ޚަބަރު

އާއިލާތަކަށް ޚާއްސަކޮށްގެން ޕެންޝަން އޮފީހުގެ ހިނގާލުމެއް


  • މި ހިނގާލުން ބޭއްވުމަށް އޮންނާނީ އެޕްރީލް މަހުގެ 12

  • ސެންޓްރަލް ޕާކް ވަށައިގެން 1 ކިލޯމީޓަރަށް ހިނގާލުމަށް ވަނީ ހަމަޖެހިފަ

މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުން އާޢިލާތަކަށް ޚާއްޞަކޮށްގެން ބާއްވާ 3 ޖެނެރޭޝަން ވޯކް މިއަހަރުވެސް ބާއްވަން ނިންމައިފިއެވެ. މި ހިނގާލުން ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަންނަ އެޕްރީލް މަހުގެ 12 ވަނަ ދުވަހުއެވެ.

އާޢިލާތަކަށް ހާއްސަކޮށްގެން ޕެންޝަން އޮފީހުން ބާއްވާ މި ހިނގާލުން އޮންނާނީ ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ. މި ހަރަކާތުގައި ހުޅުމާލޭ ސެންޓްރަލް ޕާކް ވަށައިގެން ހިނގުމަށް ވަނީ ހަމަޖެހިފައެވެ. މިގޮތަށް ހިނގާލުން ބޭއްވުމަށް ނިންމާފައިވަނީ ދޮށީ އުމުރުގެ މީހުންނަށްވެސް ފަސޭހައިން މި ހިނގާލުމުގައި ބައިވެރިވެވޭނެ ގޮތް ހެދުމަށްކަމަށް އެ އިދާރާއިން މައުލޫމާތުދެއެވެ.

ޕެންޝަން އޮފީހުން ވިދާޅުވީ، ކުޑަކުދިންނާއި މައިންބައިފައިން އަދި މާމަކާފައިން ހިމެނޭހެން އާއިލާތަކުގެ ތިން ޖީލުގެ މީހުންނަށް ބައިވެރިވެވޭ ގޮތަށް އިންތިޒާމުކުރާ މިހަރަކާތުގައި ހާއްސަ ހިނގާލުމެއްގެ އިތުރުން އިތުރު ހަރަކާތްތައްވެސް ކުރިއަށްގެންދިއުމަށް ރާވާފައިވާކަމަށެވެ. އެގޮތުން ސްޓޯލް ހަރަކާތްތަކުގެ އިތުރުން މުނިފޫހިފިލުވުމުގެ ތަފާތު ހަރަކާތްތައް ކުރިއަށްގެންދެވޭނެކަމަށް އެ އިދާރާއިން މައުލޫމާތުދެއެވެ.

މި ހަރަކާތުގެ މައިގަނޑު މަޤްޞަދަކީ ދޮށީ އުމުރުގެ ފަރާތްތަކަށް އާއިލާއާއެކު އުފާވެރި މާޙައުލެއްގައި ވަގުތު ހޭދަކުރުމުގެ ފުރުޞަތު ހޯދައިދިނުމެވެ. އަދި މީގެ އިތުރުން، ޕެންޝަން އޮފީހުގެ މަސައްކަތްތަކާ ގުޅޭ އެކި ދާއިރާތަކުން މަޢުލޫމާތު ފޯރުކޮށްދީ، އާންމުންގެ ހޭލުންތެރިކަން އިތުރުކުރުމެވެ. މިއީ އާޢިލާތަކުގެ ތިން ޖީލުގެ މީހުންނަށް ޚާއްޞަކޮށްގެން ޕެންޝަން އޮފީހުން ބާއްވާ މިފަދަ ތިންވަނަ ހަރަކާތެވެ.

ކޮންމެ އަހަރަކުވެސް މި ހަރަކާތުގައި ވަކި ޚާއްޞަ ދާއިރާއެއް ހިޔާރުކޮށް، އެ ދާއިރާއަކުން މީހުން ހޭލުންތެރިކުރުމުގެ މަސައްކަތް ކުރެވެއެވެ. މި އަހަރުގެ ހަރަކާތުގައި ހޭލުންތެރިކަން އިތުރުކުރުމަށް އަމާޒުކޮށްފައިވަނީ ފައިނޭންޝިއަލް ލިޓްރަސީ ނުވަރަ މާލީ ހޭލުންތެރިކަމުގެ ދާއިރާއިންނެވެ.

މި ހިނގާލުމުގައި ބައިވެރިވުމަށް ޕެންޝަން އޮފީހުގެ ވެބްސައިޓް މެދުވެރިކޮށް މިހާރު ރަޖިސްޓްރީ ކުރެއްވޭނެކަމަށް އެ އިދާރާއިން މައުލޫމާތުދެއެވެ.