މި އަހަރުގެ ވައިލްޑް ލައިފް ދުވަހާ ގުޅުވައިގެ ފޮޓޯ މުބާރާތެއް ކުރިއަށްގެންދިއުމަށް ފަތުރުވެރިކަމާއި ތިމާވެށްޓާބެހޭ ވުޒާރާއިން އިޢުލާންކުރައްވައިފިއެވެ.
ފަތުރުވެރިކަމާއި ތިމާވެށްޓާބެހޭ ވުޒާރާއިން ވިދާޅުވީ މި ފޮޓޯ މުބާރާތަކީ ރާއްޖޭގެ މުއްސަނދި ތިމާވެއްޓާއި ޤުދުރަތީ ރީތިކަން ފޮޓޯއިން ދައްކުވައިދިނުމާއި ރާއްޖޭގެ ދިރުންތަކާއި އެ ތަކެތީގެ ވެށްޓާއި މެދު ހޭލުންތެރިކަން އިތުރުކުރުމުގެ މަޤްސަދުގައި ޢާންމުކޮށް ހުޅުވާލާފައިވާ މުބާރާތެއް ކަމަށެވެ.
މި މުބާރާތަށް ފޮޓޯ ހުށަހެޅުމަށް ހުޅުވާލާފައިވާ ދާއިރާތަކަކީ "ވައިލްޑްލައިފް"، "އޭރިއަލް (ޑްރޯން)"، އަދި "ހެބިޓެޓްސް"އެވެ. ތިމާވެށްޓާ ބެހޭ ވުޒާރާއިން ވިދާޅުވީ މިއިން ކޮންމެ ދާއިރާއަކުންވެސް ވަކިވަކިން ވަނަ ހޮވާނެކަމަށެވެ. އަދި ކޮންމެ ދާއިރާއަކުން ހޮވޭ އެންމެ މޮޅު 10 ފޮޓޯތައް އާއްމުކޮށް ދެއްކުމަށްޓަކައި ފޮޓޯ މަޢުރަޒެއް ބޭއްވުމުގެ އިތުރުން 'އީ-ބުކްލެޓެއްގައި' ޝާއިޢުކުރުމަށް ހަމަޖެހިފައިވާކަމަށްވެސް އެ ވުޒާރާއިން ވިދާޅުވިއެވެ. މުބާރާތުގެ އިނާމުތަކުގެ ތެރޭގައި ޑްރޯން އަދި ކެމެރާފަދަ ފޮޓޯނެގުމަށް ބޭނުންކުރާ ތަކެތި ތިމާވެށްޓާބެހޭ ވުޒާރާއިން ވަނީ ކަނޑައަޅުއްވާފައެވެ.
ތިމާވެށްޓާ ބެހޭ ވުޒާރާއިން ވިދާޅުވީ މުބާރާތަށް ހުށައަޅައި ފޮޓޯއަކީ ދިރޭތަކެއްޗާއި އެ ތަކެތީގެ މާހައުލަށް ގެއްލުމެއް ނުވަތަ އުނދަގުލެއް ވާފަދަ ގޮތަކަށް ނަގާފައިވާ ފޮޓޯއަކަށް ވެގެން ނުވާނެ ކަމަށެވެ. ފޮޓޯ ހުށަހެޅުމުގެ ސުންގަޑިއެއްގޮތުގައި ކަނޑައަޅުއްވާފައިވަނީ އަންނަ މަހުގެ 3 ބުރާސްފަތި ދުވަހުގެ މެންދުރު 12:00 އެވެ. ފޮޓޯތައް ތިމާވެށްޓާ ބެހޭ ވުޒާރާއިގެ މެއިލްއަށް ފޮނުވޭނެއެވެ. އަދި މުބާރާތާ ގުޅޭ އިތުރު މަޢުލޫމާތު ވެބްސައިޓުން ލިބޭނެކަމަށްވެސް ތިމާވެށްޓާ ބެހޭ ވުޒާރާއިން ވިދާޅުވިއެވެ.
ދުނިޔޭގެ ވައިލްޑްލައިފް ދުވަސް ކޮންމެ އަހަރަކުވެސް ފާހަގަކުރަނީ މާރޗް މަހުގެ 3 ވަނަ ދުވަހުއެވެ. މި ދުވަސް ފާހަގަކުރުމުގެ ބޭނުމަކީ ނެތެމުންދާ އެކިއެކި ދިރުންތައް ހިމާޔަތްކުރުމަށް އަޒުމް ކަނޑައަޅައި، މި ތަކެއްޗާ މެދު ހޭލުންތެރިކަން އިތުރުކުރުމެވެ.