ގައުމީ ފުޓްބޯޅަ ޓީމުގެ ސްކޮޑުގައި މުޅި ރާއްޖެއަށް ނިސްބަތްވާ ކުޅުންތެރިން ހިމެނިގެންދިޔުމަކީ ހެޔޮފާލެއް ކަމަށާއި، އެކަމުގެ ސަބަބުން ޓީމަށް އޮތް ތަރުހީބު ބޮޑުވެގެންދާނެ ކަމަށް ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް ނިއުސްއިން ގެނެސްދިން "އަލުން އެ ފޯރި" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ވަޒީރު ރާފިޢު ވިދާޅުވީ ސްކޮޑުގައި ޒުވާން ކުޅުންތެރިން ތިބިކަމުގައި ވިޔަސް، ތަޖުރިބާކާރު ކުޅުންތެރިންނާއެކު ވަރަށް ގިނަ އެއްޗެހި ދަސްވެގެންދާނެ ކަމަށެވެ. އަދި ވަކިން ޚާއްސަކޮށް ގައުމީ ޓީމުގެ ކޯޗު އަލީ ސުޒެއިންގެ ފަރާތުން ގިނަ ކަންކަން ޒުވާން ކުޅުންތެރިންނަށް ދަސްވެގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.
"މި ޓީމު ޚާއްސަވާ ކަމަކީ ރާއްޖޭގެ ގިނަ ރަށްތަކަކުން، އަތޮޅުތަކަށް ނިސްބަތްވާ ކުޅުންތެރިން ހިމެނުމާއި، އަދި ޔަންގް ކުޅުންތެރިން ގިނަވުމާއި، ހަމައެއާއެކު އެކްސްޕީރިއަންސް ކުޅުންތެރިންގެ އިރުޝާދާއި ލަފާވެސް ޓީމުތެރެއިން ލިބިގެންދިޔުން." ރާފިޢު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ ޓީމުގެ ރޫހު ފެންނަނީ ވަރަށް ރަނގަޅަށް ކަމަށާއި، ހުރިހާ ކުޅުންތެރިންވެސް ފެނިގެންދަނީ ޖޯޝާއި ފޯރީގައި މެޗަށް ތައްޔާރުވާތަން ކަމަށެވެ. އަދި އެންމެ ބޮޑަށް ދެކެން ބޭނުންވަނީ ޓީމުން ރަނގަޅު ނަތީޖާއެކު އެނބުރި އަންނަ ތަން ކަމަށްވެސް ވަޒީރު ރާފިޢު ވިދާޅުވިއެވެ.
ބައިނަލްއަގުވާމީ އެކުވެރިކުމުގެ މެޗުގައި ރާއްޖެއިން އިންޑިއާއާ ދެކޮޅަށް ބުދަ ދުވަހު ނުކުންނައިރު، އެންމެ ފަހުން ރަށުން ބޭރުގައި އިންޑިއާ ދެކޮޅަށް ކުޅުނީ މީގެ ހަތް އަހަރު ކުރިން ބަންގްލަދޭޝްގައި ބޭއްވި ސާފް ޗެމްޕިއަންޝިޕުގެ ފައިނަލުގައެވެ. އެ ފަހަރު ރާއްޖެއިން ތަށި ހޯދީ އިންޑިއާ ބަލިކުރުމަށްފަހުއެވެ.