މި މަހުގެ 19 ވަނަ ދުވަހު އިންޑިއާ އާއެކު ކުޅުމަަށް ހަމަޖެހިފައިވަނީ އެކުވެރިކަމުގެ މެޗަށް ތައްޔާރުވަމުންދާ ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމު ފައިނަލް ކުރުން ލަސްކޮށްފިއެވެ.
ޓީމުގެ ކޯޗު އަލީ ސުޒެއިން، މިރޭގެ ޕްރެކްޓިސްއަށް ފަހު ޓީމު ފައިނަލް ކުރާނެ ކަމަށް ބުނިނަމަވެސް ފައިނަލް ޓީމު ނުނަގާ މަޑުކޮށްލާފައިވަނީ ބައެއް ކުޅުންތެރިންގެ ފިޓްނަސް މައްސަލަތަކެއް އުޅޭތީއެވެ. މިގޮތުން މާޒިޔާގެ ޑިފެންޑަރ ހަސަން ޝިފާޒް (ޑުންގާ) އަށް އަނިޔާވެ އިންޑިއާ މެޗުގައި ނުކުޅެވޭނެކަން ވަނީ ޔަގީންވެފައެވެ. އަދި މިޑްފިލްޑަރ މުހައްމަދު އިރުފާންވެސް ފައިގެ މަސްގަނޑަށް ލިބުނު ހާނިއްކައެއްގެ ސަބަބުން ފަރިތަކުރުންތައް ކުރިއަށް ގެންދަނީ ޓީމާ ވަކިންނެވެ.
މީގެ އިތުރުން މިހާރު ރާއްޖޭގައި ހުރި އެންމެ މޮޅު އެއް ކުޅުންތެރިއާ ކަމުގައިވާ ކްލަބް އީގަލްސްގެ ފޯވާޑް އަހުމަދު ރިޒުވާންއަށް މިރޭގެ ޕްރެކްޓިސްގެ ތެރެއިން ވަނީ ކުޑަ އިންޖަރީއެއްވެފައެވެ.
މިހާރު އޮތް 26 ކުޅުންތެރިންގެ ސްކޮޑް 23 ކުޅުންތެރިންނަށް ކުޑަކުރާނީ މިކުޅުންތެރިންގެ ފިޓްނަސްއަށް ބެލުމަށްފަހު ކަމަށް ޤައުމީ ޓީމުން މައުލޫމާތުދެއެވެ. އެހެންނަމަވެސް ފައިނަލް ސްކޮޑް އިއުލާންކުރާނެ ދުވަހެއް ޓީމުން ހާމަކޮށްފައެއް ނުވެއެވެ.
ރަހުމަތްތެރިކަމުގައި މެޗަށް ޓީމު އިންޑިއާއަށް ފުރުމަށް ހަމަޖެހިފައިވަނީ މިމަހުގެ 17 ވަނަ ދުވަހުއެވެ. އަދި 19 ވަނަ ދުވަހު މެޗު ކުޅުމަށްފަހު އެނބުރި މާލެ އައުމަށް ހަމަޖެހިފައިވަނީ އޭގެ އަނެއް ދުވަހުއެވެ.
23 ކުޅުންތެރިންނާއެކު އިންޑިއާ މެޗަށް ޓީމު ފުރުމަށް ހަމަޖެހިފައިވާއިރު މިއީ އަދި މިމަހުގެ 25 ވަނަ ދުވަހު ފިލިޕީންސް އާއި ދެކޮޅަށް ކުޅޭ މެޗަށް ގެންދާނެ ފައިނަލް ޓީމު ނޫންކަމަށާއި އެމެޗަށް ޓީމަށް ކޮންމެވެސް ވަރެއް ބަދަލުތަކެއް އައިސްދާނެ ކަމަށްވެސް ޓީމުން ވަނީ ފާހަގަކޮށްފައެވެ.