ޚަބަރު

ސީލައިފް އެއްބަސްވުން އެޗްޑީސީން ބާޠިލުކުރީ ރަނގަޅަށްކަމަށް ސިވިލް ކޯޓުން ނިންމައިފި


  • ސީލައިފްއާ މަޝްރޫޢު ހަވާލުކޮށްފައިވަނީ ޤާބިލުކަން ނެތްކަން އެނގިހުރެ

  • ފްލެޓު ގަތުމަށް ދެއްކި ފައިސާއަށް ސީލައިފްގެ ވެރިން ވަނީ ޚިޔާނަތްތެރިވެފައި

ސީލައިފްއާ ހަވާލުކޮށް ހުޅުމާލޭގައި 3،000 އެޕާޓްމަންޓް ޔުނިޓް ތަރައްގީކުރުމަށް ކުރިއަށް ގެންދިޔަ މަޝްރޫއުގެ އެއްބަސްވުން ހައުސިން ޑެވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީން ބާޠިލުކުރީ ރަނގަލަށްކަމަށް ސިވިލް ކޯޓުން ޙުކުމްކޮށްފިއެވެ.

ހުޅުމާލޭގައި 3،000 އެޕާޓްމަންޓް ޔުނިޓް އިމާރާތްކުރުމުގެ މަޝްރޫއުގެ އެއްބަސްވުމެއްގައި އެޗްޑީސީއާއި ސީލައިފާއި ދެމެދު ސޮއިކޮށްފައިވަނީ 2014 މާރޗް 13ވަނަ ދުވަހުއެވެ. ނަމަވެސް އެ އެއްބަސްވުމާއި ހިލާފަށް، ސީލައިފްއިން އެ މަސައްކަތް ކުރިއަށް ނުގެންގޮސް، ލިޔެކިޔުންތައް ފޯޖްކޮށް، ޕަރފޯމަންސް ގެރެންޓީއެއް ހުށަހަޅައި، އަދި އެތަކެއް ބައެއްގެ އަތުން ފައިސާ ނަގާފައިވާ މައްސަލާގައި، އެޗްޑީސީން ސީލައިފްއާ ދެމެދު ސޮއިކޮށްފައިވާ އެއްބަސްވުން، 2018 ޑިސެމްބަރ 24 ވަނަ ދުވަހު ވަނީ ބާތިލުކޮށްފައެވެ.

އެ އެއްބަސްވުން ބާތިލުކޮށްފައިވަނީ ޤާނޫނާ ހިލާފަށް ކަމުގައި ކަނޑައަޅައިދިނުމަށް އެދި، ސީލައިފްގެ ފަރާތުން އެޗްޑީސީއާ ދެކޮޅަށް ސިވިލް ކޯޓަށް މައްސަލައެއް ހުށައެޅިއެވެ. މި މައްސަލައިގެ ތެރެއިން ސީލައިފްގެ ފަރާތުން އެދިފައިވަނީ އެއްބަސްވުން ބާތިލުކުރި ކުރުމާއި ގުޅިގެން އެފަރާތަށް ގެއްލުމުގެ ބަދަލު ދިނުމަށް، އެޗްޑީސީގެ މައްޗަށް އަމުރުކުރުމަށެވެ.

މި މައްސަލާގައި ސިވިލް ކޯޓުން މިއަދު ވަނީ، ސީލައިފާއި އެޗްޑީސީއާދެމެދު ސޮއިކޮށްފައިވާ އެއްބަސްވުން ބާތިލުކޮށްފައިވަނީ ރަނގަޅަށް ކަމުގައި ކަނޑައަޅާފައެވެ. އަދި އެޗްޑީސީން ސީލައިފަށް މިކަމާއި ގުޅިގެން އެއްވެސް ބަދަލެއް ދޭން ނުޖެހޭނެ ކަމުގައިވެސް ސިވިލް ކޯޓުން ވަނީ ކަނޑައަޅާފައެވެ.

ސީލައިފް ޕްރޮޖެކްޓުގެ އިތުރުން، ހުޅުމާލޭގައި ކުރިއަށް ގެންދާ މިފަދަ އެކިއެކި މަޝްރޫއުތަކުގެ އެއްބަސްވުމާއި ހިލާފަށް އަމަލުކުރާ ފަރާތްތަކާއި މެދުގައި އެޗްޑީސީން އަޅަންޖެހޭ ޤާނޫނީ ފިޔަވަޅު އަޅާނެކަމުގައި އެކުންފުނިން ވަނީ ބުނެފައެވެ.

ސީލައިފުން ހުޅުމާލޭގައި 3000 އެޕާޓްމަންޓު އެޅުމަށް ބޮޑު މަޝްރޫއެއް އިއުލާނު ކުރީ 2016 ވަނަ އަހަރުގައެވެ. ފްލެޓް ގަތުމަށް އެތައް ބަޔަކު ދެއްކި ފައިސާއަށް އެ ކުންފުނީގެ ވެރިން ޚިޔާނަތްތެރިވެ އެ ފައިސާ އަނބުރާ ދީފައިނުވާތީ 200 އަށްވުރެ ގިނަ މީހުން ވަނީ އެ ކުންފުންޏާ ދެކޮޅަށް ސިވިލް ކޯޓްގައި ދަޢުވާކޮށްފައެވެ.

އެ މައްސަލައިގެ ތެރެއަށް އެޗްޑީސީ ވަދެ ގެއްލުންވި ފަރާތްތަކަށް 45 މިލިއަން ރުފިޔާގެ ބަދަލެއް ކަނޑައަޅައި ބޯހިޔާވަހިކަމުގެ އެހެން މަޝްރޫއަކުން ފްލެޓް ގަތުމަށް ފުރުސަތު ދިނުމަށް އެއްބަސްވުމެއް އެކުލަވާލައި ކޯޓުން ބޭރުގައި އެ މައްސަލަ ވަނީ ޙައްލުކޮށްފައެވެ.

ކުރީގެ ރައީސް ޔާމިންގެ ވެރިކަމުގައި 3000 ފްލެޓް އެޅުމަށް ސީލައިފްއާއި ހަވާލުކޮށްފައިވަނީ އެވަރުގެ މަޝްރޫއެއް ހިންގުމުގެ ޤާބިލްކަން އެ ކުންފުނީގައި ނެތްކަން އެނގިތިބެކަން އެޗްޑީސީން އެކުލަވާލާފައިވާ ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ.