ރާއްޖޭގެ %99 އަކީ ކަނޑުގެ ސަރަހައްދުކަމަށް ވާއިރު، މި ސަރަހައްދުތަކުން އާންމުންނަށް ލިބޭ މަންފާ އެންމެ އެދެވޭ ގޮތެއްގައި ފޯރުކޮށްދިނުމަކީ މިސަރުކާރުގެ އަމާޒެކެވެ. މިއަމާޒު ހާސިލްކުރުމަށްޓަކައި މެރިކަލްޗަރއަކީ ވަކި ސިނާޢަތެއްގެ ގޮތުގައި ތަރައްޤީކުރުމަށް ގިނަ މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ. އަދި މި ދާއިރާއަށް އިންވެސްޓްކުރާ ފަރާތްތަކަށް ދަނީ ލޯނުވެސް ދޫކުރަމުންނެވެެ.
މެރިކަލްޗަރ ވިޔަފާރި ކުރަން ބޭނުންވާ ފަރާތްތަކަށް މޫދުކޮށި ގަތުމަށް މާލީ އެހީ ދިނުމަށް "މެރިކަލްޗަރ ސްކީމް'ގެ ނަމުގައި ޚާއްޞަ ސްކީމެއް ވަނީ ތަޢާރަފްކޮށްފައެވެ. މިކަމުގެ ސަބަބުން، މިދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކުން ކުރަމުންދާ މަސައްކަތްތައް ފުޅާކުރުމަށާއި، އަލަށް މި ވިޔަފާރިއަށް ވަނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ފަހި ފުރުޞަތުތަކެއް ހުޅުވިގެންދާނެ ކަމަށް ސަރުކާރުން ވިދާޅުވެއެވެ.
މީގެ އިތުރުން މެރިކަލްޗަރ ސިނާޢަތް ތަރައްޤީ ކުރުމަށް މަގުފަހިކޮށްދީ، ލުއިފަސޭހަ މާލީ އިންތިޒާމެއްގެ ދަށުން މޫދު ކޮށިތައް ލިބޭނެ މަގު ތަނަވަސްކޮށްދީގެން، ރާއްޖޭގައި މެރިކަލްޗަރގެ ވިޔަފާރި ފުޅާކުރުމަށް އެހީތެރިވުމަކީވެސް މި ލޯނު ސްކީމް ތަޢާރަފް ކުރުމުގެ ބޭނުމެކެވެ.
އެސްއެމްއީ ޑިޖިޓަލްއިން ވިދާޅުވީ، މެރިކަލްޗަރ ސްކީމްގެ ދަށުން 480،000 ރުފިޔާގެ ލޯނު ދޫކޮށްފައިވާކަމަށެވެ.
މި ސްކީމް މެދުވެރިކޮށް ޖުމްލަ 200 މޫދުކޮށި ފައިނޭންސް ކޮށްދިނުމަށް ހަމަޖެހިފައިވާއިރު، 80،000 ރުފިޔާއާއި 640،000 ރުފިޔާއާ ދެމެދުގެ އަދަދަކަށް މާލީ އެހީތެރިކަން ދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި ފެސިލިޓީ އަނބުރާ ދެއްކުމަށް 6 މަސް ދުވަހުގެ ގްރޭސް ޕީރިއަޑެއް ހިމެނޭހެން ގިނަވެގެން 6 އަހަރު ދުވަހުގެ މުއްދަތެއް ލިބޭނެއެވެ.
ސަރުކާރުން ވަނީ، ރާއްޖޭގައި މެރިކަލްޗަރ ސިނާޢަތް ތަރައްޤީކުރަން 5 ސަރަޙައްދެއް ކަނޑައަޅާފައެވެ. އެ 5 ސަރަހައްދަކީ ބޮޑު ތިލަދުންމައްޗާއި، ރ.އަތޮޅާއި، މ.އަތޮޅުގެ އިތުރުން ތ. އަތޮޅެވެ. މީގެއިތުރުން މިކަމަށް ވަނީ، މަނިޔަފުއްޓާއި ގާތްގަނޑަކަށް 2 ކިލޯމީޓަރު ދުރުގައި އޮތް ފަޅެއްވެސް ކަނޑައަޅާފައެވެ.
ސަރުކާރުން ދަނީ، މެރިން ހެޗަރީ ސްކިލްސް ޑިވެލޮޕްމަންޓް ޕްރޮގްރާމްތައްވެސް ހިންގަމުންނެވެ. މެރިން ހެޗަރީ ސްކިލްސް ޑިވެލޮޕްމަންޓް ޕްރޮގްރާމަކީ، މަސްވެރިކަމާ ބެހޭ ވުޒާރާއާއި މޯލްޑިވްސް މެރިން ރިސާރޗް އިންސްޓިޓިއުޓް ގުޅިގެން ވަރލްޑް ބޭންކުގެ އެހީގައި ހިންގާ ޓްރާންސްފޯމިންގ ފިޝަރީޒް ސެކްޓަރ މެނޭޖްމަންޓް އިން ސައުތް-ވެސްޓް އިންޑިއަން އޯޝަން ރީޖަން އެންޑް މޯލްޑިވްސް ޕްރޮޖެކްޓްގެ އެހީތެރިކަމާއެކު، ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގައި ތެރެއިން ޒުވާނުންނަށް މިކަމުގެ ހުނަރުތައް އަންނަނީ ދަސްކޮށްދެމުންނެވެ.
ސަރުކާރުން ވަނީ، ރާއްޖޭގެ މެރިކަލްޗަރ ސިނާޢަތަށް އިންވެސްޓް ކުރުމުގެ ފުރުޞަތު ދިވެހިންނާއި އަދި ބޭރުގެ އިންވެސްޓަރުންނަށްވެސް ހުޅުވާލާފައެވެ. ރާއްޖެއިން މެރިކަލްޗަރ ސިނާޢަތަށް އިންވެސްޓް ކުރުމަށް ހުޅުވާލާފައިވަނީ، ދުނިޔޭގައި މެރިކަލްޗަރ ކުރިއަރާފައި ހުރި ޤައުމުތަކުން ބޭރުގެ އިންވެސްޓަރުންނަށް ދޭ ލުއިތަކަށްވުރެ ރަނގަޅު ލުޔެއް ދީގެން ކަމަށް ސަރުކާރުން ވިދާޅުވެއެވެ. އިންވެސްޓަރުންނަށް ދީފައިވާ ލުއިތަކުގެ ތެރޭގައި އިކުއިޒިޝަން ކޮސްޓް ނުނެގުމާއި 3 އަހަރު ދުވަހުގެ ލޭންޑް ރެންޓް ނުނެގުން ހިމެނެއެވެ.
ސަރުކާރުން ހުޅުވާލި ފުރުޞަތުގެ ބޭނުންހިފައި މިހާރު މެރިކަލްޗަރ ސިނާޢަތަށް ބައެއް ފަރާތްތަކުން ވަނީ އިންވެސްޓްވެސްކޮށްފައެވެ. މަސްވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވީ، މިހާރުވެސް ކ. މަނިޔަފުށީގައި ގާތްގަނޑަކަށް 300 މިލިޔަނެއްހައި ރުފިޔާ މެރިކަލްޗަރ ސިނާޢަތައް އިންވެސްޓްކޮށް މަޝްރޫޢެއް ހިންގަމުންދާ ކަމަށެވެ.