ވަގަށް މަސްތުވާތަކެތި ވިއްކަމުންދިޔަ ނިއުކާސަލްގެ ސަޕޯޓަރަކު ހޯދަން ފުލުހުން ލިވަޕޫލްގެ ޖާޒީ ބޭނުންކޮށްފި އެވެ.
ލިވަޕޫލް ބަލިކޮށް ކަރަބޯ ކަޕް ނިއުކާސަލް ހޯދިތާ ތިން ދުވަސް ފަހުން ތައިލެންޑްގެ ފުލުހުން ތުހުމަތު ކުރެވޭ ސަޕޯޓަރު އަޕިޔަންޓް ނަޔޯ ހޯދަން ދިޔައީ ކާނާ ވިއްކާ އައުޓް ލެޓަށް ދިޔައީ ލިވަޕޫލްގެ ޖާޒީލައިގެންނެވެ. އަދި އެތަނަށް ދިއުމުން އެމީހުންގެ އެދުމުގެ މަތިން އޭނާ ވަނީ އެމީހުންނަށް މަސްތުވާތަކެތި އަޅާފައިވާ 200 ޓެބްލެޓް ވިއްކައިފަ އެވެ.
މިއަށްފަހު ފުލުހުން ވަނީ ލިވަޕޫލްގެ ޖާޒީގައި ތިބެ އޭނާ ހައްޔަރުކޮށް ނަގާފައިވާ ފޮޓޯ އާއްމުކޮށްފަ އެވެ. އެއިރު އޭނާ އިނީ ނިއުކާސަލްގެ ޖާޒީ ލައިގެންނެވެ.
މި ކުށް އޭނާގެ މައްޗަށް ސާބިތުވެއްޖެނަމަ އޮންނާނީ މަރުގެ އަދަބު ނުވަތަ ދިގު މުއްދަތަށް ޖަލަށް ލުމެވެ.
ތައިލެންޑްގައި އެންމެ މަގުބޫލު ކުލަބަކީ ލިވަޕޫލެވެ. ވަރަށް ގިނަ ރެސްޓޯރަންޓްތަކާއި ކާތަކެތި ވިއްކާތަންތަނުގައި ވެސް އެންމެ ގިނައިން ދައްކައި އުޅެނީ ވެސް ލިވަޕޫލްގެ މެޗުތަކެވެ. މި މެޗުތައް ބަލުމުގައި އާއްމުންނާއި ފުލުހުން ވެސް ގިނަ ފަހަރު އެއްކޮށް ތިބެ އެވެ.