ޚަބަރު

ތިން ވުޒާރާއެއްގެ މަސައްކަތްތަކުގެ ދާއިރާތަކަށް ގެނައި ބަދަލުތައް މަޖިލީހުން ފާސްކޮށްފި


  • މި ބަދަލުތައް ފާސްކޮށްފައިވަނީ 50 މެންބަރުންގެ ވޯޓުން

ތިން ވުޒާރާއެއްގެ މަސައްކަތްތަކުގެ ދާއިރާތަކަށް ރައީސުލްޖުމްހޫރިއްޔާ ގެންނެވި ބަދަލުތައް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުއްވާފައިވަނީ ފަތުރުވެރިކަމާއި ތިމާވެށްޓާބެހޭ ވުޒާރާއާއި އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާބެހޭ ވުޒާރާގެ އިތުރުން މާލީ ކަންކަމާއި ތަރައްގީގެ ރޭވުންތެރިކަމާބެހޭ ވުޒާރާއަށް ގެންނެވި ބަދަލުތައް ފާސްކުރެއްވުމަށެވެ. މި ބަދަލުތައް ފާސްކޮށްފައިވަނީ 50 މެންބަރުންގެ ވޯޓުންނެވެ.

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިޙްތިޔާރުގެ ދަށުން އެމަނިކުފާނު ވަނީ ގެދޮރުވެރިކަމާއި ބިމާާއި އުމްރާނީ ތަރައްގީއާބެހޭ ވުޒާރާ އުވާލައްވައި އިމާރާތްކުރުމާއި ބިނާރާބެހޭ ވުޒާރާގެ ނަން އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާބެހޭ ވުޒާރާގެ ނަމަށް ބަދަލުކުރައްވާފައެވެ. އަދި މާލީ ވުޒާރާގެ ނަން މާލީ ކަންކަމާއި ތަރައްގީގެ ރޭވުންތެރިކަމާބެހޭ ވުޒާރާގެ ނަމަށް ބަދަލު ކުރައްވާފައިވާއިރު، މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާބެހޭ ވުޒާރާ އުވާލައްވައި ފަތުރުވެރިކަމާބެހޭ ވުޒާރާގެ ނަން ފަތުރުވެރިކަމާއި ތިމާވެއްޓާބެހޭ ވުޒާރާގެ ނަމަށް އެމަނިކުފާނު ވަނީ ބަދަލުކުރައްވާފައެވެ.

ވުޒާރާތަކުގެ މަސައްކަތްތަކަށް ގެންނެވި ބަދަލުތަކުގެ ތެރެއިން ކުރިން ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްގީއާބެހޭ ވުޒާރާގެ ދަށުން ކުރަމުން އައި ރާއްޖޭގެ ބިން ބޭނުންކުރުމާ ގުޅޭ ކަންކަމާއި އަރބަން ސަރަހައްދުތައް ތަރައްގީކުރުމާއި ޤައުމީ ތަރައްގީ ރޭވުމާއި ތަފާސްހިސާބުގެ ނިޒާމާ ގުޅޭކަންކަން ވަނީ މާލީ އިދާރާގެ ދަށަށް ބަދަލުކުރައްވާފައެވެ. އަދި އެ ވުޒާރާގެ ދަށުން ކުރިއަށްގެންދިޔަ ރާއްޖޭގެ ބޯހިޔާވަހިކަމުގެ ސިޔާސަތުތައް ކަނޑައެޅުމާއި ސޯޝަލް ހައުސިންއާބެހޭ ކަންކަން އިމާރާތްކުރުމާބެހޭ ވުޒާރާގެ ދަށަށް ވަނީ ބަދަލުކުރައްވާފައެވެ.

މީގެ އިތުރުން ތިމާވެށްޓާބެހޭ ވުޒާރާ އުވާލައްވައި އެ ވުޒާރާއިން ކުރައްވަމުން އައި ހުރިހާ ކަމެއް ފަތުރުވެރިކަމާބެހޭ ވުޒާރާގެ ދަށަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ބަދަލުކުރައްވާފައެވެ.