ޚަބަރު

އައްޑޫއަށް އިތުރު 1.8 މެގަވޮޓްގެ ޖަނަރޭޓަރެއް ފޮނުވައިފި


  • 3 މަސްތެރޭގައި މިއީ އައްޑުއަށް ފޮނުވާ 3ވަނަ ޖަނަރޭޓަރު

  • ކަރަންޓު ކެނޑެނީ އިންޖީނުތަކެއް އޯވަހޯލްނުކޮށް ދިގުލައިގެންދިއުމުން

އައްޑޫ ސިޓީއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލައަށް ހައްލެއް ހޯދުމަށް ކުރަމުން އަންނަ މަސައްކަތުގެ ދަށުން އެ ސިޓީއަށް އިތުރު ޖަނަރޭޓަރެއް ފޮނުވައިފިއެވެ.

އައްޑޫ ސިޓީގައި ކަރަންޓު ކެނޑޭ މައްސަލަ ކުރިމަތިވާން ފެށީ، އެ ސިޓީގައި ބޭނުންކުރަމުންދިޔަ 18 ޖަނަރޭޓަރުގެ ތެރެއިން، ގިނަ ޖަނަރޭޓަރުތައް އޯވަހޯލް ނުކޮށް ދިގުލައިގެންދިއުމުން ހަލާކުވުމުގެ ސަބަބުންނެވެ. މިއާއެކު އެ ސިޓީގައި ބައެއް ވަގުތުތަކުގައި ކަރަންޓު ކަނޑަން ވަނީ ޖެހިފައެވެ.

އައްޑޫ ސިޓީއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ސަރުކާރުން އަންނަނީ ގިނަ މަސައްކަތް ކުރައްވަމުންނެވެ. ނަމަވެސް އޭގެ ކުރިން ވަގުތީ ހައްލެއް ހޯދައިގެންވެސް ރައްޔިތުންނަށް އެ ޚިދުމަތް މެދުނުކެނޑި ފޯރުކޮށްދިނުމަށްވެސް ސަރުކާރުން ގެންދަވަނީ ކެނޑިނޭޅި މަސައްކަތް ކުރައްވަމުންނެވެ.

އެކި ވަގުތުތަކުގައި ކަރަންޓު ކެނޑަން ޖެހުމުން ރައްޔިތުންނަށް ދިމާވާ ދަތިތައް ހައްލު ކުރުމަށް ފެނަކަ ކޯޕަރޭޝަނުން ދަނީ އައްޑޫ ސިޓީއަށް ޖަނަރޭޓަރުތައް ފޮނުވަމުންނެވެ. އެގޮތުން، މި ފާއިތުވި 3 މަސްދުވަހުގެ ތެރޭގައި އެ ސިޓީއަށް ދެ ޖަނަރޭޓަރު ފޮނުވާފައިވާއިރު ތިންވަނަ ޖަނަރޭޓަރު މިހާރު ވަނީ މާލެއިން ފޮނުވާލާފައެވެ.

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ނަޖާހު ވިދާޅުވީ 1.8 މެގަވޮޓްގެ ޖަނަރޭޓަރު މިއަދު ހެނދުނު މާލެއިން އައްޑުއަށް ފޮނުވާފައިވާކަމަށެވެ. އެ ޖަނަރޭޓަރު މާދަމާ އެ ސިޓީއަށް ލިބޭނެ ކަމަށާއި، މިހާރު އައްޑޫގައި އެ ޖަނަރޭޓަރު ބެހެއްޓުމަށް ވާންޖެހޭ ތައްޔާރީތައް ވަމުން އަންނަ ކަމަށްވެސް ނަޖާހު ވިދާޅުވިއެވެ.

ނަޖާހު ވިދާޅުވީ ކަރަންޓު ކަނޑަންޖެހުނީ ދެ ޖަނަރޭޓަރަކަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން ކަމަށާއި، އެތަނުން އެއް ޖަނަރޭޓަރު ރަނގަޅުކޮށް ލޯޑް ޓެސްޓިންއަށް ތައްޔާރުވެފައިވާ ކަމަށެވެ. އަދި މި ފަހުން ފޮނުވި ދެ ޖަނަރޭޓަރުވެސް މިހާރު އިންސްޓޯލްކޮށް ޚިދުމަތް ފަށާފައިވާކަމަށް ފެނަކައިގެ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ނަޖާހު ވިދާޅުވިއެވެ.

އައްޑޫ ސިޓީގައި ޕީކް ވަގުތުގައި ކަރަންޓުގެ ލޯޑު، 11.6 މެގަވޮޓަށް އަރައެވެ. ނަމަވެސް ރޯދަ މަހު ކަރަންޓު ބޭނުންކުރާ މިންވަރު ވަނީ އިތުރުވެފައެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކަރަންޓު ފޯރުކޮށްދިނުމަށް ބޭނުންކުރަމުން އަންނަ ޖަނަރޭޓަރުތައް އެއްވެސްވަރަކަށް މަރާމާތު ނުވަތަ އޯވަރހޯލް ކޮށްފައިނުވާކަން ސަރުކާރުން ވަނީ ފާހަގަކުރައްވަފައެވެ.