ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރުކަމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޙުސައިން ޝަހީދު އައްޔަންކުރަން ނިންމަވައިފިއެވެ.
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 148 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތީން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމަށް ސ. ހިތަދޫ، ބާޒީގެ އަލްއުސްތާޛު ޙުސައިން ޝަހީދު ޢައްޔަންކުރައްވައިފައިވަނީ މިމަހުގެ 19 ވަނަ ދުވަހުއެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޙުސައިން ޝަހީދު، ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރުކަމަށް ޢައްޔަނުކުރެއްވީ ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނުގެ 3 ވަނަ މާއްދާގެ 2 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، ސުޕްރީމްކޯޓުގައި ހިމެނޭ ފަނޑިޔާރުންގެ ތެރެއިން، އެ ކޯޓުން އިންތިޚާބުކުރާ އުއްތަމަފަނޑިޔާރު ފިޔަވައި އެހެން ފަނޑިޔާރެއްގެ ހައިސިއްޔަތުންނެވެ. އަދި ސުޕްރީމްކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމަށް އޭނާ އައްޔަންކޮށްފައިވަނީ ކޮރަޕްޝަންގެ މައްސަލަތަކެއް ޖޭއެސްސީން ބަލަން ފެށުމުން ފަނޑިޔާރުކަމުގެ މަޤާމުން ޙުސްނުއް ސުޢޫދު އިސްތިއުފާދެއްވުމާއި ގުޅިގެންނެވެ.
އަލްއުސްތާޛު ޙުސައިން ޝަހީދަކީ މިޞްރުގެ އަލްއަޒުހަރު ޔުނިވަރސިޓީއާއި ކުއްލިޔަތުލް ދިރާސާތުލް އިސްލާމިއްޔާއިން ޝަރީޢަތާއި ޤާނޫނުގެ ރޮނގުން މަތީ ތަޢުލީމު ޙާޞިލު ކުރެއްވުމަށްފަހު ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީން މާސްޓަރ އޮފް އިސްލާމިކް ޖުޑީޝަލް ސައިންސް އެންޑް ޝަރީއާ ޕޮލިސީ ހާސިލް ކުރައްވާފައިވާ ބޭފުޅެކެވެ.
ފަނޑިޔާރު ޙުސެއިން ޝަހީދު ވަނީ އައްޑު ސިޓީ ފޭދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓްކަމާއި، ނ. ހޮޅުދޫ މެޖިސްޓްރޭޓް ކޯޓުގެ ކޯޓު އިސް މެޖިސްޓްރޭޓްގެ މަގާމުގެ އިތުރުން ކްރިމިނަލް ކޯޓުގެ ޤާޟީކަމުގެ މަގާމު އަދާކުރައްވާފައެވެ.
2018 ވަނަ އަހަރު ހައިކޯޓުގެ ފަނޑިޔާރުކަމުގެ ހުވާކުރެއްވި އަލްއުސްތާޛު ޙުސައިން ޝަހީދުއާ ދިވެހިރާއްޖޭގެ ހައިކޯޓުގެ އިސްފަނޑިޔާރުގެ މަސްއޫލިއްޔަތުތައް ވަގުތީ ގޮތުން ހަވާލު ކުރައްވާފައިވަނީ 18 ނޮވެންބަރު 2022 އިން ފެށިގެންނެވެ. އަދި ހައިކޯޓުގެ އިސްފަނޑިޔާރުގަކަމުގެ މަގާމަށް ފަނޑިޔާރު ޙުސައިން ޝަހީދު އައްޔަން ކުރައްވާފައިވަނީ 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 30 ވަނަ ދުވަހުއެވެ.
ޤާނޫނުއަސާސީގެ 158 ވަނަ މާއްދާގައި ޖުޑީޝަލް ސަރވިސް ކޮމިޝަން އެކުލެވިގެންވާ ގޮތް ބަޔާންކޮށްފައިވެއެވެ. އެގޮތުން 10 މެންބަރަކު އެ ކޮމިޝަނަށް އައްޔަންކުރަން ޖެހޭނެއެވެ. މީގެ ތެރޭގައި ސުޕްރީމްކޯޓުގައި ހިމެނޭ ފަނޑިޔާރުންގެ ތެރެއިން، އެ ކޯޓުން އިންތިޚާބުކުރާ އުއްތަމަފަނޑިޔާރު ފިޔަވައި އެހެން ފަނޑިޔާރަކު މެންބަރަކަށް ހުންނަން ޖެހޭނެއެވެ.
ޖޭއެސްސީގައި ތިއްބަވާ މެންބަރުންނަކީ އެ ކޮމިޝަނުގެ ރައީސް އަލްއުސްތާޛު ޙުސައިން ރިޟާ އާދަމްއާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ އާއި، ހައި ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު މުޙައްމަދު ނިޔާޒާއި، ދަށު ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ފަރުހާދު ރަޝީދާއި، ޢާންމުންގެ ތެރެއިން ރައްޔިތުންގެ މަޖިލީހުން ކަނޑައެޅި މެންބަރު ޑޮކްޓަރ އާމިނަތު އުއްމުކުލްޘޫމާއި، ސިވިލް ސާވިސް ކޮމިޝަނުގެ ރައީސް އަލްފާޟިލް މުޙައްމަދު ނާޞިޙާއި، ބަންޑާރަނައިބު އަލްއުސްތާޛު އަޙްމަދު އުޝާމާއި، ރައީސުލްޖުމްހޫރިއްޔާގެ ފަރާތުން އައްޔަންކުރާ މެންބަރ ޔަޒްމީދު މުޙައްމަދާއި، ޤާނޫނީ ވަކީލުންގެ ތެރެއިން އިންތިޚާބުކޮށްފައިވާ މެންބަރު އަލްއުސްތާޛު ޢަލީ ޢަބްދުއްލަޠީފެވެ.