ޚަބަރު

ކޮމިޓީތަކަށް މީހުން ހާޒިރުވާން ދޭ މުއްދަތު ކުރުކުރުމަށް މަޖިލީހުން ފާސްކޮށްފި


  • މި އިސްލާހު ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުން

  • ކޮމިޓީއަށް މީހުން ހާޒިރުކުރަން ދޭނީ 3 ދުވަހުގެ މުއްދަތެއް

ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތަކަށް މީހުން ހާޒިރުވާން ދޭ މުއްދަތު ކުރުކުރުމަށް ގަވާއިދަށް ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

މަޖިލީހުގެ ގަވާއިދަށް މި އިސްލާހު ހުށަހެޅުއްވީ އިހަވަންދޫ ދާއިރާގެ މެންބަރު އަޙްމަދު ނަޞީރެވެ. މަޖިލީހުން އިސްލާހު ފާސްކޮށްފައިވަނީ އާންމު ކޮމިޓީން މި މައްސަލަ ދިރާސާ ކުރުމަށްފަހު އިހަވަންދޫ ދާއިރާގެ މެންބަރު ހުށަހެޅުއްވި ހުށަހެޅުއްވުމަށް ބަދަލެއް ނުގެނެސް ފާސްކޮށް މަޖިލީހުގެ ތަޅުމަށް ހުށަހެޅުމާ ގުޅިގެންނެވެ.

އިހަވަންދޫ ދާއިރާގެ މެންބަރު އަހުމަދު ނަސީރު ވަނީ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދަށް ދެ އިސްލާހެއް ހުށަހަޅުއްވާފައެވެ. އެގޮތުން، މަޖިލީހުގެ ގަވާއިދުގެ 180ވަނަ މާއްދާގެ (ރ) އަށް ހުށަހެޅުއްވި އިސްލާހުގައި ވަނީ މަޖިލީހުގެ ކޮމިޓީއަށް އެއްވެސް ފަރާތެއް ހާޒިރުކުރެވޭނީ އެ ކޮމިޓީއަކަށް އެ ފަރާތެއް ހާޒިރުކުރުމަށް ނިންމައި، ނޯޓިސް ފޮނުވާ ތާރީހުން ފެށިގެން ބަންދު ދުވަަސްތައް ހިމެނޭގޮތަށް ތިން ދުވަސް ދިނުމަށްފަހު ކަމަށެވެ.

މަޖިލީހުގެ ގަވާއިދު ކުރިން އޮތް ގޮތުން އެއްވެސް ފަރާތެއް މަޖިލީހުގެ ކޮމިޓީއަކަށް ހާޒިރުކުރެވޭނީ، އެ ފަރާތެއް ހާޒިރުކުރުމަށް ނިންމާ ތާރީހާއި ހާޒިރުވުމަށް ތާވަލުކުރާ ތާރީހާ ދެމެދު ބަންދު ދުވަސްތައް ނުހިމެނޭގޮތަށް 5 ދުވަހުގެ މުއްދަތެއް ދިނުމަށްފަހުއެވެ.

މީގެއިތުރުން މައުލޫމާތެއް ހޯދުމަށް، ނުވަތަ ކަމެއް ސާފުކުރުމަށް ނުވަތަ ވަކި ލިޔުމެއް ހޯދުމަށް ވަކި މުއްދަތެއް ބަޔާންކޮށްފައިނުވާ ހާލަތްތަކުގައި އެކަމަކަށް އެދެވޭނީ، އެކަމަކަށް އެދޭ ތާރީހުން ފެށިގެން ބަންދު ދުވަސްތައް ހިމެނޭގޮތަށް 3 ދުވަހުގެ މުއްދަތެއް ދިނުމަށްފަހު ކަމަށްވެސް ގަވާއިދަށް ގެނައި އިސްލާހުގައި ވަނީ ބަޔާންކޮށްފައެވެ. ކުރިން މި މުއްދަތުވެސް އޮންނަނީ ބަންދު ދުވަސްތައް ހިމެނޭގޮތަށް 5 ދުވަހުގެ މުއްދަތެވެ.

މި އިސްލާހާ ގުޅޭގޮތުން، މެންބަރުން ވަނީ މިއީ މަޖިލީހުގެ މަސައްކަތްތައް އަވަސްވެގެންދާނެ އިސްލާހެއްކަމަށް ވިދާޅުވެފައެވެ.

މި އިސްލާހު މަޖިލީހުން ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުންނެވެ.