ޚަބަރު

ދިއްދޫގައި އިމާރާތްކުރަމުންދާ 75 ހައުސިންގ ޔުނިޓްގެ މަސަކަތް ނިމުމަކާ ގާތަށް


  • މަޝްރޫއުގެ 83.2% މަސައްކަތް ވަނީ ނިމިފައި

ހއ. ދިއްދޫގައި އިމާރާތްކުރަމުންދާ 75 ހައުސިންގ ޔުނިޓުގެ މަސައްކަތުގެ ބޮޑުބައި ނިމިއްޖެއެވެ. މި މަސައްކަތް ކުރަމުންދާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮންޕެނީ ލިމިޑެޓް، އެމްޓީސީސީއިން ވިދާޅުވީ މި މަސައްކަތުގެ %83 އަށްވުރެ ބޮޑުބައި މިހާރު ނިމިފައިވާކަމަށެވެ.

ދިއްދޫ ހިއްކި ސަރަހައްދުގައި ކުރިއަށްގެންދާ އެ ހައުސިންގ ޔުނިޓްތަކުގެ %83.2 މަސައްކަތް ނިމިފައިވާކަމަށް އެމްޓީސީސީއިން ވިދާޅުވެފައިވާއިރު، މިއަހަރުގެ ތެރޭގައި މި މަސައްކަތް އެއްކޮށް ނިންމާލާނެކަމަށް ގެދޮރުވެރިކަމާއި ބެހޭ ވުޒާރާއިން ވަނީ މީގެކުރިން ވިދާޅުވެފައެވެ.

އެސްޖޭ ކޮންސްޓްރަކްޝަނާ ޙަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢު އެކުންފުންޏާ ހަވާލުކޮށްފައިވަނީ 120 މިލިޔަން ރުފިޔާއަށެވެ.

ރޯ ހައުސްގޮތަށް ދެ ފަންގިފިލާއަށް ޢިމާރާތްކުރާ އެ މަޝްރޫއުގައި ހިމެނޭ ކޮންމެ ޔުނިޓެއްގައި ހިމެނެނީ 3 ކޮޓަރިއާއި، 3 ފާޚާނާއާއި، ސިޓިންގ ރޫމާއި، ބަދިގޭގެ އިތުރުން ކާގެއާއި، ލޯންޑްރީ އަދި ސްޓޯރ ރޫމެކެވެ.

ބޯހިޔާވަހިކަމުގެ މައްސަލައަކީ ދިއްދޫއަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައެވެ. ދިއްދޫއަކީ 5000 އާއި ގާތްކުރާ އާބާދީއެއް ދިރިއުޅެމުން އަންނަ ރަށެކެވެ. ދިއްދޫގައި ޢިމާރާތްކުރަމުންދާ 75 ހައުސިންގ ޔުނިޓްތަކަށް ކުރިމަތިލުމަށް ހުޅުވާލުމުން އެއްހާހާ ގާތްކުރާ ޢަދަދަކަށް މީހުން ފޯމު ހުށައަޅާފައިވާކަމަށް ކައުންސިލުން ވަނީ ވިދާޅުވެފައެވެ.

ދިއްދޫގައި މީގެކުރިން ވަނީ 250 ހައުސިންގ ޔުނިޓް ޢިމާރާތްކޮށްފައެވެ. އެ ޔުނިޓްތަކުގައި މިހާރު މީހުން ދިރިއުޅެއެވެ.