ޚަބަރު

ކްރޮއޭޝިއާ އަތުން ފްރާންސް ބަލިވެއްޖެ


ޔުއެފާ ނޭޝަންސް ލީގުގެ ކުއާޓާ ފައިނަލް ފުރަތަމަ ލެގުގައި ރޭ ކްރޮއޭޝިއާ އަތުން 2-0 ގެ ނަތީޖާއަކުން ފްރާންސް ބަލިވެއްޖެއެވެ.

ކްރޮއޭޝިއާގެ ދަނޑުގައި ކުޅުނު މި މެޗަށް ފްރާންސް އިން ނިކުތްއިރު އެ ޓީމުގެ ކެޕްޓަން ކިލިއަން އެމްބާޕޭ މި މެޗުގައި ކުޅެފައިވަނީ ގިނަ ދުވަސްތަކެއް ވަންދެން ގައުމީ ޓީމާއި ދުރުގައި ހުރުމަށްފަހުގަ އެވެ.

ފްރާންސް އިން ގިނައިރު ބޯޅަ ހިފަހައްޓައިގެ ކްރޮއޭޝިޔާގެ ގޯލަށް ނުރައްކާތެރި ހަމަލަތަކެއް ފޮނުވި ނަމަވެސް އެ ޓީމަށް ވަނީ އޭގެއިން ފުރުސަތެއް ގޯލަކަށް ހެދޭ ގޮތް ނުވެފަ އެވެ. މި މެޗުގައި ކްރޮއޭޝިޔާގެ ކީޕަރު ލިވަކޮވިޗްގެ ފަރާތުން ވަނީ މޮޅު ކުޅުމެއް ފެނިގެން ގޮސްފަ އެވެ.

މި މެޗުގެ 8 ވަނަ މިނިޓުގައި ކްރޮއޭޝިޔާއަށް ލަނޑު ޖަހަން ރަގަޅު ފުރުސަތެއް ލިބުނު ނަމަވެސް އެ ޓީމަށް ލިބުނު ޕެނަލްޓީ އަންޑްރޭއީ ކްރަމަރިޗް ފޮނުވާލިއިރު އެ ޕަނަލްޓީ ފްރާންސްގެ ކީޕަރު މައިގްނަން ވަނީ ދިފާއުކޮށްފަ އެވެ.

ކްރޮއޭޝިޔާ އިން މި މެޗުގައި ލީޑު ނަގާފައިވަނީ މެޗުގެ 26 ވަނަ މިނިޓުގައި އަންޓޭ ބުޑިމިއަރ ކާމިޔާބުކޮށްދިން ލަނޑުންނެވެ.

އަދި ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ފުރަތަމަ މިނިޓުގައި އިވާން ޕެރިސިޗް ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ 2-0 އަށް ބަދަލުކޮށްފަ އެވެ.

މި މެޗުގައި ކްރޮއޭޝިޔާ އިން ވަނީ ލަނޑު ޖަހަން ރަގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފަ އެވެ. އެގޮތުން އެ ޓީމުގެ ޑިފެންޑަރ ޖޮސްކޯ ގްވަޑިއޯލް ފޮނުވާލި ބާރު ހަމަލާ ފަހަގަ ކުރެވެ އެވެ. އަދި އެ ޓީމުގެ ގިނަ ހަމަލަތަކެއް ފްރާންސްގެ ކީޕަރު ވަނީ ދިފާއުކޮށްފަ އެވެ.

ދެވަނަ ލެގުގައި އަންނަ އާދީއްތަ ދުވަހު އަމިއްލަ ގައުމުގައި ފްރާންސް އިން ކްރޮއޭޝިޔާ އާއި ދެކޮޅަށް ނިކުންނައިރު އެ ޓީމަށް މިހާރު އޮތީ މުބާރާތުގެ ސެމީ ފައިނަލުގެ ޖާގައެއް ހޯދުމަށް އުނދަގޫ މަސައްކަތްތަކެއް ކުރަން ޖެހިފަ އެވެ.