ޚަބަރު

ބްރެޒިލް ބަލިކޮށް އާޖެންޓީނާ ވޯލްޑް ކަޕަށް ކޮލިފައިވެއްޖެ


2026 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ޖާގައެއް އެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާއިން ހޯދައިފިއެވެ.

އާޖެންޓީނާއިން ވޯލްޑް ކަޕްގެ ޖާގައެއް ކަށަވަރު ކޮށްފައިވަނީ ދެކުނު އެމެރިކާގެ ކޮލިފައިންގައި މިއަދު ވަރުގަދަ ބްރެޒިލްއާ ދެކޮޅަށް ކުޅުނު މެޗު 4-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށްގެންނެވެ. މި މެޗަށް ނިކުތްއިރުވެސް ޕޮއިންޓެއް ހޯދައިގެން ވޯލްޑް ކަޕްގެ ޖާގައެއް އާޖެންޓީނާއަށް ކަށަވަރުވާނެ އެވެ.

މި މެޗުން އާޖެންޓީނާ މޮޅުވުމާއިއެކު އެ ޓީމަށް ވަނީ ކޮލިފައިންގައި މިހާތަނަށް ކުޅުނު 14 މެޗުން 31 ޕޮއިންޓާއެކު ތާވަލުގެ އެއްވަނަ މަގާމް ލިބިފަ އެވެ. ދެވަނައިގައި އޮތް އެކުއަޑޯ އަށް 23 ޕޮއިންޓް ލިބިފައިވާއިރު ބްރެޒިލް އަށް ލިބިފައިވާ 21 ޕޮއިންޓާއެކު އެ ޓީމު އޮތީ ތާވަލުގެ ހަތަރުވަނަ މަގާމުގަ އެވެ.

ބޮއިނިސް އައިރިސްގެ މޮނިއުމެންޓަލް ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީ އަށް ލިބިފައިވާ އަނިޔާގެ ސަބަބުން އޭނާ ނުކުޅެ އެވެ.

އާޖެންޓީނާ އިން މޮޅު ކުޅުމެއް ދައްކާފައިވާ މި މެޗުގެ ހަތަރުވަނަ މިނިޓުގައި ޖޫލިއަން އަލްވަރޭޒް ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދީފަ އެވެ. އަދި އޭގެ އަށް މިނިޓު ފަހުން އެންޒޯ ފެނާންޑޭޒް ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ބޮޑުކޮށްފަ އެވެ.

އާޖެންޓީނާއިން ދެ ލަނޑު ޖަހާފައިވީ ނަމަވެސް ލަނޑެއް ޖެހުމަށް ބްރެޒިލް އިން ކުރަމުންދިޔަ މަސައްކަތަށް ނިމުމެއް އައިސްފައިވަނީ މެޗުގެ 26 ވަނަ މިނިޓުގައި މެތިއުސް ކޫނިއާ ކާމިޔާބުކޮށްދިން ލަނޑުންނެވެ.

މި މެޗުގައި އާޖެންޓީނާއިން ޖެހި ތިންވަނަ ލަނޑު މެޗުގެ 37 ވަނަ މިނިޓުގައި އެންޒޯ ފެނާންޑޭޒްގެ އެސިސްޓަކުން އެ ޓީމަށް ކާމިޔާބުކޮށްދީފައިވަނީ އެލެކްސިސް މެކަލިސްޓާ އެވެ.

ދެވަނަ ހާފުގެ ކުޅުން ފެށުނުތާ ގިނައިރުތަކެއް ނުވަނީސް އާޖެންޓީނާގެ ކޯޗު ލިއޮނެލް ސްކެލޯނީ ވަނީ އެ ޓީމަށް ބަދަލެއް ގެނެސްފަ އެވެ. އެގޮތުން ތިއާގޯ އަލްމާޑާގެ ބަދަލުގައި ޖިއުލިއާނޯ ސިމިއޯނީ ވަނީ ކުޅެން އަރުވާފަ އެވެ.

އާޖެންޓީނާއިން މި މެޗުގައި ޖެހި ހަތަރުވަނަ ލަނޑު މެޗުގެ 69 ވަނަ މިނިޓުގައި އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ ޖިއުލިއާނޯ ސިމިއޯނީ އެވެ. މި ލަނޑު އޭނާ ޖަހާފައިވަނީ ކުޅެން އެރިތާ މިނިޓެއްވެސް ނުވަނީހެވެ.

މި ލަނޑަށްފަހުވެސް އާޖެންޓީނާއަށް ވަނީ ލަނޑު ޖަހާނެ އިތުރު ފުރުސަތުތަކެއް ލިބިފަ އެވެ.

ދެކުނު އެމެރިކާގެ ކޮލިފައިންގައި މިއަދު ކުޅުނު އެހެން މެޗުތަކަށް ބަލާއިރު ޗިލީ އާއި އިކުއެޑޯ ބައްދަލުކުރި މެޗު ނިމިފައިވަނީ ލަނޑެއް ނުޖެހި ދެ ޓީމު އެއްވަރުވެގެންނެވެ. އަދި ޕެރޫ އަތުން 1-0 ގެ ނަތީޖާއަކުން ވެނެޒުއޭލާ މޮޅުވެފައިވާއިރު ކޮލަމްބިއާ އާއި ޕެރަގުއޭ ބައްދަލުކުރި މެޗު ނިމިފައިވަނީ 2-2 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެގެންނެވެ.