ޚަބަރު

އުޒްބެކިސްތާނާ އެއްވަރުކޮށް އީރާން ވޯލްޑް ކަޕަށް ކޮލިފައިވެއްޖެ


2026 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ޖާގައެއް އީރާނުން ހޯދައިފިއެވެ.

އީރާން މި މުބާރާތަށް ކޮލިފައިވެފައިވަނީ އޭޝިޔާގެ ކޮލިފައިންގެ ގްރޫޕް އޭ ގައި ރޭ އުޒްބެކިސްތާނާ ދެކޮޅަށް ކުޅުނު މެޗު 2-2 ގެ ނަތީޖާއަކުން އެއްވަރުކޮށްގެންނެވެ.

އޭޝިޔާގެ ކޮލިފައިން ތިން ގްރޫޕަކަށް ބަހާލާފައިވާއިރު ކޮންމެ ގްރޫޕަކުންވެސް ލީގު އުސޫލުން ކުޅޭ މެޗުތަކަށްފަހު އެއްވަނަ އަދި ދެވަނަ ޓީމަށް ވޯލްޑް ކަޕްގެ ސީދާ ޖާގައެއް ލިބިގެންދާއިރު ތިންވަނަ އަދި ހަތަރުވަނައަށް ދާ ޓީމުތައް ޖެހޭނީ އިތުރު ޕްލޭއޮފް މެޗުތަކެއް ކުޅުމަށެވެ.

އީރާން ވަނީ ގްރޫޕް އޭގައި ކުޅުނު 8 މެޗުން 20 ޕޮއިންޓާއެކު ގްރޫޕްގެ އެއްވަނަ މަގާމް ހޯދާފައެވެ. ދެވަނައިގައި އޮތް އުޒްބެކިސްތާނަށް ލިބިފައިވަނީ 17 ޕޮއިންޓެވެ.

ތެހެރާންގެ އާޒާދީ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ 16 ވަނަ މިނިޓުގައި އުޒްބެކިސްތާނުގެ ހޮޖިމަތް އެރްކިނޯވް ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދީފަ އެވެ.

ނަމަވެސް ދެވަނަ ހާފުގެ ކުޅުން ފެށުނުތާ ހަތްވަނަ މިނިޓުގައި މެހްދީ ތަރޭމީ ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ. އަދި އޭގެ މިނިޓެއް ފަހުން އުޒްބެކިސްތާނުގެ އަބޯސްބެކް ފައިޒުއްالله ވަނީ އިތުރު ލަނޑެއް ޖަހާ ދެވަނަ ފަހަރަށް އެ ޓީމަށް ކުރި ހޯދަދީފަ އެވެ.

މި މެޗުގެ ނަތީޖާ ދެވަނަ ފަހަރަށް އީރާނަށް އެއްވަރު ކޮށްދީފައިވަނީވެސް އިޓަލީގެ އިންޓަރ މިލާނަށް ކުޅެމުންދާ މެހްދީ ތަރޭމީ އެވެ.

މި މެޗަށް ނިކުތްއިރުވެސް ޕޮއިންޓެއް ހޯދައިގެން ކެނެޑާ އާއި އެމެރިކާގެ އިތުރުން މެކްސިކޯގައި ބޭއްވުމަށް ހަމަޖެހިފައިވާ ވޯލްޑް ކަޕްގެ ޖާގައެއް އީރާނަށް ލިބިގެންދާނެ އެވެ. އީރާނުން ވޯލްޑް ކަޕްގެ ޖާގައެއް ކަށަވަރުކޮށްފައިވާއިރު މީގެ ކުރިން ޖަޕާން އިން ވަނީ ވޯލްޑްކަޕްގެ ޖާގައެއް ކަށަވަރުކޮށްފަ އެވެ.