ޚަބަރު

އަނިޔާގެ ސަބަބުން ޕާމާގެ ބަދަލުގައި ގިބްސް-ވައިޓް ޓީމަށް ނަގައިފި


ފީފާ ވޯލްޑް ކަޕް ކޮލިފައިންގައި މި މަހު އިންގްލަންޑުން ކުޅެން ޖެހޭ ދެ މެޗަށް ނެގި ސްކޮޑުގައި ޗެލްސީގެ ކޯލް ޕާމާ ހިމެނުނު ނަމަވެސް، އޭނާއަށް އެ މެޗުތަކުގައި ނުކުޅެވޭނެ ކަމަށް ބަލައި ނޮޓިންހަމް ފޮރެސްޓުގެ މޯގަން ގިބްސް-ވައިޓް ޓީމަށް ނަގައިފިއެވެ.

އިންގްލަންޑްގެ ކޯޗު ކަމާއި ތޯމަސް ޓުޗެލް ހަވާލުވުމަށްފަހު ކުޅޭ ފުރަތަމަ ދެ މެޗުގައި އެ ޓީމު ނިކުންނާނީ އަލްބޭނިއާ އާއި ލެޓްވިއާ އާއި ދެކޮޅަށެވެ.

މިދިޔަ އާދީއްތަ ދުވަހު އިނގިރޭސި ޕްރިމިއާ ލީގުގައި އާސެނަލް އަތުން ޗެލްސީ 1-0 ގެ ނަތީޖާއަކުން ބަލިވި މެޗުގައި ޕާމާ ކުޅެފައެއް ނުވެއެވެ. އަދި އެ މެޗަށްފަހު ޗެލްސީގެ ކޯޗު އެންޒޯ މަރެސްކާ ބުނެފައިވަނީ ޓުޗެލްގެ ސްކޮޑުގައި ޕާމާ ހިމެނުނު ނަމަވެސް އޭނާއަށް އެ ދެ މެޗުގައި ކުޅެވޭނެ ކަމަށް ގަބޫލު ނުކުރެވޭ ކަމަށެވެ. އާސެނަލް އާއި ދެކޮޅަށް ކުޅެން އޮތް މެޗުގެ ކުރިން ބޭއްވި ފަރިތަކުރުންތަކުގައި ޕާމާގެ ވަނީ އަނިޔާވެފަ އެވެ.

"އަހަރެންނަށް ގަބޫލެއް ނުކުރެވޭ އިންގްލޭންޑްގެ މެޗުތަކަށް އޭނާ އެއްކޮށް ފިޓްވާނެ ކަމަށް. އަދި އިތުރަށް ބެލުމަށްޓަކައި ސްކޭންތަކެއް ހެދުމަށް ވަނީ ނިންމާފައި." މަރެސްކާ ބުންޏެވެ.

ޕާމާ އަށް އެ މެޗުގައި ކުޅެވޭނެކަމަށް ގަބޫލުނުކުރެވޭނެ ކަމަށް މަރެސްކާ ބުނުމާއިއެކު ޓުޗެލް ވަނީ މި ސީޒަނުގައި ނޮޓިންހަމް ފޮރެސްޓްގެ މެދު ތެރޭގައި މުހިންމު ދައުރެއް އަދާ ކުރަމުންދާ މޯގަން ގިބްސް-ވައިޓް ސްކޮޑަށް ނަގާފަ އެވެ.

ގިބްސް-ވައިޓް މީގެ ކުރިން އިނގިރޭސި ގައުމީ ޓީމަށް ކުޅެފައިވަނީ އެންމެ ދެ މެޗެވެ. އަދި އޭނާ އަލަށްވެސް ގައުމީ ޓީމަށް ނަގާފައިވަނީ މިދިޔަ 2024 ވަނަ އަހަރު އެވެ. ނަމަވެސް އޭނާ ވަނީ އިންގްލޭންޑް ޔޫތު ޓީމުތަކަށް ކުޅެފަ އެވެ. އެގޮތުން 21 އަހަރުން ދަށުގެ ޓީމަށް ކުޅުނު 18 މެޗުގައި އޭނާ ވަނީ 3 ލަނޑު ޖަހާފަ އެވެ.

އިންގްލޭންޑްގެ ފުރަތަމަ މެޗުގައި އަންނަ ހުކުރު ދުވަހު އަލްބޭނިއާ އާއި ދެކޮޅަށް ކުޅުމަށްފަހު ހޯމަ ދުވަހު ނިކުންނާނީ ލެޓްވިއާ އާއި ދެކޮޅަށެވެ.