ކުޅިވަރު

ސަރުކާރު ކުންފުނިތަކަށް އެފްއޭއެމްއިން ދައްކަންޖެހޭ ދަރަންޏަށް ފަހި ގޮތެއް ހަމަޖެހިދާނެ: ވަޒީރު ރާފިޢު


ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ސަރުކާރު ކުންފުނިތަކުގެ ދައްކަންޖެހޭ ދަރަނީގެ ކަންކަން ހައްލުކުރުމަށް ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާއިން މަސައްކަތް ފަށައިފި އެވެ.

މީރުމާގައި ހޮޓަލުގައި ރޭ ބޭއްވި އެފްއޭއެމްގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވީ "އިރާދަ ކުރެއްވިއްޔާ އެކަން ނިމިގެންދާނީ ވަރަށް ފަހި ގޮތަކަށް،" ކަމަށެވެ.

"އެފްއޭއެމްއިން ސަރުކާރުގެ ކުންފުނިތަކަށް ދަރާފައިވާ ދަރަނި ދެއްކުމުގައި މިނިސްޓްރީން މިހާރު މިގެންދަނީ ސަރުކާރު ކުންފުނިތަކާ ވާހަކަ ދައްކަމުން،" ވަޒީރު ރާފިޢު ވިދާޅުވި އެވެ.

ނަމަވެސް މިއީ ކިހާ ފައިސާއެއް ކަމެއް އަދި ދަރާފައިވަނީ ކިތައް ކުންފުންޏަށް ކަމެއް ވަޒީރު ވިދާޅެއްނުވެ އެވެ. ނަމަވެސް އިތުބާރު ހުރި ގޮތަކަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މި އަދަދު 30 މިލިއަނާ ގާތްކުރެ އެވެ.

ވަޒީރު ރާފިޢު ވިދާޅުވީ އެފްއޭއެމްގެ ކަންކަން ރަނގަޅު ގޮތުގައި ގެންދިއުމަށް ވުޒާރާއިން ގިނަ އެހިތެރިކަމެއް ވެދެއްވަމުން އަންނަ ކަމަށެވެ. އެ ގޮތުން އެފްއޭއެމްގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ގަލޮޅު ދަނޑުގައި އޮފީސް ހަދައިދިނުމާއި، މުބާރާތްތައް ބާއްވައިދިނުމަށް އެހީތެރިވުމުގެ ގޮތުން ވުޒާރާގެ މުވައްޒަފުން ބޭނުން ކުރެވޭނެ ގޮތްވެސް ހަމަޖައްސާދީފައިވާނެ ކަމަށެވެ.

މީގެ އިތުރުން ގައުމީ ޓީމުތައް ރާއްޖެއިން ބޭރުގެ މުބާރާތްތަކާއި މެޗުތައް ކުޅުމަށް މިހާތަނަށް އެފްއޭއެމްއިން އެދުނު ކޮންމެ ކަމަކަށްވެސް އިޖާބަދީފައިވާނެ ކަމަށެވެ.

ރާއްޖޭގެ ފުޓްބޯޅަ އިދާރާ، އެފްއޭއެމް މި ވަގުތު އޮތީ މާލީ ގޮތުންނާއި އިދާރީ ގޮތުން ބޮއްސުންލައި ދިއުމުން ފީފާއިން ނޯމަލައިޒް ކޮށްފައެވެ.