ދުނިޔޭގެ މޫސުމާބެހޭ ޖަމްޢިއްޔާގެ އަމަލީ މަސައްކަތްތައް ފެށުނީ 23 މާރިޗު 1950 ގައެވެ. މިޖަމްޢިއްޔާގެ މެމްބަރަކަށް ރާއްޖެ ވެފައިވަނީ 1 ޖޫން 1978 ގައެވެ. ކޮންމެ އަހަރެއްގެ މާރިޗް މަހުގެ 23 ވަނަ ދުވަސް ފާހަގަކުރަމުން ދަނީ ދުނިޔޭގެ މޫސުމާބެހޭ ދުވަހުގެ ގޮތުގައެވެ.
މޫސުމަށް އަންނަ ބަދަލުތަކަކީ، ސަރުކާރުގެ ކޮންމެ ނިންމުމެއްގެ މައިގަނޑު އަސާސަކަށް ވާންޖެހެއެވެ. އެގޮތުން އިޖުތިމާއީ، އިޤްތިޞާދީ އަދި މާލީ ގޮތުން ބެލިކަމުގައިވިޔަސް، ކޮންމެ ނިންމުމެއް ނިންމުމުގެ ކުރިން، މޫސުމާއި ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތަކަކީ ކޮބައިކަން ދެނެގަންނަން ޖެހެއެވެ.
ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާގެ ކްލައިމެޓް އެންވަޔަރަމަންޓް އެނަރލިސްޓް އަޒާން ޢަބްދުﷲ ވިދާޅުވީ މޫސުމީ ކަންކަން ބެލެއްހެއްޓުމަށް އެ ވުޒާރާގެ މެންޑޭޓުގެ ތެރެއިން ކުލައިމެޓް އިމަރޖެންސީ ޤާނޫނެއް ހެދިފައިވާކަމަށެވެ. މި ޤާނޫނުން އެންމެ ބޮޑަށް ބާރު އަޅާ އެއްކަމަކީ ރާއްޖޭގެ ވިލުންތެރިކަން އިތުރުކޮށް މޫސުމަށް އަންނަމުންދާ ބަދަލުތަކަށް ތައްޔާރަށް ތިބުމަށް ކުރަން ޖެހޭ އެންމެހާ ކަންތައްތައް ކުރުންކަމަށް އަޒާން ވިދާޅުވިއެވެ. މި މަސައްކަތް ކުރުމަށް އެކި ޕްލޭންތައް ހެދި އިތުރު ޕްލޭންތައް ހެދުމުގެ މަސައްކަތް ކުރަމުންދާކަމަށް އޭނާ ވިދާޅުވިއެވެ.
އެގޮތުން މި އަހަރު ރާއްޖޭގެ 3 ވަނަ ކްލައިމެޓް އެކްޝަން ޕްލޭން ހަދާ ސަބްމިޓްކޮށްފައިވާކަމަށް އަޒާން ވިދާޅުވިއެވެ. އަދިި ރާއްޖޭގެ އެޑަޕްޓޭޝަން ޕްލޭން ހެދުމުގެ މަސައްކަތްވެސް ކުރަމުންދާކަމަށް ވިދާޅުވިއެވެ. އަޒާން ވިދާޅުވީ ކުރިއާ ޚިލާފަށް މޫސުމީ ބަދަލުތަކުން ލިބޭ ގެއްލުން ފަހަކަށް އައިސް ރާއްޖޭގައި އިންތިހާއަށް އިތުރުވަމުންދާކަމަށެވެ. އަދި އެކަމާ ދެކޮޅަށް ރާއްޖޭން ކުރަންޖެހޭ މަސައްކަތްތައްވެސް އެތައް ގުނައެއް އިތުރުކުރަންޖެހިފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.
ރާއްޖޭގެ މޫސުމީ ބަދަލުތައް އެންމެ ގާތުން ބަލާ މޮނިޓަރކުރާ އެއް އިދާރާއަކީ މޫސުމާބެހޭ ޤައުމީ އިދާރާއެވެ. މޫސުން ގޯސްވުމުން އެލާޓްތައް ނެރުމާއި ބިންހެލުމުގެ އަސަރު ކުރި ކަމުގައި ވީނަމަވެސް އެ މަޢުލޫމާތު ރައްޔިތުންނާއި ހަމައަށް ފޯރުކޮށްދިނުމުގައި އެންމެ އިސް ސަފުގައި މޫސުމާ ބެހޭ ޤައުމީ އިދާރާ ހަރަކާތްތެރިވެއެވެ.
