ކުޅިވަރު

އިންޑިއާގެ އަމާޒު: ލަނޑެއް ވަނަނުދީ ރާއްޖެ ބަލިކުރުން


އިންޑިއާގެ އަމާޒަކީ ބައިކޮޅަށް ލަނޑެއް ވަނަނުދީ ރާއްޖެ ބަލިކުރުން ކަމަށް އެ ގައުމުގެ ކުޅުންތެރިން ބުނެފިއެވެ.

އެކުވެރިކަމުގެ މެޗެއްގައި ރާއްޖެ އިންޑިޔާގެ ޝިލޮންގްގައި އެ ގައުމާ ދެކޮޅަށް ނުކުންނާނީ މާދަމާ ނޫން އަނެއް ދުވަހު އެވެ. މިއީ ކުރިއަށް އޮތް އޭޝިއަން ކަޕް ކޮލިފައިން އަށް ތައްޔާރުވުމަށް ދެ ގައުމުން ވެސް ކުޅޭ މެޗެކެވެ.

މި މެޗަށް އިންޑިޔާ ޓީމު ޝިލޮންގަށް ދިޔައީ ބުރާސްފަތި ދުވަހު އެވެ. ރާއްޖެ އަށް ޝިލޮންގަށް ފޯރާނީ މިއަދުގެ ވަގުތެއްގަ އެވެ.

މެޗުގެ ކުރިން ވާހަކަ ދައްކަމުން އިންޑިޔާގެ ތަޖުރިބާކާރު ޑިފެންޑަރު އުމުރުން 31 އަހަރުގެ ސަންޑޭޝް ޖިންގަން ބުނީ ރާއްޖޭގެ އިތުރުން އޭޝިއަން ކަޕް ކޮލިފައިންގައި ބަނގްލަދޭޝް ވެސް ބަލިކުރަން ބޭނުންވަނީ ގޯލެއް ވަނަނުދީ ކަމަށެވެ.

"އަހަރުމެންގެ މައިގަނޑު އަމާޒަކީ ބަނގްލަދޭޝް މެޗު ކާމިޔާބު ކުރުން. އެއީ އޭޝިއަން ކަޕް ކޮލިފައިންގެ ފެށުން ރަނގަޅު ކުރުމަށްޓަކައި. އަހަރެންނަށް ހީވަނީ އަހަރުމެން ކުރިއަށް ގެންދިޔަ 10 ދުވަހުގެ ތަމްރީނަކީ ރާއްޖެ އާއި ބަނގްލަދޭޝް ބަލިކުރަން ވެސް އެހީތެރިވެދޭނެ ކަމެއްހެން. އަހަރުމެންގެ އަމާޒަކީ މި ދެ މެޗުގައި ވެސް ގޯލެއް ވަނަ ނުދީ މޮޅުވުން. ރާއްޖެ މެޗަކީ ބަނގްލަދޭޝްއާ ދެކޮޅަށް ކުޅެން ތައްޔާރުވާން ލިބޭ ވަރަށް ބޯޑު އެހީއަކަށްވާނެ،" އިންޑިޔާގެ ފުޓްބޯޅަ ފެޑަރޭޝަނުން ނެރުނު ރަސްމީ އިންޓަވިއުއެއްގައި ޖިންގަން ބުންޏެވެ.

މި މެޗަކީ އިންޑިޔާގެ ތަޖުރިބާކާރު ކުޅުންތެރިޔާ އަދި ކުރީގެ ކެޕްޓަން ސުނިލް ޗެތްރީ ރިޓަޔާމަންޓް އުވާލައި އަލުން ކުޅެން ނުކުންނަ ފުރަތަމަ މެޗެވެ. ސާކް ސަރަހައްދުގެ އެންމެ މޮޅު ކުޅުންތެރިޔާ އުމުރުން 40 އަހަރުގައި އަލުން ކުޅެން ނުކުތީ ކުލަބު ލެވެލްގައި އޭނާ ދައްކާ ކުޅުން ރަނގަޅުވުމުން އިންޑިޔާ ކޯޗާއި ފެޑަރޭޝަނުގެ އެދުމުގެ މަތީންނެވެ.

އިންޑިޔާ މެޗަށް ފަހު ރާއްޖެ ވާދަކުރާނީ މި މަހުގެ 25 ވަނަ ދުވަހު އޭޝިއަން ކަޕް ކޮލިފައިންގައި ފިލިޕީންސާ އެވެ. މި މެޗު ކުޅޭނީ ފިލިޕީންސްގަ އެވެ. މި މެޗަށް ރާއްޖެ ދަތުރު ކުރާނީ ޝިލޮންގުން އެނބުރި ރާއްޖެ އައުމަށްފަހު އެވެ. ރާއްޖެ ކުރިން މަސައްކަތް ކުރީ އިންޑިޔާއިން ސީދާ ފިލިޕީންސަށް ދިއުމަށެވެ. ޝިލޮންގެ ދަތުރު ފަތުރުގެ ކަންކަން ދަތިކަމުން ފިލިޕީންސަށް ދިއުން ފަސޭހަ ކުރުމަށް އިންޑިޔާގެ އެހެން ސިޓީއެއްގައި މެޗު ކުޅެން ވެސް ރާއްޖެ ހުށަހެޅި އެވެ. ނަމަވެސް އިންޑިޔާއިން ބަނގްލަދޭޝްއާ ދެކޮޅަށް ކުޅެން ޖެހެނީ ޝިލޮންގައި ކަމަށްވުމުން އެ ގައުމުން ޝެޑިއުލް ބަދަލު ކުރަން ބޭނުންނުވީ އެވެ.