ޚަބަރު

ފަހަތުން އަރައި އެތުލެޓިކޯ މެޑްރިޑް ބަލިކޮށް ބާސެލޯނާ އެއްވަނައަށް


ސްޕެނިޝް ލީގުގައި ރޭ އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށް ކުޅުނު މެޗު ފަހަތުން އަރައި 4-2 ގެ ނަތީޖާއަކުން ކާމިޔާބުކޮށް، ތާވަލުގެ އެއްވަނަ މަގާމު ބާސެލޯނާއިން ހޯދައިފިއެވެ.

މި މެޗުން ބާސެލޯނާ މޮޅުވުމާއެކު އެ ޓީމަށް ވަނީ ލީގުގައި މިހާތަނަށް ކުޅުނު 27 މެޗުން 60 ޕޮއިންޓާއެކު އެއްވަނަ ލިބިފަ އެވެ. ދެވަނައިގައި އޮތް ވާދަވެރި ރެއާލް މެޑްރިޑް އެއް މެޗު އިތުރަށް ކުޅެގެން 60 ޕޮއިންޓް ލިބިފައިވީ ނަމަވެސް ބާސެލޯނާއަށް ކުރި ލިބިފައިވަނީ ފައިދާ ގޯލުގެ ތަފާތުންނެވެ. އެތްލެޓިކޯ މެޑްރިޑަށް ލިބިފައިވާ 56 ޕޮއިންޓާއެކު އެ ޓީމު އޮތީ ތާވަލުގެ ތިންވަނައިގަ އެވެ.

އެތްލެޓިކޯ މެޑްރިޑްގެ ރިޔާދު އެއާ މެޓްރޮޕޮލިޓާނޯ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގެ ފަހު މިނިޓުގައި އެތްލެޓިކޯ މެޑްރިޑްގެ ހޫލިއަން އަލްވަރޭޒް ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދީފަ އެވެ.

އަދި މެޗުގެ 70 ވަނަ މިނިޓުގައި އެލެކްޒެންޑަރ ސޯލޮތް ވަނީ އިތުރު ލަނޑެއް ޖަހާ ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ބޮޑުކޮށްފަ އެވެ.

ނަމަވެސް އޭގެ ދެ މިނިޓު ފަހުން ހެންސީ ފްލިކްގެ އިރުޝާދުގެ ދަށުން ކުޅެމުން އައި ބާސެލޯނާގެ ރޮބަޓް ލެވަންޑޯސްކީ ވަނީ ލަނޑެއް ޖަހާފަ އެވެ. އަދު އޭގެ ހަ މިނިޓް ފަހުން ރަފީނިއާ ނަގައިދިން ހުރަހަކުން ފެރާން ޓޮރޭޒް ވަނީ އިތުރު ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ.

މި މެޗުން ބާސެލޯނާއަށް ފުރަތަމަ ފަހަރަށް ކުރި ލިބިފައިވަނީ މެޗުގެ އިތުރު ވަގުތުގެ ދެވަނަ މިނިޓުގައި ލަމީން ޔަމާލް ކާމިޔާބުކޮށްދިން ލަނޑުންނެވެ. އޭރިޔާ ބޭރުން އޭނާ ފޮނުވާލި ބޯޅަ އެތްލެޓިކޯގެ ކުޅުންތެރިއެއްގެ ގައިގައި ޖެހިފައި މިސްރާބު ބަދަލުވެގެން ގޮސް ގޯލުގެ ތެރެއަށް ވަންއިރު ކީޕަރަށް ކުރެވުނު މާބޮޑު ކަމެއް ނެތެވެ.

ބާސެލޯނާ އިން މި މެޗުގައި ޖެހި ހަތަރުވަނަ ލަނޑު އިތުރު ވަގުތުގެ އަށްވަނަ މިނިޓުގައި އެ ޓީމަށް ކާމިޔާބު ކޮށްދިނީ ފެރަން ޓޮރޭޒް އެވެ.

ފަހަތުން އަރާ އެތްލެޓިކޯ މެޑްރިޑް އަތުން ބާސެލޯނާ މޮޅުވެފައިވާއިރު މިދިޔަ ހަފްތާގައި ޔޫއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގައި ރެއާލް މެޑްރިޑް އަތުން އެތްލެޓިކޯ މެޑްރިޑް ވަނީ ބަލިވެ މުބާރާތުން ކަޓާފަ އެވެ.