ރާއްޖޭގައި ކީރިތި ޤުރުއާން ހިތުދަސްކުރާ ޙާފިޡުންނަށް ސަނަދުގެ އެރުވުމަށް ޚާއްސަކޮށްގެން ފުރަތަމަ ފަހަރަށް ބާއްވާ ދަސްވެނިވުމުގެ ޖަލްސާ މިރޭ ބާއްވަން ތައްޔާރުވެއްޖެއެވެ. ހާފިޒުން ދަސްވެނިވުމުގެ ގޮތުން ބާއްވާ މި ޝަރަފުވެރި ޖަލްސާ ޝަރަފުވެރިކޮށްދެއްވާނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.
ޙާފިޡުން ދަސްވެނިވުމުގެ ޝަރަފްވެރި ޖަލްސާ ބާއްވާ މިއީ މި ފުރަތަމަ އަހަރެވެ. އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ވިދާޅުވީ މި ޖަލްސާ ކުރިއަށްދާނީ މިރޭ 22:00ގައި އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ކަމަށެވެ. މި ޖަލްސާއަކީ ކީރިތި ޤުރުއާން ހިތުދަސްކުރާ ފަރާތްތަކުގެ އަގު ވަޒަންކޮށް، ޝަރަފްވެރިކަމާއެކު ސަނަދު އެރުވުމަށް ސަރުކާރުން ބާއްވާ ޖަލްސާއެކެވެ.
އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ވިދާޅުވިގޮތުގައި މިރޭ ބާއްވާ ޚާއްސަ ޖަލްސާގައި 24 ޙާފިޡަކަށް ޙާފިޒުކަމުގެ ސަނަދު އަރުވާނެއެވެ.
މީގެ ކުރިން ހާފިޒުން ދަސްވެނިވުމަށް ޚާއްސަކޮށްގެން ޖަލްސާއެއް ބާއްވާފައިނުވެއެވެ. ދަސްވެނިވާ ޙާފިޡުންނަށް އިނާމާއި މެޑަލް ދެމުން އައީ އެކި އަހަރު އެކި މުނާސަބާތުތަކާ ގުޅުވައިގެން ބާއްވާ ޖަލްސާތަކުގައެވެ. ނަމަވެސް މިއަހަރު އެކަން ބަދަލުކުރައްވައި ޤުރުއާން ހިތުދަސްކުރާ ފަރާތްތަކަށް ސަނަދު އަރުވައި އެފަރާތްތަކުގެ އަގުވަޒަންކުރުމަށް ޚާއްސަ ޖަލްސާއެއް ބޭއްވުމަށް ސަރުކާރުން ނިންމެވިއެވެ.
ކީރިތި ޤުރުއާން ހިތުދަސްކުރާ ޙާފިޡުންނަށް ސަރުކާރުން ޚާއްސަ އިސްކަމެއް ދެއްވައެވެ. އެގޮތުން، ކީރިތި ޤުރްއާން ކިޔެވުމުގެ 36ވަނަ ޤައުމީ މުބާރާތުގެ ނަތީޖާ ފާޅުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ދައުލަތުން މިހާރު ޙާފިޡުންނަށް ދޭ އިނާޔަތް، ދެގުނައަށް ބޮޑު ކުރައްވާނެ ކަމަށްވެސް ވިދާޅުވެފައެވެ.
މީގެއިތުރުން ޙާފިޒުންނަށްދޭ ސަނަދު މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ، އެމްކިޔުއޭއިން ޤަބޫލުކުރާ މިންގަނޑަށް މިހާރު ވަނީ ބަދަލުކޮށްފައެވެ. އަދި ޙާފިޒުން ޢުމްރާއަށް ފޮނުވުމުގެ ޚާއްސަ މަޝްރޫޢެއްވެސް ސަރުކާރުން ވަނީ ފަށްޓަވާފައެވެ. އަދި ކޮންމެ ދަރަޖައެއްގައި ޙާފިޒަކު ފާސްވި ނަމަވެސް، ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ މެޑަލް ދެއްވާގޮތަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. މީގެ އިތުރުން ޙާފިޡުން ދަސްވެނިވުމަށް މިފަހަރު ޚާއްސަ ގައުންއެއް ތައާރަފްކޮށް މިރޭގެ ޖަލްސާގައި ޙާފިޡުން ދަސްވެނިވާނީ އެޤައުންގައެވެ. މިއީ ހާފިޒުންނަށް ސަރުކާރުން ދެއްވާ އަހަންމިއްޔަތު ދޭހަކޮށްދޭ ކަންކަން ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.