ޚަބަރު

ޖަރުމަން ބަލިކުރަން ތަފާތުތަކެއް ދައްކަން ޖެހޭ: ސްޕަލެއްޓީ


ޔުއެފާ ނޭޝަންސް ލީގުގެ ކުއާޓ ފައިނަލް ދެވަނަ ލެގުގައި މިރޭ ޖަރުމަނާ ދެކޮޅަށް ކުޅޭ މެޗުގައި އިޓަލީގެ ފަރާތުން ތަފާތުތަކެއް ދައްކަން ޖެހޭ ކަމަށް އެ ޓީމުގެ ކޯޗު ލޫސިއާނޯ ސްޕަލެއްޓީ ބުނެފި އެވެ.

ޖަރުމަނުގައި މި ދެ ޓީމު މިރޭ ބައްދަލުކުރާއިރު މިދިޔަ ހަފްތާގައި ކުޅުނު ފުރަތަމަ ލެގުގައި އިޓަލީން ލަނޑެއް ޖަހާފައިވަނިކޮށް ޖަރުމަނުން ވަނީ ފަހަތުން އަރާ ދެ ލަނޑު ޖަހައިގެން 2-1 ގެ ނަތީޖާއަކުން އިޓަލީ ބަލިކޮށްފަ އެވެ.

ޖަރުމަނުގެ ސިގްނަލް އިޑޫނާ ޕާކްގައި ކުޅޭ މި މެޗަށް އިޓަލީ ނިކުންނައިރު ކޯޗު ސްޕަލެއްޓީއަށް ވަނީ އިތުރު މައްސަލައަކާއި ކުރިމަތިލާން ޖެހިފަ އެވެ. ފުރަތަމަ ލެގުގައި ޑިފެންޑަރ ރިކާޑޯ ކަލަފިއޯރީ އަށް ލިބުނު އަނިޔާގެ ސަބަބުން އޭނާއަށް މިރޭގެ މެޗުގައި ނުކުޅެވޭނެ އެވެ. އަދި އޭނާ ނެތްތަން ފޫބެއްދުމަށް މި މެޗުގައި ބޭނުންކުރާނީ އިންޓަރ މިލާނުގެ އަލެސަންދްރޯ ބަސްޓޯނީ އެވެ.

"އަހަރުމެން މި ނިކުންނަނީ ވަރަށް ވަރުގަދަ ޓީމަކާއި ދެކޮޅަށް. އަދި މި މުބާރާތުގައި ކުރިއަށް ދާން ބޭނުންނަމަ މި މެޗުގައި ތަފާތުތަކެއް ދައްކަން ޖެހޭ. އަބަދުވެސް އަހަރުމެން ގަބޫލުކުރާ ގަބޫލުކުރުންތައް މަތީގައި ތިބެ ރަގަޅު ނަތީޖާއެއް މި މެޗުގައި ހޯދަން ޖެހޭ." ސްޕަލެއްޓީ ބުންޏެވެ.

ސްޕަލެއްޓީ އިތުރަށް ބުނެފައިވަނީ މީގެ ކުރިންވެސް އިޓަލީ އިން ދައްކާފައިވާފަދަ ރަނގަޅު ކުޅުމެއް ދައްކައިފިނަމަ މި މެޗުން ކާމިޔާބު ހޯދުމަކީ އުނދަގޫ ކަމެއް ނޫން ކަމަށެވެ.

"އަހަރެން ނުބުނަން އައު ކަމެއް ކުރާކަށް. އަހަރެން މި ބުނަނީ މީގެ ކުރިންވެސް އަހަރުމެން ދެއްކި ފަދަ މޮޅު ކުޅުމެއް ދައްކާ ބޭނުންވާ ކަންތައްތައް ދަނޑުމަތީގައި ހާސިލުކޮށްފިނަމަ މިއީ ކާމިޔާބީ ހޯދޭނެ މެޗެއް. އަހަރުމެން ނިކުންނާނީ މި މެޗުން ކާމިޔާބު ހޯދާ މުބާރާތުގެ ސެމީ ފައިނަލުގެ ޖާގައެއް ހޯދުމަށް." ސްޕަލެއްޓީ އިތުރަށް ބުންޏެވެ.