ޚަބަރު

ސަޕޯޓަރުން އަހަރެން ބަލައިގަންނާނެކަމަށް އުއްމީދުކުރަން: ކޯޓުއާ


ބެލްޖިއަމްގެ ގައުމީ ޓީމަށް އަލުން ކުޅެން ނިންމުމާއެކު، ސަޕޯޓަރުން އޭނާ ބަލައިގަންނާނެ ކަމަށް އުއްމީދުކުރާ ކަމަށް ގޯލްކީޕަރު ތިބައޫ ކޫޓުއާ ބުނެފިއެވެ.

ޔުއެފާ ނޭޝަންސް ލީގުގެ ކޮލިފައިންގައި ޔޫކްރޭން އާއި ދެކޮޅަށް ބެލްޖިއަމް ކުޅޭ މެޗަށް ކޯޓުއާ ޓީމަށް ނަގާފައިވަނީ އެ ޓީމުގެ ކޯޗު ކަމާއި އަލަށް ހަވާލުވި ރޫޑީ ގާސިއާ އެވެ.

ކޯޓުއާ ގައުމީ ޓީމަށް ކުޅުން ހުއްޓާލާފައިވަނީ 2023 ވަނަ އަހަރުގެ ޖޫން މަހު އޭރުގެ ކޯޗު ޑޮމެނިކޯ ޓެޑެސްކޯ އާއި ދެމެދު ޖެހުނު މައްސަލައެއްގަ އެވެ. އަދި ފަހުން އޭނާ ވަނީ ޓެޑެސްކޯ ގައުމީ ޓީމުގެ ކޯޗަކަށް ހުއްޓާ އިތުރަށް ގައުމީ ޓީމަށް ނުކުޅޭނެ ކަމަށެވެ.

2023 ވަނަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ވާދަކުރި ބެލްޖިއަމްގެ ސްކޮޑުގައި ވެސް ހިމެނިފައިނުވާ ކޯޓުއާ އަލުން ގައުމީ ޓީމަށް ނަގާފައިވާއިރު ބައެއް ކުޅުންތެރިންނާއި ސަޕޯޓަރުންގެ މެދުގައިވަނީ ހިޔާލު ތަފާތުވެފަ އެވެ.

ނަމަވެސް ކޯޓުއާ އެ ކަންތައް ހިނގާދިޔަ ގޮތް ކުޅުންތެރިންނަށް މިހާރު ކިޔައިދީފައިވާ ކަމަށާއި މީޑިޔާގައި ދައުރުވެގެންދިޔަ ވާހަކަތަކަކީ ހަގީގަތެއް ނޫން ކަމަށްވެސް އޭނާ ވަނީ ބުނެފަ އެވެ.

"މީޑިޔާގައި އެންމެ ބޮޑަށް ދެކެވިގެންދިޔަ ވާހަކައަކީ އަހަރެން ގައުމީ ޓީމަށް ނުކުޅެން ނިންމީ ކެޕްޓަން ބޭންޑް ނުލިބުމުގެ ސަބަބުން ކަމަށް. ނަމަވެސް އެއީ ކަނޑައެޅިގެން ދޮގެއް." ކޯޓުއާ ބުންޏެވެ.

ކޯޓުއާ އިތުރަށް ބުނެފައިވަނީ އޭރު އޭނާއަށްވެސް ގޯސްތަކެއް ހެދިފައިވާ ކަމަށާއި ނަމަވެސް ކޯޗާއި މައްސަލަ ޖެހުމުން ޓީމުގައި ހުރުމަކީ ފަސޭހަ ކަމެއް ނޫން ކަމަށެވެ. އަދި ފަހުން އޭނާއަށް ލިބުނު އަނިޔާގެ ސަބަބުން ޔޫރޯގައި ނުކުޅެވޭނެކަން އެނގުނު ކަމަށްވެސް ކޯޓުއާ ވަނީ ބުނެފަ އެވެ.

ގައުމީ ޓީމާއި އަލަށްގުޅި އޭރު ކަންތައް ހިނގާފައިވާ ގޮތް ކޯޓުއާ ވަނީ ޓީމުގެ ކުޅުންތެރިންނަށް ކިޔައިދީފަ އެވެ. އަދި އެކަމުގެ ސަބަބުން ކުޅުންތެރިންގެ މެދުގައި އޮތް ނުތަނަވަސްކަން މިހާރު ނެތްކަމަށްވެސް އޭނާ ވަނީ ބުނެފަ އެވެ.