މޫސުމާ ބެހޭ ޤައުމީ އިދާރާގެ މީޓިއޮރޮލޮޖިސްޓު ޢަބްދުﷲ ޙާފިޒް ވިދާޅުވީ، ރާއްޖޭގައި އެތައް އެއަރޕޯޓްތަކެއް މިހާރު ހިނގަމުން ދިޔަކަމުގައި ވީނަމަވެސް 24 ގަޑިއިރު މީހުން ތިބެގެން މޫސުމާ ބެހޭ މައުލޫމާތު އެއްކުރަމުންދަނީ 5 ސަރަހައްދަކުންކަމަށެވެ. އެއީ ހަނިމާދޫ ހުޅުލެ، ކައްދޫ، ކާޑެއްދޫ އަދި ގަން އިންޓަރނޭޝަނަލް އެއާރޕޯޓުންކަމަށް ޙާފިޒް ވިދާޅުވިއެވެ. ޙާފިޒް ވިދާޅުވީ މޫސުމީ ގޮތުން ދެނެގަންނަން ޖެހޭ އެކި ކަންކަން ދެނެގަތުމަށް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ތަފާތު އެކި އާލަތްތައް ޤާއިމްކުރެވިފައިވާކަމަށެވެ.
ޙާފިޒް ވިދާޅުވީ ރާއްޖޭގެ އެކި ހިސާބުތަކުން ޑޭޓާ ނެގުމުގެ އިންތިޒާމް ހަމަޖެހިފައި އޮތުމަކީ ވަރަށް މުހިންމު ކަމެއްކަމަށެވެ. އަދި އެ ނިޒާމު ޤާއިމްވެފައި އޮތުމަކީވެސް ލިބޭ ވަރަށް ބޮޑު ފަސޭހައެއްކަން ވިދާޅުވިއެވެ. އެހެންނަމަވެސް މި ނިޒާމުތައް އިތުރަށް ތަރައްޤީކުރުމަކީ ވަރަށް މުހިންމު ކަމެއްކަން ޙާފިޒް ފާހަގަކުރެއްވިއެވެ.
ރާއްޖޭގައި މީހުން ދިރިއުޅޭ 46 ރަށުގެ މޫސުމާގުޅުން ހުރި ތަފާސްހިސާބު އެއްކުރެވޭނެ އިންތިޒާމް މިހާރު ހަމަޖެހިފައިވާއިރު، މޫސުމާބެހޭ ޤައުމީ އިދާރާގެ އަމާޒަކީ ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށަކުން މޫސުމާ ބެހޭ ތަފާސްހިސާބުތައް ލިބޭނެ ނިޒާމު ޤާއިމުކުރުމެވެ.
ގުދުރަތީގޮތުން ރީތި ހިތްގައިމުކަމެއް އަޅުގަނޑުމެންގެ ރާއްޖެއަށް ލިބިފައިވާއިރު، މި ހިތްގައިމުކަމާ އެއްވަރަށް ތިމާވެށީގެ ނާޒުކުކަމާއި، މޫސުމީ ބަދަލުތަކުގެ ސަބަބުން އަޅުގަނޑުމެންގެ ވެށްޓަށް ކުރާ ނޭދެވޭ އަސަރުތަކަކީ މިއަދު އަޅުގަނޑުމެން ކޮންމެ މީހަކުވެސް ވިސްނާލުން މުހިންމުކަމެކެވެ. މޫސުމީ ބަދަލުތަކާއި އެކަމުގެ ގެއްލުންތަކަކީ މިއަދު އަޅުގަނޑުމެންގެ ރާއްޖެއަށްވެސް ފެންނަންއޮތް ޙަޤީޤަތެކެވެ. އެހެންކަމުން މިބަދަލުތަކާމެދު އަޅުގަނޑުމެން އެންމެންވެސް މިހާރަށްވުރެ ބޮޑަށް ސަމާލުވެ، ތިމާވެއްޓާ ރައްޓެހި އާދަތަކަށް އިސްކަންދޭ ބަޔަކަށް ވާން އެބަޖެހެއެވެ.