ދިވެހިރާއްޖޭގެ ޖިނާއީ އަދުލުގެ މުހިންމު ހިއްސާދާރެއްގެ ގޮތުގައި މޯލްޑިވްސް ކަރެކްޝަނަލް ސާރވިސަސް އޮންނައިރު، ރައްޔިތުންގެ އިތުބާރާއި ޔަޤީކަން ދެމެހެއްޓުމަކީ ޒިންމާއެއްކަމަށް ދަނޑުވެރިކަމާ ބެހޭ ވަޒީރު ޑރ. މަރްޔަމް މާރިޔާ ވިދާޅުވެއްޖެއެވެ. އެކަމަނާ މިހެން ވިދާޅުވީ އިންސްޓިޓިއުޓް ފޯރ ކަރެކްޝަނަލް ސްޓަޑީޒްގެ 30 ވަނަ އަސާސީ ތަމްރީން ކޯހުގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ޝަރަފްވެރިކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.
ވަޒީރު ވިދާޅުވީ ކަރެކްޝަން ސާރވީސްގެ މަސައްކަތްތަކަކީ ނަފްސާނީގޮތުން ބަލިކަށިކަން ލިބޭނެ މަސައްކަތެއްކަމަށެވެ. އެހެންނަމަވެސް މަސައްކަތުގައި ތެދުވެރިކަމާއި އިޚްލާސްތެރިކަން ބޭނުންވާކަން އެކަމަނާ ފާހަގަކުރެއްވިއެވެ. އަދި ދަތި އުދަނގޫ ކޮންމެ މާހައުލެއްގައި ކެތްތެރިކަމާއި ވަފާތެރިކަން ދަމަހައްޓަންޖެހޭކަމަށާއި އެހެންކަމުން މި ތަމްރީންތަކަކީ މި މަސައްކަތުގެ އަސާސްކަމަށާއި، މިފަދަ ތަމްރީނުތަކުން ދަސްވެގެންދާކަންކަން ހަނދާންބަހައްޓައި ވަޒީފާއިންލިބޭ ތަމްރީންތަކަށް އިތުބާރުކުރުން މުހިންމުކަމަށެވެ.
"އަޅުގަނޑުމެންގެ ޖިނާއީ އަދުލުގެ މުހިންމު ހިއްސާދާރެއްގެ ގޮތުގައި މޯލްޑިވްސް ކަރެކްޝަނަލް ސާރވިސަސް އޮންނައިރު، ރައްޔިތުންގެ އުންމީދުތައް ހުރީ ވަރަށްވެސް މަތީގަ. އެހެންކަމުން ރައްޔިތުންގެ އިތުބާރާއި ޔަޤީކަން ދެމެހެއްޓުމަކީ އަޅުގަނޑުމެންގެ ޒިންމާއެއް" ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވަޒީރު ޑރ. މަރްޔަމް މާރިޔާ ވިދާޅުވިއެވެ.
ކަރެކްޝަންސްގެ 30ވަނަ އަސާސީ ތަމްރީނު ކޯހުން 33 ދަރިވަރުން ދަސްވެނިވިއެވެ. މި ޕްރޮގްރާމަކީ އިންސްޓިޓިއުޓް ފޯރ ކަރެކްޝަނަލް ސްޓަޑީޒް (އައިކޯސްޓް) އިން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ޚިދުމަތާ ގުޅޭ ޕްރިޒަން އޮފިސަރުންނަށް ޖަލުތަކުގައި މަސައްކަތްކުރެވޭ ފެންވަރަށް ޢިލްމު އުގަންނައިދީ، ވަޒީފާގެ މާޙައުލަށް އަހުލުވެރިކޮށް، ތަމްރީނު ކުރުމަށް ހިންގާ ޕްރޮގްރާމެކެވެ. އަދި މި އޮފިސަރުންނަކީ އަޚްލާޤު ރަނގަޅު، ސިފަވަންތަ ބަޔަކަށް ހެދުމާއި ޖަލުގެ ކަންކަން ހަރުދަނާކޮށް ތަޢުލީމީ ޒުވާނުންތަކަކަށް ހެދުމަކީވެސް މި ތަމްރީން ޕްރޮގްރާމްގެ އެއް އަމާޒެވެ.
އަށް މޮޑިއުލްގެ މައްޗަށް ފަރުމާކޮށްފައިވާ މި ތަމްރީން ޕްރޮގްރާމްގައި ފިޒިކަލް ޓްރެއިނިންގ އާއި ލީޑަރޝިޕް ކްލާސްތަކާއި އެތިކްސް އާއި ޤާނޫނާއި ޤަވާއިދުތަކުގެ އިތުރުން ޕްރިޒަންސް އޮފިސަރުންގެ މަސައްކަތްތަކާއި ގުޅުންހުރި މޮޑިއުލްތައް ކިޔަވައިދީފައިވެއެވެ.