ޚަބަރު

ބޭރުގެ ޓުއަރ އޮޕަރޭޓަރުން އަތުން ޖީއެސްޓީ ނެގުން ލާޒިމުކުރާ ބިލު ފާސްކޮށްފި


  • ބިލު ފާސްކޮށްފައި ވަނީ 54 މެމްބަރުންގެ ވޯޓާއެކު

  • ދައުލަތަށް އަހަރަކު 1.6 ބިލިޔަން ރުފިޔާ ލިބޭނެ ކަމަށް ލަފާ ކުރޭ

  • މި ޖީއެސްޓީ ނަގަން ފަށާނީ އަންނަ އޮކްޓޫބަރު މަހުން ފެށިގެން

ބޭރުގެ ޓުއަރ އޮޕަރޭޓަރުން އަތުން ޖީއެސްޓީ ނެގުން ލާޒިމުކުރުމަށް މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް ހުށަހެޅި އިސްލާޙު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހެޅުއްވީ ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު މުޙައްމަދު ދާއޫދެވެ. ބިލު ފާސްކޮށްފައި ވަނީ 54 މެމްބަރުންގެ ވޯޓާއިއެކުގައެވެ. ބިލް ފާސްކުރަން ނުފެންނަކަމަށް 2 މެމްބަރަކު ވޯޓުދެއްވިއެވެ.

މި ބިލު ފާސްކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މުޅި މަޖިލީހުގެ ކޮމިޓީން އެ ބިލު ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓަށް ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހީމް ނަސީމު ހުށަހެޅުއްވި އިސްލާހުތަކަކާ އެކުގައެވެ.

މި ބިލަކީ ރާއްޖޭގެ ޓެކްސްގެ ނިޒާމު އިތުރަށް ހަރުދަނާ ކުރުމަށް ހުށަހެޅުއްވި ބިލެއްކަމަށް ބިލު ހުށަހެޅުއްވި މެމްބަރު ވިދާޅުވިއެވެ. އަދި މި ބިލު ހުށަހެޅީ ރާއްޖޭގައި ޑެސްޓިނޭޝަން ޕްރިންސިޕަލް ތަންފީޒުކުރަން ފެށުމަށްޓަކައި އޮފް ޝޯ ބުކިންގ ޕްލެޓްފޯމުތަކާއި ބޭރުގެ ޓުއަރ އޮޕަރޭޓަރުންނާއި ޓްރެވަލް އެޖެންޓުންނަށް ފޯރުކޮށްދޭ މުދަލާއި ޚިދުމަތުގެ އަގުން ޖީއެސްޓީ ނެގުމުގެ އުސޫލުތައް ޤާނޫނުގައި ބަޔާންކުރަންކަމަށް ބިލުގައިވެއެވެ.

ބިލުގައި ބުނެފައިވަނީ އެއްވެސް ފަރާތަކުން ރާއްޖޭގައި ހުރި އެ ފަރާތެއްގެ ވިޔަފާރި ހިންގާ ތަނަކުން ޚިދުމަތް ފޯރުވައިދީފިނަމަ އެއީ ރާއްޖޭގައި ފޯރުވައިދޭ ޚިދުމަތުގެ ގޮތުގައި ބެލޭނެކަމަށެވެ.

ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް ނުވިނަމަވެސް ޚިދުމަތް ފޯރުވައިދިން ވަގުތު ރާއްޖޭގައި ހުރި ފަރާތަކުން އެ ޚިދުމަތުގެ އަމަލީ މަސައްކަތް ރާއްޖޭގައި ކޮށްފިނަމަ ނުވަތަ އެއީ ރާއްޖޭގައި ހުރި ނުއުފުލޭ މުދަލަކާ ގުޅޭ ޚިދުމަތެއް ނަމަ އެއީ ރާއްޖޭގައި ފޯރުވައިދިން ޚިދުމަތެއްގެ ގޮތުގައި ބަލާނެއެވެ.

މި އިސްލާހުގައި ޖީއެސްޓީ ނެގުން ލާޒިމުވާ ކަންކަމުގެ ތެރޭގައި ޓެކްސް ނެގޭ ހަރަކާތް ހިންގާ ވިޔަފާރީގެ ދާއިމީ ތަނެއް ރާއްޖޭގައި ނެތް ނަމަވެސް އިންބައުންޑް ޓޫރިޒަމް ޕްރޮޑަކްޓެއް ރާއްޖޭގައި ފޯރުވައިދިނުމަށް ހިމަނާފައެވެ. ބިލުގައި އިންބައުންޑް ޓޫރިޒަމް ޕްރޮޑަކްޓުގެ ގޮތުގައި ކަނޑައަޅާފައިވަނީ ރާއްޖޭގައި ހިންގާ އެކޮމޮޑޭޝަނާއި ކެއުމާއި ދަތުރުފަތުރުފަދަ ފަތުރުވެރިކަމާ ގުޅުންހުރި ހަރަކާތްތަކެވެ.

މުދަލާއި ޚިދުމަތުން ޓެކްސް ނެގުމުގެ ނިޒާމު ތަންފީޒުކުރުމުގައި ދިމާވާ ދަތިތަކަށް ހައްލު ހޯދައި، އެ ނިޒާމު އިތުރަށް ހަރުދަނާ ކުރުމަށް މި ބިލުގެ ސަބަބުން މަގުފަހިވާނެއެވެ.

ބިލާއެކު ސަރުކާރުން ވަނީ އިސްލާހުތަކާއެކު ދައުލަތަށް ލިބޭނެ އާމްދަނީގެ އަންދާޒާއެއްވެސް ހިއްސާކޮށްފައެވެ. އޮފް ޝޯ ބުކިންގ ޕްލެޓްފޯމުތަކާއި ބޭރުގެ ޓުއަރ އޮޕަރޭޓަރުންނާއި ޓްރެވަލް އެޖެންޓުންނަކީ ރާއްޖޭގައި ޚިދުމަތްދޭ ދާއިމީ ތަނެއް ނެތް ފަރާތްތަކުން ޓެކްސް ނަގަން ފެށުމުން ދައުލަތުގެ އާމްދަނީއަށް އަހަރަކު 1.6 ބިލިޔަން ރުފިޔާ އިތުރުވާނެ ކަމަށް ވަނީ އަންދާޒާކޮށްފައެވެ.