މާލޭގެ ކުރީގެ ޑެޕިއުޓީ މޭޔަރު އަޙްމަދު ނަރީޝް، ޒުވާނުން ބާރުވެރިކުރުވުމާއި، މަޢުލޫމާތާއި ފަންނާ ބެހޭ ވަޒީރުގެ އެޑްވައިޒަރަކަށް އައްޔަންކުރައްވައިފިއެވެ. ނަރީޝް އެ މަޤާމަށް އައްޔަންކުރެއްވީ ވަޒީރެއްގެ ފެންވަރުގައެވެ.
އެ މަޤާމަށް ނަރީޝް އައްޔަންކުރައްވައި، މަޤާމުގެ ފަތްކޮޅު ދެއްވާފައިވަނީ މިިދިޔަ ބުރާސްފަތި ދުވަހުއެވެ. މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރުގެ މަޤާމުން އަހުމަދު ނަރީޝް އިސްތިއުފާ ދެއްވީ ބުދަ ދުވަހުއެވެ.
ޑެޕިއުޓީ މޭޔަރުކަމުގެ މަޤާމުން އިސްތިއުފާދެއްވުމަށްފަހު ނަރިޝް ވިދާޅުވެފައިވަނީ މާލޭ ސިޓީގެ ޑެޕިއުޓީ މޭޔަރުކަމުގައިހުންނެވިއިރު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބެހެއްޓެވި ގާތްކަމާއި ދެއްވި އެހީތެރިކަމަށްވެސް ޝުކުރު އަދާކުރައްވާކަމަށެވެ.
އެމަނިކުފާނަކީ ބޭނުންވާ ނަތީޖާތައް ހަލުވިކަމާއެކު ނެރެދެއްވުމަށްޓަކައި ސިޔާސީ ފިކުރު ތަފާތު މީހުންނާއެކުވެސް ގުޅިގެން މަސައްކަތް ކުރައްވައި، ރިވެތި ނަމޫނާ ދައްކަވާ ބޭފުޅެއް ކަމަށް ނަރީޝް ވިދާޅުވިއެވެ. އަދި އެމަނިކުފާނަކީ މާލެ ސިޓީއަށް އަވަސް، ހެޔޮ ބަދަލުތަކެއް ގެންނެވި ލީޑަރެއް ކަމަށާއި އެމަނިކުފާނުގެ އަރިހުން ދަސްވި ފިލާވަޅުތަކަށް ޝުކުރު އަދާކުރައްވާ ކަމަށްވެސް ނަރީޝް ވިދާޅުވިއެވެ.
މާލެސިޓީ ކައުންސިލުގައި ހޭދަކުރެއްވި މުއްދަތަކީ އެކި ދާއިރާތަކުން ތަޖުރިބާ ހާސިލްކުރެވި، ޝަހުސު ބައްޓަންކުރަން ލިބިގެންދިޔަ ފުރުޞަތެއް ކަމަށް ނަރީޝް ވިދާޅުވިއެވެ. އަދި މިހާރުގެ މޭޔަރު އާދަމް އާޒިމްގެ ފަރާތުން ދަސްވި ފިލާވަޅުތަކަށްވެސް ނަރީޝް ވަނީ ޝުކުރު އަދާކުރައްވާފައެވެ.