އަދި އެބޭކަލުން އިސްލާމް ދީނުގެ މަތީގައި ސާބިތުވެ ތިބި ގޮތުން އެތަކެއް އިބްރަތްތަކެއް ލިބިގެންދާކަމަށް އައްޝައިޚް އަޙްމަދު ސަމީރު އިބްރާހިމް ޙުސައިން ވިދާޅުވިއެވެ.
އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން މި ރަމަޟާންމަހު މާލޭގައި ޖުމްލަ 8 އިޙްޔާ ފޯރަމް ބޭއްވުމަށް ވަނީ ނިންމާފައެވެ. އަދި މާލޭގެ އިތުރުން އަތޮޅުތެރޭގެ 7 ރަށެއްގައި އިޙްޔާ ފޯރަމް ބޭއްވުމަށްވެސް އެ ވުޒާރާއިން ވަނީ ނިންމާފައެވެ.