ޚަބަރު

ފަހުދިހައިގެ ރޭތައް އިޙްޔާކުރުމަކީ ސަވާބުގެ މިންވަރު ހިސާބުކުރާން ނޭނގޭވަރަށް އިތުރުކޮށްދެއްވާކަމެއް: ޚުތުބާ


  • ފަހު ދިހައިގެރޭތަކުގައި، ކުރާ ޢަމަލުތައް ޤަބޫލުކުރައްވާތޯ ގިނައިން ދުޢާދަންނެވުމަށް ގޮވާލައްވާފައިވޭ

ރޯދަަމަހުގެ ފަހުދިހައިގެ ރޭތައް އިޙްޔާކުރުމަކީ އެކަމުގެ ދަރުމަޔާއި ސަވާބުގެ މިންވަރު ހިސާބުކުރާން ނޭނގޭވަރަށް އިތުރުކޮށްދެއްވާކަމެއްކަމުގައި މިއަދުގެ ހުކުރު ޚުތުބާގައި ވިދާޅުވެއްޖެއެވެ.

މިއަދުގެ ހުކުރު ޚުތުބާގެ މައުޟޫއަކީ "ލައިލަތުލްޤަދްރި" މި މައުޟޫއެވެ.

ޚުތުބާގައި ވިދާޅުވީ، ލައިލަތުލްޤަދްރިވިލޭރޭގެ މަތިވެރި ދަރުމަޔާއި ސަވާބު ލިބިގަތުމަށްޓަކައި ފަހުދިހައިގެ ރޭތައް އިޙްޔާކުރުމަކީ މުހިންމުކަމެއްކަމަށެވެ. އަދި އެމަތިވެރި ރޭގެ ދަރުމަ ލިބިގަތުމަށްޓަކައި ފަހުދިހައިގައި އިއުތިކާފަށް އިނުމުގެ މާތްކަން ފާހަގަކުރައްވާ ޚުތުބާގައި ވިދާޅުވީ، އިއުތިކާފަށް އިންނަ މީހާ ބޭކާރު ކަންތައްތަކާ ވާހަކަތަކުން ދުރުހެލިވެ، މާތްﷲއަށް އަޅުކަންކުރުމާއި ކީރިތި ޤުރުއާން ކިޔެވުމާއި ޒިކުރުކުރުމުގައި ވަގުތު ހޭދަކުރަންވާނެކަމަށެވެ. އަދި މިސްކިތުގައި ހޭދަކުރާ ވަގުތުތަކުގައި މިސްކިތުގެ ސާފުތާހިރުކަމަށާއި، މިސްކިތުގެ ޙުރުމަތަށް އިސްކަންދޭންވާނެކަމަށާއި، މިސްކިތްތަކަކީ ބިންމަތީގައިވާ އެންމެ މާތް ތަންކަން އަބަދުވެސް ހަނދާންކުރަންވާނެކަމަށް ޚުތުބާގައި ވިދާޅުވިއެވެ.

"ރަމަޟާންމަހުގެ ފަހުދިހައިގައި ކީރިތި ރަސޫލާ މުޙައްމަދު ސައްލަﷲ ޢަލައިހި ވަސައްލަމް އިއުތިކާފުކުރައްވައެވެ. އަދި އެކަލޭނގެފާނު ހަދީޘްކުރެއްވިއެވެ. "ތިޔަބައިމީހުން ރަމަޟާންމަހުގެ ފަހުދިހައިގެ ރޭތަކުގައި ލައިލަތުލްޤަދްރި ލިބިގަތުމަށް ގަދައަޅާ މަސައްކތްކުރާހުށިކަމެވެ". ޚުތުބާގައި ވިދާޅުވިއެވެ.

މީގެއިތުރުން، ލައިލަތުލްޤަދްރި ވިލޭރޭގެ މާތްކަން ފާހަގަކުރައްވާ ޚުތުބާގައި ވިދާޅުވީ، އެރެއަކީ މާތްﷲ އެ ރެއްގައި މީހަކަށް މުޅި ޢުމުރުގައި ދެއްވާނެ އެންމެ މަތިވެރިކަން ޙާސިލުކުރެވިދާނެ ރޭކަމަށެވެ. އަދި ކުރީގެ އުންމަތްތަކުގެ މީހުންނަށް ދިގު ޢުމުރު ދެއްވިކަމަށާއި، މި އުންމަތުގެ މީހުންގެ ޢުމުރުކުރުކަމުގައިވީނަމަވެސް މި ކުރު ޢުމުރުގައި ކުރާ ހެޔޮ ޢަމަލުގެ ދަރުމަ އިތުރުކޮށްދެއްވާފައިވާކަން ޚުތުބާގައިވަނީ ފާހަގަކުރައްވާފައެވެ. އޭގެތެރޭގައި ރަމަޟާންމަހުގެ ލައިލަތުލްޤަދްރީގައި ކުރާ ހެޔޮކަމުގައި އެއްހާސް މައްސަރަށް ވުރެ ހެޔޮކަން އިތުރުކުރައްވައިފައިވުން ހިމެނޭކަމަށް ޚުތުބާގައި ވިދާޅުވިއެވެ.

"ފުރިހަމަ އީމާންކަމާއެކު ސަވާބަށް އެދޭ ޙާލު ލައިލަތުލް ޤަދުރި ވިލޭރޭ އަޅުކަމުގައި ދެމިހުރެއްޖެމީހާ ދަންނާށެވެ. ފަހެހަމަކަށަވަރުން އޭނާގެ އިސްވެ ދިޔަ ފާފަތައް ފުއްސެވޭހުއްޓެވެ". ޚުތުބާގައި ވިދާޅުވިއެވެ.

މިއަދުގެ ހުކުރު ޚުތުބާގައިވަނީ މާތް ﷲއަށް ބިރުވެތިވުމަށް ގޮވާލައްވާފައެވެ. އަދި ނުބައިކަމެއް ކުރެއްވިއްޖެނަމަ އެއާއި ވިދިގެން ހެޔޮކަމެއް ކުރުމަށް ގޮވާލައްވާ ޚުތުބާގައިވަނީ، އެ ހެޔޮކަމަކީ ކުރެވުނު ނުބައިކަން ފިލުވައިލަނިވި ކަމެއްކަން ހަނދާންކޮށްދެއްވާފައެވެ. އަދި ފަހު ދިހައިގެރޭތަކުގައި، ކުރާ ހެޔޮ ޢަމަލުތައް ޤަބޫލުކުރައްވާތޯ މާތްﷲގެ ހަޟްރަތުގައި ގިނައިން ދުޢާދަންނެވުމަށްވެސް ޚުތުބާގައިވަނީ ގޮވާލައްވާފައެވެ.