ޚަބަރު

ދިރާސީ އައު އަހަރު ފެށޭއިރު މުދައްރިސުންނާއި ފޮތްތައް ހުރިހާ ސްކޫލަކަށްވެސް ހަމަވާނެ: ތަޢުލީމީ ވުޒާރާ


  • ސްކޫލްތަކަށް ފޮތްތައް ފޮނުވުމުގެ މަސައްކަތް ދަނީ ކުރަމުން

  • ހުރިހާ ސްކޫލަކަށްވެސް މުދައްރިސުން ހަމަވާނެކަމުގެ ޔަޤީންކަން ވުޒާރާއިން ދެއްވާ

މިއަހަރުގެ ދިރާސީ އައު އަހަރުގެ ކިޔެވުން ފެށޭއިރު ހުރިހާ ސްކޫލަކަށް މުދައްރިސުން ހަމަވާނެކަމަށާއި، ހުރިހާ ދަރިވަރުންނަށް ބޭނުންވާ ފޮތްތައްވެސް ހަމަވާނެކަމަށް ތަޢުލީމީ ވުޒާރާއިން ވިދާޅުވެއްޖެއެވެ. ދިރާސީ އައު އަހަރުގެ ކިޔެވުން ފެށޭނީ އަންނަ އޭޕްރީލް މަހުގެ 6 ވަނަ ދުވަހުއެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ތަޢުލީމީ ވުޒާރާގެ ޕާމަނަންޓް ސެކްރެޓަރީ ޝިފާޒް މުޙައްމަދު ވިދާޅުވީ، ނިމިދިޔަ ދިރާސީ އަހަރު ނިމުނުއިރު ސްކޫލްތަކުގައި މުދައްރިސުން ތިބީ ހަމައަށްކަމަށެވެ. ނަމަވެސް ތަޢުލީމީ ވުޒާރާއަށް އަބަދުވެސް އޮންނަ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ބިދޭސީ މުދައްރިސުން ދިރާސީ އަހަރު ނިމި ޗުއްޓީއަށް ދިއުމަށްފަހު ބައެއް މުދައްރިސުން އެނބުރި ނައުންކަމަށެވެ. ނަމަވެސް އެކަމަށް އަބަދުވެސް އެވުޒާރާއިން ތައްޔާރަށް އޮންނަކަމަށާއި، އެނބުރިި ނާންނަ މުދައްރިސުންގެ ބަދަލުގައި އައު މުދައްރިސުން އަބަދުވެސް ރެކްރޫޓްކުރުމަށް ޚާއްޞަ ބެކަޕް ޓީޗަރުން ތިބޭކަމަށެވެ. ވުމާއެކު ވަރަށް އަވަހަށް އެކަންވެސް ހަމަޖެހިގެންދާކަން ޝިފާޒް ފާހަގަކުރެއްވިއެވެ.

"އަޅުގަނޑުމެންގެ ވޯކް ފޯސްގައި މިއަހަރު ނިމުނުއިރުގައި ޓީޗަރުން ހަމަވެފައި ތިބުމާއެކު އިރާދަކުރެއްވިޔާ 2025 ވަނަ އަހަރުގެ އެކަޑަމިކް އިއަރ ފެއްޓިގެންދާއިރު ހުރިހާ ޓިޗަރުން ހަމަވެގެން ސްކޫކްތައް ފެއްޓިގެންދާނީ." ޕާމަނަންޓް ސެކްރެޓަރީ ޝިފާޒް މުޙައްމަދު ވިދާޅުވިއެވެ.


މިވަގުތު ތައުލީމީ ދާއިރާގައި 12 ހާހަށްވުރެ ގިނަ މުދައްރިސުން މަސައްކަތްކުރަމުންދެއެވެ. އޭގެތެރެއިން 2000އަށްވުރެ ގިނަ މުދައްރިސުންނަކީ ބިދޭސީ މުދައްރިސުންނެވެ. ޝިފާޒް ވިދާޅުވީ އަބަދުވެސް ދިވެހި މުދައްރިސުންނަށް އިސްކަންދެއްވާކަމަށާއި، އެކަމަށް ޚާއްޞަ މަސައްކަތްތަކެއްވެސް ތަޢުލީމީ ވުޒާރާއިން ކުރައްވަމުން ގެންދަވާކަމަށެވެ.

ދިރާސީ އައު އަހަރު ފެށޭއިރު ދަރިވަރުންގެ ފޮތްތައް ހަވާލުކުރުމާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން ސްކޫލް އެޑްމިނިސްޓްރޭޝަން ހިންގުމާ ޙަވާލުވެހުންނެވި ޢަލީ މުފީދު ވިދާޅުވީ، މިހާރު ރާއްޖޭގެ ހުރިހާ ސްކޫލްތަކަށްވެސް ފޮތްތައް ޙަވާލުކުރުމުގެ މަސައްކަތްތައް ކުރިއަށްދާކަމަށެވެ. ނަމަވެސް ގްރޭޑް 4 އަދި 5ގެ ފޮތްތައް ޙަވާލުކުރުމަށް ކުޑަ ލަސްކަމެއް އައީ އެ ދެގްރޭޑުގެ މަންހަޖަށް އައި ބަދަލާއި ގުޅިގެން ފޮތްތައް ޕްރިންޓު ކުރުމަށް ލަސްކަމެއްގެ އައުމުގެ ސަބަބުންކަމަށެވެ. ނަމަވެސް މިހާރު އެފޮތްތައްވެސް ސްކޫލްތަކަށް ފޮނުވުމުގެ މަސައްކަތްކުރިއަށްދާކަމަށާއި، ދިރާސީ އައު އަހަރު ފެށޭއިރު ހުރިހާ ދަރިވަރުންނަށްވެސް ފޮތްތައް ލިބޭނެކަމުގެ ޔަޤީންކަން ދެއްވާކަމަށް މުފީދު ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަށް ވަރަށް ބޮޑު ޔަޤީންކަމެއް އެބައޮތް، ކިޔެވުން ފެށެންވާއިރަށް ހުރިހާ ކުދިންނަށްވެސް ފޮތްތައް ލިބިގެންދާނެ. އަޅުގަނޑުމެން އެ ޔަޤީންކަން އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ބެލެނިވެރިންނާ ދަރިވަރުންނަށް ދެން." ޢަލީ މުފީދު ވިދާޅުވިއެވެ.

ދިރާސީ އަހަރުގެ ކިޔެވުން ނިންމައި، ދަރިވަރުން ޗުއްޓީއަށް ދިޔައީ ފެބުރުއަރީ 25 ގައެވެ. އަދި އަންނަ މަހުގެ 6ވަނަ ދުވަހު އައު ދިރާސީ އަހަރު ފެށޭނެއެވެ. އެހެން އަހަރުތަކާ ޚިލާފަށް މިއަހަރުގެ ބޮޑު ޗުއްޓީ ދިމާވީ ރަމަޟާންމަހާއެވެ. ދިރާސީ އަހަރު ނިމޭނީ ޑިސެމްބަރު 28ވަނަ ދުވަހުއެވެ.

ދިރާސީ އަހަރުގެ ކިޔެވުން އަހަރުގެ މެދު ތެރޭގައި ފަށާ ގޮތަށް މިދިޔަ ސަރުކާރުން ނިންމި ނިންމުން ބަދަލުކޮށް ޖެނުއަރީ މަހު ދިރާސީ އަހަރުގެ ކިޔެވުން ފަށާގޮތަށް މިސަރުކާރުން ވަނީ ނިންމަވާފައެވެ. އެގޮތުން ޖެނުއަރީ މަހު ދިރާސީ އަހަރު ފަށާގޮތަށް މުޅިންހެން ބަދަލު ވާނީ 2026 ވަނަ އަހަރުއެވެ.

މި އަހަރުގެ ބޮޑު ޗުއްޓީ ލިބޭނީ ޑިސެމްބަރު 28 އިން ޖެނުއަރީ 27 އަށެވެ. އެއާއެކު 2026 ވަނަ އަހަރު ބޮޑު ޗުއްޓީ ޑިސެމްބަރު މަހަށް ލިބޭނެއެވެ.