ސްޕެނިޝް ލީގުގައި މިރޭ އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށް ނިކުންނައިރު މީގެ ކުރިން އެ ޓީމާ ދެކޮޅަށް ކުޅުނު މެޗުތަކުގައި ހެދުނު ގޯސްތަކުން ފިލާވަޅު ލިބިގެން، އެކަން ރަނގަޅުކޮށްގެން ނޫނީ މި މެޗުން މޮޅު ނުވެވޭނެ ކަމަށް ބާސެލޯނާގެ ކޯޗު ހަންސީ ފްލިކް ބުނެފިއެވެ.
މި މެޗަށް ދެ ޓީމު ނިކުންނައިރު އެއް މެޗު އިތުރަށް ކުޅެގެން 27 މެޗުން އެތްލެޓިކޯ މެޑްރިޑަށް ލިބިފައިވާ 56 ޕޮއިންޓާއެކު އެ ޓީމު އޮތީ ތާވަލުގެ ތިންވަނައިގަ އެވެ. އަދި 26 މެޗުން ލިބިފައިވާ 57 ޕޮއިންޓާއެކު ބާސެލޯނާ ދެވަނައިގައި އޮތްއިރު މި މެޗުން މޮޅުވެގެން އެ ޓީމަށް އަނެއްކާވެސް ތާވަލުގެ އެއްވަނަ މަގާމް ލިބޭނެ އެވެ.
މެޗުގެ ކުރިން ނޫސްވެރިންނާ ވާހަކަ ދައްކަމުން ހެންސީ ފްލިކް ބުނެފައިވަނީ މި ސީޒަނުގައި އެތްލެޓިކޯ މެޑްރިޑާއި ދެކޮޅަށް ކުޅުނު ދެ މެޗުގައި ހެދުނު ގޯސްތަކުން ފިލާވަޅު ލިބިގެން އެކަންތައް ދަނޑުމަތީގައި ސާބިތުކޮށްދޭން ޖެހޭ ކަމަށެވެ.
"ކުރީގެ މެޗުތަކުން ހެދުނު ގޯސްތަކުން ފިލާވަޅު ލިބިގަންނަން ޖެހޭ. އަދި އެކަންތައް ރަގަޅު ކޮށްގެން ނޫން މި މެޗުން ރަގަޅު ނަތީޖާއެއް ނުނެރެވޭނެ." ހެންސީ ފްލިކް ބުންޏެވެ.
މި ސީޒަނުގައި މިހާތަނަށް އެތްލެޓިކޯ މެޑްރިޑާއި ދެކޮޅަށް ބާސެލޯނާ ވަނީ ދެ މެޗު ކުޅެފަ އެވެ. އެގޮތުން ލަލީގާގައި ކުޅުނު މެޗުން 2-1 ގެ ނަތީޖާއަކުން ބާސެލޯނާ ބަލިވެފައިވާއިރު ކޯޕާ ޑެލްރޭގެ ސެމީ ފައިނަލުގައި 4-4 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެ އިތުރު ވަގުތުގައި އެލެކްޒެންޑަރ ސޯލޮތް ޖެހި ލަނޑުން ބާސެލޯނާ ވަނީ ބަލިވެފަ އެވެ.
އަނެއްކޮޅު މި މެޗަށް އެތްލެޓިކޯ މެޑްރިޑް ނިކުންނައިރު ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގައި މިދިޔަ ހަފްތާގައި ރެއާލް މެޑްރިޑް އަތުން ޕެނަލްޓީ ޖަހައިގެން އެ ޓީމު ބަލިވެފައިވާތީ އެކަމުގެ ހިތްދަތިކަން އަދިވެސް އެބަހުރި ކަމަށް ކޯޗު ޑިއެގޯ ސިމިއޯނީ ވަނީ ބުނެފަ އެވެ.
އަދި އެ މެޗުގައި ރެފްރީގެ ނިންމުންތަކާއި މެދު ހިތްހަމަ ނުޖެހޭ ކަމަށްވެސް މި މެޗުގެ ކުރިން ބޭއްވި ނުސްވެރިންގެ ބައްދަލުވުމުގައި ސިމިއޯނީ ވަނީ ބުނެފަ އެވެ. އެތްލެޓިކޯ މެޑްރިޑްގެ ފޯވަޑް ހޫލިއަން އަލްވަރޭޒް ޕެނަލްޓ ޖެހި ވަގުތު ކައްސާލައިގެންގޮސް އޭނާގެ ފައިން ދެ ފަހަރު ބޯޅަޖެހިފައިވާކަމަށް ބުނެ އެ ޕެނަލްޓީ ގޯސް ކަމަށް ވަނީ ނިންމާފައެވެ. އަދި އަލުން ޕެނަލްޓީ ޖެހުމުގެ ފުރުސަތު ދީފައިނުވާތީ އެކަމާވެސް ސިމިއޯނީ ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ.