ޔުއެފާ ޔޫރޮޕާ ލީގުގެ ދެވަނަ ބުރުގައި ރޭ ތުރުކީގެ ފެނަބާޗޭއާ ދެކޮޅަށް ކުޅުނު މެޗުން 2-0 ގެ ނަތީޖާއަކުން ބަލިވި ނަމަވެސް، އެގްރިގޭޓް ނަތީޖާ އެއްވަރުވުމާއެކު ޕެނަލްޓީ ޖަހައިގެން މޮޅުވެ މުބާރަތުގެ ކުއާޓާ ފައިނަލުގެ ޖާގައެއް ރޭންޖާސްއިން ހޯދައިފިއެވެ.
މި ދެ ޓީމުގެ ފުރަތަމަ ކުރިމަތިލުމުގައި 3-1 ގެ ނަތީޖާއަކުން އަމިއްލަ ދަނޑުގައި ފެނަބާޗޭ ވަނީ ބަލިވެފަ އެވެ. އެހެންކަމުން ރޭގެ މެޗަށް ނިކުތްއިރުވެސް ފެނަބާޗޭ އަށް އޮތީ އުނދަގޫ މަސައްކަތްތަކެއް ކުރަން ޖެހިފަ އެވެ.
އިބްރޮކްސް ސްޓޭޑިއަމްގައި ކުޅުނު މި މެޗު ކޮންޓްރޯލްކޮށް ފެނަބާޗޭ އިން ވަނީ ރަގަޅު ކުޅުމެއް ދައްކާފަ އެވެ.
މެޗުގެ ފުރަތަމަ ހާފުގެ ފަހު މިނިޓުގައި ފެނަބާޗޭގެ ޕޮލެންޑް މިޑްފީލްޑަރ ސެބަސްޓިއަން ސިމަންސްކީ ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދީފަ އެވެ. އަދި މެޗުގެ 73 ވަނަ މިނިޓުގައި އިތުރު ލަނޑެއް ކާމިޔާބުކޮށް އޭނާ ވަނީ މެޗުގެ އެގްރިގޭޓް ނަތީޖާ 3-3 އަށް ބަދަލުކޮށްފަ އެވެ.
މި ލަނޑަށްފަހުވެސް ޕެނަބާޗޭ އަށް ވަނީ މެޗުގެ ފުރިހަމަ ވަގުތުގައި އިތުރު ލަނޑެއް ޖަހާ މެޗުން މޮޅުވާން ރަގަޅު ފުރުސަތެއް ލިބިފަ އެވެ. އެގޮތުން ޔޫސުފް އެލްނެސީރީ ގޯލަށް އަމާޒުކޮށް ފޮނުވާލި ހަމަލާ ޖޭމްސް ޓެވާނީއާ ވަނީ ބްލޮކް ކޮށްފަ އެވެ.
ރޭންޖާރސްގެ ވެކްލޭވް ސާނީގެ ނުރައްކާތެރި ހަމަލަތަކެއް ފެނަބާޗޭގެ ކީޕަރު އިރްފާން ކޭން އެގްރިބަޔަތު މަތަކޮށްފައިވާއިރު މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބުކުރެވިފައެއް ނުވެއެވެ.
މެޗުގެ ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީތަކުގެ ތެރެއިން ފެނަބާޗޭގެ ތިން ޕެނަލްޓީއެއް ވަނީ ނާކާމިޔާބުވެފަ އެވެ. އެގޮތުން އެ ޓީމުން ޖެހި ދެ ޕަނަލްޓީ ރޭންޖަރސްގެ ކީޕަރު ޖެކް ބަޓްލޭންޑް ދިފާއުކޮށްފައިވާއިރު ފަހު ޕެނަލްޓީ ހަކާން ޔަންޑާސް ފޮނުވާލާފައިވަނީ ގޯލުގެ ހުރަސް ދަނޑި މަތިން ބޭރަށެވެ. އަނެއްކޮޅުން ރޭންޖާރސް އިން ޖެހި ހަތަރު ޕެނަލްޓީގެ ތެރެއިން ތިން ޕެނަލްޓީ ކާމިޔާބުކޮށްފައިވާއިރު އިއަނިސް ހާޖީ ޖެހި ޕެނަލްޓީ ފެނަބާޗޭގެ ކީޕަރު ވަނީ ދިފާއުކޮށްފަ އެވެ.
މި މެޗުން އަމިއްލަ ދަނޑުގައި ރޭންޖަރސް ބަލިވެފައިވާއިރު މިއީ އެ ޓީމުގެ ދިގު ތާރީޚުގައި އަމިއްލަ ދަނޑުގައި ޖެހިޖެހިގެން ހަތަރު މެޗުން ބަލިވި ފުރަތަމަ ފަހަރެވެ.
މި މުބާރާތުގެ ކުއާޓަރ ފައިނަލުގައި ރޭންޖާރސް އާއި ދެކޮޅަށް ނިކުންނާނީ ސްޕެއިންގެ އެތުލެޓިކް ބިލްބާއޯ އެވެ. އެ ޓީމުން ކުއާޓަރ ފައިނަލުގެ ޖާގައެއް ހޯދާފައިވަނީ އިޓަލީގެ ރޯމާ އާއި ދެކޮޅަށް ކުޅުނު މެޗު 4-3 ގެ އެގްރިގޭޓް ނަތީޖާއަކުން ކާމިޔާބުކޮށްގެންނެވެ.