ޚަބަރު

އިންޑިއާއާއި ރާއްޖެއާ ދެމެދު ކުރެވޭ ވިޔަފާރީގެ މުއާމަލާތްތައް ދެ ގައުމުގެ ފައިސާއިން ކުރުމަށް ހުއްދަދީފި


  • އިންޑިޔާގެ މަރުކަޒީ ބޭންކުން ބުނީ މިނިންމުމާ އެއްގޮތަށް ވަގުތުން އަމަލުކުރެވެން ފެށޭނެކަމަށް

އިންޑިއާއާއި ރާއްޖެއާ ދެމެދު ކުރެވޭ ވިޔަފާރީގެ މުއާމަލާތްތަކުގައި ދެ ޤައުމުގެ ފައިސާ ބޭނުންކުރުމުގެ ހުއްދަ އިންޑިއާގެ މަރުކަޒީ ބޭންކް، ރިޒާވް ބޭންކް އޮފް އިންޑިއާއިން ދީފިއެވެ.

ރިޒާވް ބޭންކް އޮފް އިންޑިއާއިން އިއްޔެ ނެރުނު ސަރކިއުލާއެއްގައި ބުނީ އިންޑިއާ އާއި ރާާއްޖެއާ ދެމެދު ކުރެވޭ ދޭދޭ ޤައުމުތަކުގެ މާލީ މުއާމަލާތްތަކުގައި އޭސީޔޫ މެކޭނިޒަމްގެ އިތުރުން ދިވެހި ރުފިޔާ އަދި އިންޑިއާ ރުޕީސް ބޭނުންކުރެވޭނެ ކަމަށެވެ.

އޭސީޔޫ މެކޭނިޒަމަކީ ސަރަހައްދީ ޤައުމުތަކުގެ މަރުކަޒީ ބޭންކުތަކުގެ ތެރެއިން އޭސީޔޫގައި ބައިވެރިވާ ޤައުމުތަކުން މާލީ މުއާމަލާތްތައް ހިންގާ ނިޒާމެކެވެ. އޭސީޔޫގައި ރާއްޖޭގެ އިތުރުން ބަންގްލަދޭޝާއި ބެލަރޫސާއި ބޫޓާނާއި އިންޑިއާ އާއި އީރާނާއި މިޔަންމާ އާއި ނޭޕާލާއި ޕާކިސްތާން އަދި ސްރީލަންކާ ހިމެނެއެވެ.

އިންޑިއާގެ ރިޒާވް ބޭންކުން އެ ޤައުމާއި ރާއްޖެއާ ދެމެދު ކުރެވޭ މާލީ މުއާމަލާތްތަކުގައި ދެ ޤައުމުގެ ފައިސާ ބޭނުންކުރަން ހުއްދަ ދީފައިމިވަނީ މިދިޔަ އަހަރުގެ ނޮވެންބަރު މަހު ދެ ޤައުމުގެ ދެމެދު ސޮއިކޮށްފައިވާ ފަހުމުނާމާއާ ގުޅިގެންނެވެ.

އިންޑިއާގެ މަރުކަޒީ ބޭންކުން ބުނީ އެ ބޭންކުގެ ނިންމުމާ އެއްގޮތަށް ވަގުތުން އަމަލުކުރެވެން ފެށޭނެ ކަމަށެވެ.

އިންޑިއާއަކީ ރާއްޖެއަށް ބޭނުންވާ ހަނޑޫ، ހަކުރު އަދި ތެޔޮ ފަދަ މުހިންމު ތަކެތި އެކްސްޕޯޓްކުރާ މައި ޤައުމުކަމުން މި ނިންމުމުގެ ސަބަބުން ފައިސާ ދެއްކުމުގެ ކަންކަން ފަސޭހަވެ، ވިޔަފާރީގެ ހަރުދަނާކަން އިތުރުވާނެއެވެ.

މާލީ މުއާމަލާތްތަކުގައި ޑޮލަރު ބޭނުން ކުރެވޭވަރު މަދުކުރުމަށް އިންޑިއާއިން އަންނަނީ މަސައްކަތް ކުރަމުންނެވެ. މިއީ އިންޑިއާ ރުޕީޒްގެ މަގުބޫލުކަން އިތުރުކުރުމަށް އިންޑިއާއިން ގެންގުޅޭ ތަސައްވުރެކެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާއެކު ބޭއްވެވި މަޝްވަރާ ބައްދަލުވުންތަކަށްފަހު ދެ ޤައުމުގެ ދެމެދު އެއްބަސްވުންތައް ބަދަލުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިންވަނީ ރާއްޖޭގައި އިންޑިއާގެ ރުޕޭ ކާޑު ބޭނުންކުރެވޭ ގޮތްވެސް ހަދާފައެވެ.