މަދުވެގެން އަހަރަކު 100 މިލިޔަން ރުފިޔާއަށް އަރާވަރަށް އައުޤާފް އިންވެސްޓްމަންޓްތައް ފުޅާކޮށް ދަޢުލަތުގެ ބަޖެޓަށް ބަރޯސާނުވެ މަޝްރޫޢުތައް ކުރިއަށްގެންދިޔުމަކީ އަމާޒެއްކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ ޙާފިޘުން ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ވިދާޅުވީ އަޢުޤާފް މަޝްރޫޢުތައް ފުޅާކުރުމަށް މަސައްކަތް ކުރަމުންދާކަމަށެވެ. އެގޮތުން ރަމަޟާންމަސް ނިމުމަށްފަހު އެފަދަ ބޮޑު ދެ މަޝްރޫޢެއް ފެށުމަށް ތައްޔާރުވަމުން އަންނަކަމަށާއި އެމަސައްކަތް ކުރިއަށް ގެންދިޔުމަށްޓަކައި ބީއެމްއެލް ފައިނޭންސް ހަމަޖެހިފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.
އަދި މިމަޝްރޫޢުތައް ފުރިހަމަވުމުން 2045 ވަނަ އަހަރާ ހަމައަށް ކޮންމެ އަހަރަކު 12 މިލިޔަން ރުފިޔާ އިސްލާމީ ވަޤުފު ފަންޑަށް ޖަމާވަމުން ދާނެކަމަށް ވަޒީރު ވިދާޅުވިއެވެ. މީގެ އިތުރުން 2045 ވަނަ އަހަރުގެ ފަހުން ކޮންމެ އަހަރަކު 70 ވަރަކަށް މިލިޔަން ރުފިޔާ އިސްލާމީ ފަންޑަށް ވަންނާނެކަންވެސް ވަޒީރު ފާހަގަކުރެއްވިއެވެ. ވަޒީރު ވިދާޅުވީ އަމާޒަކީ 2045 ވަނަ އަހަރާހަމައަށް ދާއިރު އައުޤާފް އިންވެސްޓްމަންޓްތައް ފުޅާކުރުންކަމަށެވެ.
" އަމާޒަކީ 2045 އަންނައިރު އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށްގެންދާ މަޝްރޫޢުތަކަށް ދަޢުލަތުގެ ބަޖެޓަށް ބަރޯސާނުވެ މަދުވެގެން އަހަރަކު 100 މިލިޔަން ރުފިޔާއަށް އަރާވަރަށް އައުޤާފް އިންވެސްޓްމަންޓްތައް ފުޅަކުރުން. މިދައުރުގެ ތެރޭ އެކަން ހާސިލް ކުރެވޭނެ." އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވިއެވެ.
މާލެއާއި ހުޅުމާލޭގައި ވަޤުފު އިމާރާތްތައް ތަރައްޤީ ކުރުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން އަންނަނީ ތައްޔާރުވަމުންނެވެ. އަދި އަތޮޅުތެރޭގައިވެސް މިފަދަ މަޝްރޫޢުތައް ކުރިއަށްގެންދިޔުމަށް ނިންމާފައިވެއެވެ. މީގެ އިތުރުން ޒަކާތު ހައުސްގެ އިދާރާގެ ގޮތުގައި ހަދާ އިމާރާތުގެ މަސައްކަތުގެ އިތުރަށް ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒަށް ޚާއްސަ އިމާރާތެއް ތަރައްޤީކުރުމަށްވެސްވަނީ ނިންމަވާފައެވެ.