މުޖުތަމަޢުގެ ޚާއްޞަ އަޅާލުމާއި ލޯބި ބޭނުންވާ ފަރާތްތަކަށް ހޭހަންކޮށްދިނުމުގައިވެސް ސަރުކާރާއި ރައްޔިތުން މަސައްކަތްކުރާނީ އަތުގުޅާލައިގެންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ މިއަދު ފާހަގަކުރާ ދުނިޔޭގެ ޑައުން ސިންޑްރޯމް ދުވަހާއި ގުޅިގެން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.
ޑައުން ސިންޑްރޯމް ދުވަހާ ގުޅިގެން ހިއްސާކުރެއްވި ޕޯސްޓްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ އޯގާތެރިކަމާއި އެހީތެރިކަމުގައި ދިވެހީންނަކީ ލާމަސީލު ނަމޫނާއެއްކަމަށެވެ. އަދި މުޖުތަމަޢުގެ ޚާއްސަ އަޅާލުމާއި ލޯބި ބޭނުންވާ ހަމަ ކޮންމެ ކުއްޖަކާއި ޢާއިލާއަކަށް ހޭހަންކޮށްދިނުމުގައިވެސް ސަރުކާރާއި ރައްޔިތުން މަސައްކަތްކުރާނީ އަތުގުޅާލައިގެންކަމަށެވެ.
— Dr Mohamed Muizzu (@MMuizzu) March 21, 2025
ދުނިޔޭގެ ޑައުން ސިންޑްރޯމް ދުވަހަށް މިއަހަރު ކަނޑައަޅާފައިވަނީ "އިމްޕްރޫވް އަވަރ ސަޕޯޓް ސިސްޓަމް" މި ޝިޔާރެވެ. މިޝިޔާރުން ބާރުއަޅަނީ ޑައުން ސިންޑްރޯމް ހުންނަ ފަރާތްތަކަށް ހައްގުވާ އެކަށީގެންވާ ފަރުވާއާއި ތައުލީމާއި ފުރުޞަތުތައް ލިބޭނެ ގޮތް ހެދުމަށް ވަށައިޖެހޭ ސަޕޯޓް ސިސްޓަމްތައް ހަރުދަނާކުރުމުގެ މުހިންމުކަމަށެވެ.
ދުނިޔޭގެ ޑައުން ސިންޑްރޯމް ދުވަސް ފަހަގަކުރަނީ އުފަންވުމުގައި ހުންނަ އުނިކަމެއްކަމުގައިވާ ޑައުންސިންޑްރޯމް ބައްޔާމެދު މީހުން ހޭލުންތެރިކުރުމުގެ މަޤުޞަދުގައެވެ. ޑައުންސިންޑްރޯމަކީ އުފެދުމުގައި ހުންނަ އައިބެކެވެ. ޑައުންސިންޑްރޯމް ޖެހުމަށް މެދުވެރިވަނީ ކްރޮމޮޒޯމަށް ދިމަވާ އުނިކަމެއްގެ ސަބަބުންނެވެ.
އުފެދުމުގައި އުނިކަން ހުންނަ ކުދިން ފަހަކަށް އައިސް އިތުރުވަމުންދާއިރު، އޭގެތެރެއިންވެސް ޑައުންސިންޑްރޯމް ކުދިންގެ ނިސްބަތް އިތުރުވަމުންދާކަން ތަފާސްހިސަބުތަކުން ދައްކައެވެ.