ދެކުނު އެމެރިކާގެ ފީފާ ވޯލްޑް ކަޕް ކޮލިފައިންގެ ތާވަލުގެ ފަސްވަނައިގައި އޮތް ނަމަވެސް ކަންބޮޑުވުމެއް ނެތް ކަމަށާއި، ޓީމު ދަނީ ކުރިއަރަމުން ކަމަށް ކޯޗު ޑޮރިވާލް ޖޫނިއަރ ބުނެފިއެވެ.
އޭނާ މިހެން ބުނީ ކޮލިފައިންގައި ކޮލަމްބިއާ އާއި ޕެރޫއާ ދެކޮޅަށް ކުޅެން ޖެހިފައިވާ ދެ މެޗުގެ ކުރިން ވާހަކަ ދައްކަމުންނެވެ.
ކޯޗު މިހެން ބުނި ނަމަވެސް ބްރެޒިލް ވަނީ ވަރަށް ބޮޑަށް ޕްރެޝަރަށް ވެއްޓިފަ އެވެ. ސަބަބަކީ އެންމެ ފަހުން ކުޅުނު ފަސް މެޗުގެ ތެރެއިން ދެ މެޗުން މޮޅުވެފައިވާތީ އާއި ޓީމުގެ ކުޅުން ގޯސްވެ ނަތީޖާތަކުގެ ސަބަބުންނެވެ.
ބްރެޒިލް ވަނީ ކޮލިފައިންގައި ވެނެޒުއޭލާއާ އާއި އުރުގުއޭއާއެކު ވާދަކުރި ދެ މެޗުން ވެސް 1-1އިން އެއްވަރުވެފަ އެވެ. ނަމަވެސް ކޯޗު ބުނީ މި ފަހަރު ކުޅޭ ދެ މެޗުން އޭނާގެ ޓީމު ރަނގަޅު ނަތީޖާތަކެއް ހޯދާނެ ކަމާމެދު ޝައްކެތްނެތް ކަމަށެވެ.
"މިވަގުތު ޓީމު އޮތް ގޯސް ހާލަތަށް އަހަރުމެން ޒިންމާވަން. އަހަރުމެން މަސައްކަތް މިކުރަނީ ނަތީޖާތައް ރަނގަޅު ކުރަން. މި ފަހަރުގެ ކޮލިފައިން މެޗުތަކަށް ޓީމު ނުކުންނައިރި ކުރިއަށްވުރެ ކުޅުންތެރިންގެ ރޫހު ރަނގަޅު. އެއީ އަހަރުމެންނަށް ކުރިއަށް ދެވިދާނެ ކަމުގެ އުއްމީދެއް،" ކޯޗު ބުންޏެވެ.
އޭނާ ބުނީ ދެކުނު އެމެރިކާގެ ކޮލިފައިންގައި ބްރެޒިލް އެއްވަނާގައި ނެތުމަކީ ގިނަ ބަޔަކަށް ހައިރާންކަން ލިބޭ ކަމެއް ނަމަވެސް އޭނާގެ ހިޔާލު ތަފާތު ކަމަށެވެ.
"ސަބަބަކީ ކޮންމެ އަހަރަކު ވެސް ކޮލިފައިން މެޗުތައް މިދަނީ ވަރުގަދަ ވަމުން. އެއް ގައުމު އަނެއް ގައުމާ ހުރި ތަފާތު މިދަނީ ކުޑަވަމުން. ކުޅުންތެރިންގެ މެދުގައި ވެސް މިހާރު މާބޮޑު ތަފާތުތަކެއް ނެތް. އެހެންވީމާ ވަރުގަދަ ލީގެއްގެ ތެރޭގައި ބައެއް ފަހަރު ނަތީޖާ އެންމެ ބޭނުންވާ ގޮތަށް ނާންނަ ފަހަރު ވެސް ދާނެ. ދެން އަހަރުމެންނަށް ކުރިއެރުން ނުލިބޭނަމަ ޔަގީނުން ވެސް އަހަރެން މި މަގާމުގައި ނުހުންނާނަން. އަހަރުމެން މި ދަނީ އެއް މެޗުގައި ހެދޭ ގޯސްތައް އަނެއް މެޗުގައި ރަނގަޅު ކުރަން މަސައްކަތް ކުރަމުން،" ކޯޗު ބުންޏެވެ.
އަނެއްކޮޅުން ކޮލްމްބިއާ މެޗަށް ނުކުންނައިރު ބްރެޒިލް ޓީމުގައި އެހެން މާޔޫސް ކަމެއް ވެސް އެބައޮތެވެ. ޓީމުގެ މުހިންމު ކުޅުންތެރިން ކަމަށްވާ ބާސެލޯނާގެ ރަފީނިއާ އާއި ރެއާލްގެ ވިނީޝިއަސް ޖޫނިއާ އާއި ރޮޑްރީގޯ އައި ނިއުކާސަލްގެ ބުރޫނޯ ގުއިމަރޭޒް އާއި އާސެނަލް އަށް ކުޅޭ ގަބްރިއަލް މަޅަގާސް އަށް ރީނދޫ ކާޑު ދައްކައިފިނަމަ ބްރެޒިލް މެޗުގައި ނުކުޅެވޭނެ އެވެ.
ކޯޗު ބުނީ ޓީމު އޮތީ ވަރަށް ނާޒުކު ހާލަތެއްގައިކަން ހުރިހާ ކުޅުންތެރިންނަށް ވެސް އެނގޭ ކަމަށާއި ޓީމެއްގެ ގޮތުގައި ބްރެޒިލް ކާމިޔާބު ހޯދާނެ ކަމަށެވެ.
ކޮލިފައިންގައި ބްރެޒިލް ފަސް ވަނާގައިވަނީ 18 ޕޮއިންޓް ލިބިގެންނެވެ. އެއްވަނާގައިވަނީ ދުނިޔޭގެ ޗެމްޕިއަން އަދި ދެކުނު އެމެރިކާގެ ދިފާއީ ޗެމްޕިއަނުން އާޖެންޓީނާ އެވެ. ބްރެޒިލްގެ އެންމެ ބޮޑު ވާދަވެރިޔާ އަށް 25 ޕޮއިންޓް ލިބިފައިވާއިރު އުރުގުއޭ އާއި ކޮލަމްބިއާ އަދި އިކުއެޑޯ ވަނީ ބްރެޒިލަށްވުރެ ކުރީގަ އެވެ.