މޯލްޑިވްސް ސޮކަރ މޭޓްސްއިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ރަމަޟާން 7ވީ7 ލީގު 2025 ގެ މާސްޓަރސް ކެޓެގަރީގެ ދެވަނަ ބުރުގައި ކުޅުނު ދެވަނަ މެޗުވެސް ކާމިޔާބުކޮށް، ސޮކަރ ވެޓެރަންސްއިން ތިން ޕޮއިންޓު ލީޑެއް ނަގައިފިއެވެ.
ހެންވޭރު ދަނޑުގައި ކުރިއަށްދާ މި މުބާރާތުގައި ދެ ޑިވިޝަނެއް ހިމެނެއެވެ. އެގޮތުން 40 އަހަރުން މަތީގެ ވެޓެރަންސް ކެޓެގަރީގައި 9 ޓީމެއް އަދި 50 އަހަރުން މަތީގެ މާސްޓަރސް ކެޓެގަރީގައި 8 ޓީމެއް ވަނީ ބައިވެރިވެފައެވެ. މި މުބާރާތުގެ ދެވަނަ ބުރުގައި ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ވާދަކޮށް އެންމެ ގިނަ ޕޮއިންޓް ހޯދާ ހަތަރު ޓީމު މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކުރާނެއެވެ.
މި މުބާރާތުގައި މިއަދު ކުޅުނު މެޗުގައި ސޮކަރ ވެޓެރަންސްއިން ވަނީ ހިންނަވަރު ހައިނުސްއާ ވާދަކޮށް 1-0 ގެ ނަތީޖާއަކުން މެޗު ކާމިޔާބުކޮށްފައެވެ. އަދި މާސްޓަރސް ކެޓެގަރީގެ ދެވަނަ މެޗުގައި ކުލަބު ވެލެންސިއާ ވަނީ ކުޑަ ހެންވޭރުގެ މައްޗަށް 3-2 ގެ ނަތީޖާއަކުން ކުރިހޯދާފައެވެ. މިއާއެކު މާސްޓަރސް ގުރޫޕުގެ އެއްވަނައިގައި ހަ ޕޮއިންޓާއެކު ސޮކަރ ވެޓެރަންސް އޮތްއިރު، ހައިނުސް އާއި ވެލެންސިއާއަށް ވަނީ 3 ޕޮއިންޓް ލިބިފައެވެ.
މީގެ އިތުރުން މި މުބާރާތުގެ ވެޓެރެންސް ކެޓެގަރީގައި މިއަދު ކުޅުނު ހަމައެކަނި މެޗުގައި ޓީސީ ސްޕޯޓްސް ކުލަބާއި އެމްއެސް މޭޓްސް ވާދަކޮށް މެޗު ނިމުނީ 1-1 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެގެންނެވެ.
ދެ ކެޓެގަރީއަކަށް ބަހާލައިގެން ކުރިއަށްދާ މި މުބާރާތް ޚާއްސަކޮށްފަވަނީ ރާއްޖޭގެ ފުޓްބޯޅަ ލެޖެންޑް އަލްމަރްހޫމް މުޙައްމަދު އާރިފް (ބަކާ) އަށެވެ.