އއ. ރަސްދޫގައި ރޭ ހިނގި އަލިފާނުގެ ޙާދިސާގައި ފިހުނު ދެމީހުންގެ ހާލުވެސް ސީރިއަސްކަމަށް އައިޖީއެމްއެޗުން ވިދާޅުވެއްޖެއެވެ.
ރޭ ހިނގި އަލިފާނުގެ ހާދިސާގައި ސީރިއަސް ޒަޚަމްތަކެއް ވެފައިވަނީ 31 އަހަރުގެ ފިރިހެނަކާއި އަންހެނަކަށެވެ. މަޢުލުމާތު ލިބިފައިވާގޮތުގައި އެއީ ދެމަފިރިންނެވެ. ފުލުހުން ވިދާޅުވީ އެ އަލިފާނުގެ ހާދިސާ ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ ރޭ 11:15 ހާއިރުކަމަށާއި، އެމީހުންނަށް ފަރުވާދިނުމަށް އައިޖީއެމްއަޗަށް ގެންގޮސްފައިވާކަމަށެވެ.
އައިޖީއެމްއެޗުން ވިދާޅުވީ، އެ ދެމީހުންގެ ގައިގެ ވަރަށް ބޮޑު ބައެއް ފިހިފައިވާކަމަށާއި، ހާލު ސީރިއަސްކަމަށެވެ. އެމީހުންނަށް ފަރުވާދެމުންދަނީ އެމެޖެންސީގައިކަމަށްވެސް ހޮސްޕިޓަލުން ވިދާޅުވިއެވެ
އެ އަލިފާނުގެ ހާދިސާ ތަހުގީގްކުރަމުން އަންނަކަމަށް ފުލުހުން ވިދާޅުވިއެވެ. އެނގިފައިވާގޮތުގައި އަލިފާނުގެ ހާދިސާ ހިނގީ އެ ދެމަފިރިންގެ ނިދާ ކޮޓަރީގައެވެ. އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވި ސަބަބު އަދި އެއްވެސް ފަރާތަކުން ހާމަކޮށްފައެއް ނުވެއެވެ.