އެއަރ މޯލްޑިވްސްގެ ދުވަސްވަރު ރާއްޖޭގެ އޭވިއޭޝަން ސިނާޢަތުގައި ފުރަތަމަ ބޭނުންކުރި ޑޯނިއާ 2 މަތިންދާ ބޯޓު ކުޑަގިރި ފަޅުތެރެއަށް ފައްތާ ތާރީޚީ ޑައިވް ސައިޓު ހުޅުވާލައިފިއެވެ.
މިޑައިވް ރެކަށް ނަން ދީފައިވަނީ "ކުޑަގިރި ދޫނިއާ ރެކް"ގެ ނަމުންނެވެ.
ރާއްޖޭގެ ފަތުރުވެރިކަން އިތުރު ހަރުފަތަކަށް ގެންދިޔުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން އެމްއެމްޕީއާރްސީއާއި، އެޗްޑީސީގެ އިތުރުން އެމްޓީސީސީ ގުޅިގެން ޑައިވް ސައިޓެއް ތަރައްޤީކޮށް މިހާރުވަނީ ހުޅުވާލާފައެވެ. ރާއްޖޭގައި އޭވިއޭޝަން ސިނާޢަތް ފެށުމަށް އޭރުގެ އެއަރ މޯލްޑިވްސްއިން ބޭނުންކުރި ޑޯނިއާ 228 މަރުކާގެ، 2 އެއަރ ކްރާފްޓް މޫދަށް ފައްތައިގެން ތަރައްޤީކުރި މިޑައިވް ރެކް ސައިޓަށް ކިޔަނީ "ދޫނިއާ ރެކް"އެވެ.
އެޗްޑީސީން ވިދާޅުވީ، މިނަން ދީފައިވަނީ ތާރީޚީގޮތުން ރާއްޖެއަށް ޚާއްސަ ދެ އުޅަނދެއް ފައްތައިގެން ތަރައްޤީކޮށްފައިވާ ސައިޓަކަށްވުމާއެކު، އެދެ އެއަރކްރާފްޓަކީ ރާއްޖޭގެ އެވިއޭޝަން ސިނާޢަތުގެ ފެށުންކަމުގައިވާތީ އުދުހުން ދޭހަކޮށްދިނުމަށްޓަކައި ދޫންޏަށް ނިސްބަތްކޮށްފައިކަމަށެވެ.
A Historic Dive Site Inaugurated!
— Housing Development Corporation (@hdcmaldives) March 15, 2025
Today, in collaboration with MMPRC and MTCC, we delightfully inaugurated the Dhoonier Wreck at Kudagiri! This project represents our shared commitment for a brighter future for tourism in Maldives.#Kudagiri #DhoonierWreck #WithHDC pic.twitter.com/il8Tgy3EnF
ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން އެޗްޑީސީން ވިދާޅުވީ، މިސައިޓަކީ ފަތުރުވެރިންނާއި އެތަނަށް ޒިޔާރަތްކުރާ ފަރާތްތަކަށް ޝައުގުވެރި ތަނެއްގެ ގޮތުގައި އިތުރަށް ތަރައްޤީކުރުމުގެ ގޮތުން ސައިޓުގައި މުރަކަ އިންދުމުގެ މަސައްކަތް އެކުންފުނިން ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާކަމަށެވެ. ކުޑަގިރި ފަޅުތެރޭގައި ތަރައްޤީކޮށްފައިވާ މި ސަރަޙައްދު ބަލަހައްޓާނީ އެޗްޑީސީންކަމަށް އެކުންފުނިން ވިދާޅުވެއެވެ.
މިސައިޓު ހުޅުވުމަށް ކުރިއަށްދިޔަ އިވެންޓުގައި ފަތުރުވެރިކަމާއި، ތިމާވެއްޓާ ބެހޭ ވަޒީރު ޠާރިޤު އިބްރާހީމާއި އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު މަޢުރޫފް ޖަމީލާއި އުރީދޫ މޯލްޑިވްސްގެ އިސްވެރިންވަނީ ބައިވެރިވެވަޑައިގެންފައެވެ.
ފަތުރުވެރިކަމުގެ ސިނާޢަތް އިތުރަށް ތަރައްޤީކޮށް، ރާއްޖެ އިޝްތިހާރުކުރުމުގެ ގިނަ މަސައްކަތްތަކެއް ސަރުކާރުގެ ކަމާގުޅޭ އިދާރާތަކުންދަނީ ކުރަމުންނެވެ. މިއަހަރު ރާއްޖެއަށް 2.3 މިލިއަން ފަތުރުވެރިން ގެނައުމަކީ ސަރުކާރުގެ އަމާޒެކެވެ.