ޚަބަރު

ކުޑަކުއްޖެއްގެ ކަރާމާތައް އުނިކަން އަންނަގޮތަށް ވާހަކަދައްކާ ވީޑިއޯ ދައުރުކުރާ މައްސަލަ ސީއޯއޯއިން ކުށްވެރިކޮށްފި


ކުޑަކުއްޖެއްގެ ކަރާމާތައް އުނިކަން އަތުވެދާނެފަދަ ގޮތަކަށް ވާހަކަދައްކާ މަންޒަރު ފެންނަ ވީޑިއޯ ބްރޯޑްކާސްޓްކޮށް ދައުރުވަމުންދާތީ ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހުން އެކަން ކުށްވެރިކޮށްފިއެވެ. އެ އޮފީހުން ވިދާޅުވީ އެކަން ގާތުން ބަލަމުންދާކަމަށެވެ.

ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހުން ނެރުނު ނޫސްބަޔާނުގައި ވިދާޅުވީ، މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީގެ ފަރާތުން ކުރިއަށްގެންދިޔަ ސިލްސިލާ އެއްވުމެއްގެ ތެރެއިން މިމަހުގެ 13ވަނަ ދުވަހު ކުޑަކުއްޖެއްގެ ކަރާމާތައް އުނިކަން އަތުވެދާނެގޮތަކަށް ވާހަކަދައްކާ މަންޒަރު ފެންނަ ވީޑިއޯއެއް ބްރޯޑްކާސްޓްކޮށް ދައުރުކުރަމުންދާކަމަށެވެ.

ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ ދަށުން ކުޑަކުދިންނަކީ އާއިލާގެ ފަރާތުންނާއި، ޖަމާއަތުގެ ފަރާތުންނާއި، ދައުލަތުގެ ފަރާތުން ޚާއްސަ އެހީތެރިކަމަކާއި ޚާއްސަ ރައްކާތެރިކަން ލިބެންޖެހޭ ބައެއްކަން ކަނޑައަޅާފައިވާކަމަށެވެ.

ކުޑަކުދިންނަށް ރައްކާތެރިކަން ފޯރުކޮށްދިނުމާއި ގުޅޭ އުސޫލުތަކާއި ޤާނޫނުތައް ކަނޑައަޅާފައިވާއިރު އެމީހެއްގެ ނަމާއި އަބުރު ރައްކާތެރިކުރެވިފައި އޮތުމުގެ ހައްޤު ކޮންމެ މީހަކަށް ލިބިފައިވާއިރު، ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ސިޔާސީ ޕާޓީއަކުން އިންތިޒާމްކުރި އެއްވުމެއްގެ ތެރެއިން ކުޑަކުއްޖެއްގެ ކަރާމާތައް އުނިކަމެއް އަތުވެދާނެ ގޮތަކަށް ވާހަކަދެއްކުމާއި އަދި ދިވެހިރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މީޑިއާއަކުން އެ މަންޒަރާއި އަޑު ދައްކާފައިވާތީ ކުއްޖާއާއިމެދު ހިންގާފައިވާ މިއަމަލު ކުށްވެރިކުރާކަމަށް ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހުން ވަނީ ވިދާޅުވެފައެވެ.

ކުޑަކުދިންނާއިމެދު ހިންގާ މިފަދަ އަމަލުތަކަކީ އޭގެ ސަބަބުން އެކުދިންގެ އަމިއްލަ ނަފްސަށް ކުރާ އިތުބާރު ކުޑަވެ ނަފްސާނީގޮތުން އެކުދިންނަށް ބޮޑެތި ނޭދެވޭ އަސަރުތައް ތަހައްމަލުކުރުވާ ފަދަ ކަމެއްކަމަށް ވަނީ ފާހަގަކޮށްފައެވެ. އެހެންކަމުން ކުޑަކުދިންގެ ކަރާމާތާއި މަސްލަހަތައް އުނިކަން އަތުވެދާނެ މިފަދަ އަމަލުތައް ނުކުރުމަށް އެންމެހައި ފަރާތްތަކަށް ވަނީ އިލްތިމާސްކޮށްފައެވެ.