ޚަބަރު

އެންމެ މަތީ މިންވަރަކަށް ފުޓްބޯޅައަށް އެހީތެރިކަން ފޯރުކޮށްދޭނަށް: ވަޒީރު ރާފިޢު


ސަރުކާރަށް ވެވުނު އެންމެ މަތީ މިންވަރަކަށް ފުޓްބޯޅައަށް އެހީތެރކަން ފޯރިކޮށްދެއްވާނެ ކަމަށް ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ޕީއެސްއެމް ނިއުސްއިން ގެނެސްދިން "އަލުން އެ ފޯރި" ޕްރޮގްރާމުގައި ވާހަކަދައްކަވަމުންނެވެ.

ވަޒީރު ރާފިޢު ވިދާޅުވީ ކުޅިވަރާ ބެހޭ ވުޒާރާ އާއި ކުޅިވަރު އާއިލާގެ ހުރިހާ ބޭފެޅުންވެސް މި ވަގުތު ތިބީ ގައުމީ ޓީމާއެކުގައި ކަމަށެވެ. އަދި ރައިސޫލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދާއި ލަފާފުޅާ އެއްގޮތަށް ރާއްޖޭގެ ފުޓްބޯޅައަށް ސަރަކާރުން އެހީތެރިކަން ފޯރުކޮއްދެމުންދާ ކަމަށްވެސް ވިދާޅުވިއެވެ.

"ރާއްޖޭގެ ފުޓްބޯޅައަށް ލޯބިކުރާ ހުރިހާ ބޭފުޅުންވެސް އެ ކުދިންނަށް ސަޕޯޓުކޮށް، އެ ކުދިންނަށް ހެޔޮދުއާކޮށް މިތިބީ، އެހެންވީމަ 100 ޕަސެންޓް އެ ކުދިން ދޭށޭ" ގައުމީ ޓީމުގެ ކުޅުންތެރިންނަށް މެސެޖެއް ދެއްވަމުން ރާފިޢު ވިދާޅުވިއެވެ.

ރާއްޖޭގެ ފުޓްބޯޅަ އުނދަގޫ ހާލަތެއްގައި ވަނިކޮށް ކުޅުންތެރިންނަށް އެންމެ ބޮޑު އެއްބާރުލުމެއް ދެވޭނީ މިފަދަ ދަނޑިވަޅެއްގައިކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ ހުރިހާ އެންމެންނަށްވެސް ކާމިޔާބީގައި އުފާފާޅުކުރަން ފަސޭހަވާނެ ކަމަށާއި، އެހެން ނަމަވެސް ނާކާމިޔާބީގައި ކޮޅަށް ތެދުވެވޭނީ ހިތްވަރުކޮށްގެން ކަމަށެވެ. އަދި ގަދަ ހިތްވަރާއެކު މަސައްކަތް ކުރެވިއްޖެ ކަމަށްވާނަމަ ކާމިޔާބަކީ ދުރުގައިވާ އެއްޗެއް ނޫން ކަމަށް ވިދާޅުވިއެވެ.

ބައިނަލްއަގުވާމީ އެކުވެރިކަމުގެ މެޗުގައި ރާއްޖެއިން އިންޑިއާއާ ދެކޮޅަށް ނުކުންނައިރު، ބުދަ ދުވަހު އިންޑިއާގެ ޖަވާހިރުލާލް ނެހުރޫ ސްޓޭޑިއަމްގައި ކުޅޭ މެޗު ފަށާނީ ރާއްޖެ ގަޑިން އިރުއޮއްސި 6:30 ގައެވެ.